ރެއާލް މެޑްރިޑްގެ ހެޑް ކޯޗް ޒައިނުއްދީން ޒިދާންގެ ދަރިފުޅު، އެންޒޯ ޒިދާންއަށް ރެއާލްގެ ޓީމުން ފުރުސަތު ނުދީ ޑިޕޯޓިވޯ އަލްވޭސްގެ ޓީމަށް ވިއްކައިލައިފި އެވެ.
އެންޒޯ ވަނީ، އަލްވޭސްއާ އެކު ތިން އަހަރު ދުވަހުގެ އެއްބަސް ވުމެއްގައި ސޮއި ކޮށްފަ އެވެ. ރެއާލްގެ އެކެޑެމީން ފުޓްބޯޅަ ކެރިއާ ފަށައި ރެއާލްގެ ޒުވާން ޓީމުތަކަށް ކުޅުނު އެންޒޯ ވަނީ، އޭނާގެ ބައްޕަގެ ކޯޗް ކަމުގެ ދަށުން، ރެއާލްގެ ބީ ޓީމަށް ނުވަތަ ރެއާޅް މެޑްރިޑް ކަސްޓިޔާއަށް ކުޅެފަ އެވެ.
ރެއާލްގެ ސީނިއާ ޓީމުގައި އެންޒޯ ކުޅުނީ އެންމެ މެޗެކެވެ. މިދިޔަ ސީޒަންގެ ސްޕެނިޝް ލަޕްގައި ކަލްޗަރަލް ލިއޮންސޭއާ ދެކޮޅަށް 6-1 ރެއާލް މޮޅުވި މެޗުގައި، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ޒިދާން ވަނީ އޭނާގެ ދަރިފުޅަށް ފުރުސަތު ދީފަ އެވެ. އެންޒޯ ވަނީ އެ މެޗުގައި ލަނޑުވެސް ޖަހާފަ އެވެ.
ރެއާލް މެޑްރިޑް ކަސްޓިޔާގައި އޭނާ ވަނީ 78 މެޗު ކުޅެ ހަތް ގޯލް ޖަހައި، 15 ގޯލް ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ. އަލްވޭސްއަށް، އެންޒޯ ދޫކޮށްލަން، ރެއާލްއާ އެޓީމާ ދެމެދު ވެވުނު އެއްބަސް ވުމުގައި ވާގޮތުން، ރެއާލް އަށް އެންޒޯ ލައްވައި އަލުން ސޮއި ކުރުމުވުމުގެ އިހްތިޔާރު އޮވެ އެވެ. އެއީ ޑެނީ ކަރަވަހާލް ބަޔާން ލެވަކޫސަންއަށް ވިއްކާ ލުމަށް ފަހު އެނާ އަލުން ގެނައުމާއި އަލްވާރޯ މޮރާޓާ ޔުވެންޓަސްއަށް ވިއްކާ ލުމަށްފަހު އަލުން ގެނައި އުސޫލުގެ ދަށުން ނެވެ.
އެންޒޯ އަކީ ޒިދާންގެ ހަތަރު ދަރިންގެ ތެރެއިން އެންމެ ދޮށީ ދަރި އެވެ. ހަތަރު ފިރިހެން ކުދިން ލިބުނު ޒިދާޏްގެ ހުރިހާ ދަރިންވެސް ދަނީ ރެއާލްގެ އެކެޑެމީގައި ޓްރެއިނިން ހަދަމުން ނެވެ.