ބޭރު ކުޅިވަރު

ރޮނާލްޑޯ އޭނާއަށް އަލަށް ލިބުނު ދެ ދަރިން ދައްކާލައިފި

Jun 30, 2017

ކްރިސްޓިއާނޯ ރޮނާލްޑޯއަށް އެއް މާބަނޑު ދެ ދަރިން ލިބުނު ކަމުގެ ވާހަކަތައް ދާދިފަހުން ވަނީ ފެންމަތިވެފަ އެވެ. އެކަމާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ކްރިސްޓިއާނޯ އެއްޗެއް ބުނެފައިވަނީ ފީފާ ކޮންފެޑަރޭޝަންސް ކަޕްގައި މިދިޔަ ބުދަ ދުވަހުގެ ރޭ ޗިލީ އަތުން ޕޯޗުގަލް ޕެނަލްޓީ ޖަހައިގެން ބަލިވި މެޗަށް ފަހު އޭނާ ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

ކްރިސްޓިއާނޯ ރޭ ވަނީ އޭނާއަށް ލިބުނު އެއް މާބަނޑު ދެ ކުދިން އުރާލައިން ނަގާފައިވާ ފޮޓޯ އެއް ސޯޝަލް މީޑީއާގައި އޭނާގެ ފޭނުންނާ ހިއްސާކޮށްފަ އެވެ. އެ ދެކުދިން އޭނަ ހޯދާފައިވަނީ ސަރޮގޭޓް މަންމައެއް މެދުވެރިކޮށެވެ. އަދި އޭނާގެ ދޮށީ ދަރިފުޅު ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާވެސް އޭނާ ހޯދާފައިވަނީ ސަރޮގޭޓް މަންމައެއް މެދުވެރިކޮށެވެ. އެ އަންހެން މީހާގެ މައުލޫމާތުވެސް ވަނީ ސިއްރުކޮށްފަ އެވެ. ރޮނާލްޑޯގެ ފުރަތަމަ ދަރި އުފަންވީ 2010 ވަނަ އަހަރެވެ.

އުމުރުން މިހާރު ހަތް އަހަރުވެފައިވާ ކްރިސްޓިއާނޯ ޖޫނިއާގެ ސަރޮގޭޓް މަންމައަށް އެފަހަރު ވަނީ 10 މިިލިއަން ޑޮލަރުދީފަ އެވެ. ރޮނާލްޑޯގެ މިލްކިއްޔާތު 230 މިލިއަން ޑޮލަރު އެބަހުރިކަމަށްވެ އެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި ރޮނާލްޑޯ އަށް ލިބުނީ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެކެވެ. އަދި މި ދެ ކުދިން އުފަންވީ ޖޫން މަހުގެ 8 ވަނަ ދުވަހު ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

ކްރިސްޓިއާނޯ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ސްޕެނިޝްގެ މޮޑެލް އެއް ކަމަށްވާ ޖިއޯޖިނާ ރޮޑްރިގޭޒް 23، އާ އެވެ.

ފީފާ ކޮންފެޑަރޭޝަންސް ކަޕްގެ ތިން ވަނަ ހޮވާ މެޗުގައި ރަޝިއާއާ ދެކޮޅަށް ޕޯޗުގަލް ކުޅޭ މެޗުގައި ރޮނާލްޑޯ ނުކުޅެ އެވެ. ޕޯޗުގަލްގެ ފުޓްބޯލް ފެޑެރޭޝަން އިން ބުނީ ކޮންފެޑަރޭޝަންސްގެ ކުރިން ރޮނާލްޑޯ ވަނީ އޭނާ އަށް ދެ ކުދިން ލިބިފައިވާކަން އަންގާފަ އެވެ. އެހެން ނަމަވެސް، އޭނާ ޓީމަށް ވަގުތު ހުސްކުރި ކަމަށާއި މި ވަގުތު އޭނާ ބޭނުންވާ ގޮތަށް އާއިލާ އަށް ވަގުތު ދިނުމަށް އޭނާ ރިލީޒްކޮށްފާވައިވާ ކަމަށެވެ.