ރިޕޯޓް

ނަޝީދަށްޓަކައި މައުމޫނު ލައްވާ ހައްދާ ތަޅުދަނޑި!

ރާއްޖޭގެ މުޅި ސިޔާސީ މަޝްރަހު ހުރިހާ ކަމެއް އެހެން ދިމަ ދިމާއިން ނެއްޓި މުޅީން ރައްޔިތުންގެ މަޖިލީހުގެ ވަށައިގެން އެނބުރޭތާ ހައެއްކަ މަސް ވެދާނެ އެވެ. މިހާރު ވެސް ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު އޮންނަ އެންމެ ބޮޑު ބަހުސަކީ މަޖިލީހުގެ މެޖޯރިޓީ އޮތް ފަޅިއަކާ ބެހޭ ގޮތުން ކުރާ ބަހުސެވެ. އެއްކޮޅުން މެޖޯރިޓީ ނެތް ކަމުގެ ހެއްކަކަށް ތަފާތު ފޯމިއުލާތައް ހަދަހަދައިގެން ދައްކާ އެވެ. އަނެއް ކޮޅުން ވެސް ފޯމިއުލާތައް ނެރެ އެވެ. މިފަދަ ސަބަބުތަކާ ހެދި މި ފަހަކަށް އައިސް މަޖިލީހުގައި މެޖޯރިޓީ އޮތީ ކޮން ފަރާތެއްގައިކަން ނަމްބަރުން އަދި ސާފުވިޔަސް ވާނުވާގައި ތިބި މީހުން ވަރަށް ގިނަ އެވެ.

މި ކޯޅުމުގެ ތެރެއިން ދުރަށް ޖެހިލާ އެހެން ދިމާއަކަށް ނަޒަރު ހިންގާލަމާ ހެއްޔެވެ؟ ހުރަސް ތޮށިގަނޑު ޖެހީމާ ވޮޑޭ ދިމާލާއި ގިރާ ދިމާ ބަދަލުވާ ގޮތަށް ފަހަކަށް އައިސް ރާއްޖޭގެ ލެޖިސްލޭޓިވް ބައެއް ކަންކަމަށް އައި ބަދަލުތަކާއެކު ދިވެހި ރާއްޖޭގެ ސިޔާސީ ރާޅާއި އޮއިވަރު މިހާރު ނަގައި ދައުރު ކުރަނީ ކުރިޔާ ހިލާފަށް ވަރަށް ތަފާތު ގޮތަކަށް ތަފާތު ދިމަދިމާއިންނެވެ. ކުށްވެރިވެގެން ޖަލަށް ލެވުނު ކުރީގެ ރައީސް މުހައްމަދު ނަޝީދު، އޭނާގެ ކުރީގެ ސިޔާސީ ދެ ހަތުރުން ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ގާސިމް އިބްރާހިމްގެ ފަހަތްޕުޅުގަ އެވެ. ރައީސް މައުމޫން ކަންކަމުގައި އެންމެ ކުރީ ސަފުގައި ތިބެނީ އިދިކޮޅު އެމްޑީޕީގެ އިސްވެރިންނާއި މެންބަރުންނެވެ. އަދި ގާސިމް އިބްރާހިމްގެ ކުނޫޒުގައި ޖަލްސާއެއް ބޭއްވިޔަސް އެންމެ ކުރީ ސަފުގައި އެމްޑީޕީގެ ލީޑާޝިޕެވެ. އެގޭތެރެއިން އުފެދޭ ސިޔާސީ އުދަ މިފެންނަނީ ކުރީގެ ސިޔާސީ ބާންޏާ މުޅިން ތަފާތު ގޮތަކަށެވެ. އަދި ލައްކަ ދުވަހަށް މި ބާނިގަނޑު ސާފު ނުވެ ދެމި ދެމި އޮންނާނެ ކަމަށް ބެލެވެ އެވެ. ސިޔާސީގޮތުން ވޮޑޭ ކޭމްޕާއި ގިރާލާ ކޭމްޕް އެނގޭނީ އެހިސާބުންނެވެ.

