ފިނިޕޭޖް

އައްޒަ އާއި ޖުމާ އެންގޭޖްވީތަ؟

ދުވަހަކުވެސް ވަކިނުވާނެ ކަމަށް އެންމެ ގިނަ ބަޔަކު އުންމީދު ކުރި އެއް ޖޯޑަކީ މަރިޔަމް އައްޒަ އަދި އިސްމާއިލް ޖުމައިހް (ޖުމާ) އެވެ. އެ ދެ ހިތުގައި އުފެދުނު ލޯބީގެ ވަރުގަދަ އަސަރުގައި ޖެހި ކައިވެނިކޮށް ދަރިޔަކު ލިބުނު ފަހުން ކައިވެނި ރޫޅުނީ އެވެ. އޭގެ ފަހުންވެސް އެޖޯޑު އެގޮތުގައި އަބަދުވެސް ފެނެ އެވެ.

ދަރިފުޅުގެ ކަންކަމުގައި މަންމަ އާއި ބައްޕަ އެއްވަރަކަށް ހިއްސާވެ އެވެ. ފިލްމު އިންޑަސްޓްރީގަ އެދެ މީހުންގެ ޕްރޮފެޝަނަލް ގުޅުން ވަރަށް ވަރުގަދަ އެވެ. ޝޯ ތަކަށާއި ހާއްސަ ހަފްލާތަކަށް އައްޒަގެ މޭކަޕްކޮށްދީ އަބަދުވެސް އެންމެ ގާތުގައި ހުރީ ކުރީގެ ފިރިމީހާ ޖުމާ އެވެ. ދަރިފުޅާ އެކު އަދި ދަރިފުޅާ ނުލާ ދެ މީހުން އެކުގައި ނަގާފައި ހުންނަ ގިނަ ފޮޓޯތައް ސޯޝަލް މީޑީއާގައިވެސް ދެ ތަރިން ދަނީ ހިއްސާ ކުރަމުންނެވެ.

އަނެއްކާވެސް އިއްޔެ މިވަނީ އިތުރު ފޮޓޯއެއް ދޫކޮށްލާފަ އެވެ. ދެ މީހުންގެ އަތުގައި އަނގޮޓި އެޅުވުމަށްފަހު ނަގާފައި އިން ފޮޓޯއެއް އައްޒަ މިވަނީ އިންސްޓަގްރާމްކޮށްފަ އެވެ. ފޮޓޯގެ ކެޕްޝަންގައި އެއްވެސް އެއްޗެއް އައްޒަ ނުބުނެ އެވެ. ގިނަ ބަަޔަކު ދަނީ އެކަމާ ސުވާލު އުފައްދަމުންނެވެ. ޖުމާ އާ އައްޒަ އަލުން ގުޅުނީ ތޯ އެވެ. އެހެން ކަމުން އައްޒަ އާއި އެ ސުވާލު ކޮށްލީމެވެ. މިހާރުވެސް އައްޒަ އަދި ޖުމާ ހުރީ ފިލްމެއްގެ މަންޒަރުތައް ނެގުމަށް އަތޮޅު ތެރެއަށް ގޮސް އެވެ.

"އެކަހަލަ ކަމެއް ނޫން. ދެން ރީތި ފޮޓޯއެއް ނެގުނީމަ ހިތަށް އެރީ އިންސްޓަކޮށްލަން. ޖުމާ އާ އަލުން ގުޅުނީކީ ނޫން." ހިނިގަނޑަކާއެކު އައްޒަ ދިން ޖަވާބަކީ މިއީ އެވެ.

އައްޒަ އާއި ޖުމާ އަލުން ގުޅިދާނެ ތޯ ކުރި ސުވާލަށް އައްޒަ ބުނީ އަދި އެކަހަލަ ކަމެއް ނެތް ކަމަށާއި ކުރިއަށް އޮތްތަނުގައި ވާނެ ގޮތެއް ނޭނގޭ ކަމަށެވެ.

"ކުރިއަށް އޮތްތަނުގައި ވާނެގޮތެއް ނޭނގެ. މިހާރަކު ނެތް އެކަހަލަ ކަމެއް،" އައްޒަ ބުންޏެވެ.

ޖުމާ އާއި އައްޒަގެ ކައިވެނި ރޫޅުނު ފަހުން ޖުމާ ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދާވެސް ލޯބީގެ ގޮތުން ގުޅިގެން ދުވަސްތަކެއް ވަންދެން އުޅެފަ އެވެ.