އިނގިރޭސި ސިޔާސީ ހިމާޔަތް ހޯއްދަވައިގެން މަންޒަރު ބައްލަވަން ނަޝީދު ހުންވަން ޖެހިވަޑައިގަންނަވަނީ ލަންޑަނުގައި "ތާއްޓެއް"ވެެގެނެވެ. ބޭނުންފުޅުވެ ވަޑައިގެންނެވި ނަމަވެސް 13 އަހަރުގެ ޖަލު ހުކުމް އޮތްހާ ހިނދަކު ރާއްޖެ ވަޑައިގެން މިނިވަން ކަމާއެކު އުޅުއްވުމުގެ ޖާގައެއް ނުލިބެ އެވެ. ނަމަވެސް 2018 ގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ފިޔަވާ އެހެން ފަރާތަކަށް އެމްޑީޕީން ވާދަ ވެސް ނުކުރެއްވޭނެ ކަމަށާއި ވީހާ ވެސް އަވަހަށް ރާއްޖެ ވަޑައިގަންނަވަން ކަމަށް ރައީސް ނަޝީދު ވަނީ އެކި ފަހަރުގެ މަތިން ވިދާޅުވެފަ އެވެ. އެހެންކަމުން ވެރިކަން ހޯއްދެވުމުގެ މަސައްކަތާ ދުރަށް ވަޑައިގަތުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާކަން އެމަނިކުފާނު ވެރިކަމުން "އިސްތިއުފާ ދެއްވިހާ" ސާފެވެ.

މިނިިވަން ވެގެން ވެރިކަން ހާސިލު ކުރެއްވުމަށް ބޭރުގައި ހުންނަވައި ދިވެހި ސަރުކާރަށް ޕްރެޝަރު ކުރަން ވަރަށް ގިނަ މަސައްކަތް ކުރައްވައިފި އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކީ އިއްތިހާދެއް އުފައްދައި ފެށި މަސައްކަތެވެ. އެހެންނަމަވެސް އެ މަސައްކަތަކީ ކާމިޔާބު މަސައްކަތަކަށް ނުވި އެވެ.

ރައީސް ނަޝީދު މިނިވަންވެގެން ނުކުމެ ވަޑައިގެންނެވި ދާނެ ކަމަށް ބެލެވޭ ގޮތަށް ހުޅުނު ކުޑަ ދޮރަކީ މައުމޫން، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންދިއުން ކަމަށް ރައީސް ނަޝީދަށް ވިސްނި ވަޑައިގެންނެވި އެވެ. ނޫނީ ރާއްޖެއިން ބޭރުން އެ މަނިކުފާނަށް ވާގިވެރިވާ ބަޔަކު ވިސްނައި ދެއްވި އެވެ.

މައުމޫނުގެ ނިންމެވުމާއި މައުމޫން ސާފުނުވާ ސިޔާސީ އާ ޖެންޑާއާއެކު ރައްޔިތުން މަޖިލިސް ފުށުން ޖަހައިލުމަް ފެއްޓެވި މަސައްކަތަކީ ނަޝީދު ވަރަށް ބޮޑަށް ބޭނުންފުޅުވެ ވަޑައިގެން ބައްލަވާން އިންނެވި ފުރުސަތެކެވެ. "މަޖިލީހުގެ ބާރުތައް ލިބޭނެ" އަދި "މިހާރު ލިބިއްޖެ" ކަމަށް ކޮންމެ ދުވަހަކު ކޮންމެ ރެއަކު ނެރޭ ހަބަރަކީ ސިޔާސީ ހުރިހާ ކަމެއް އެހެން ދިމަ ދިމާއިން ނެއްޓި މަޖިލީސް ގޯޅިގަނޑުގެ ތެރޭގައި އޮންނާން ޖެހުނު ސަބަބެވެ. މި ސަބަބުގެ އަޑީގައި އޮތީ އެއްވެސް ވަރަކަށް މައުމޫނު ސާފުކޮށް ދީފައި ނުވާ އޭނާގެ އެޖެންޑާ އާއި ލިބި ވަޑައިގެންނެވި ހަނި ފުރުސަތުގައި މަޖިލިސް ފުރޮޅާލައިގެން ގެނެވޭ ލެޖިސްލޭޓިވް ބަދަލެއްގެ އެހީގައި ސަރުކާރު ވައްޓާލައި ނަޝީދު މިނިވަން ވުމެވެ. ނަން ބޯޑުގައި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ ބޭރު ކުރުމުގެ މަސައްކަތް ފެށި ނަމަވެސް އަސްލަކީ އެއީ އެވެ. މި ހުރިހާ ކަމެއް ނަޝީދު "އިސްތިއުފާ ދެއްވިހާ" ސާފެވެ.

އެމްޑީޕީން ތެދުވެރިކަމާއެކު ރައްޔިތުންނަށް އޮޅުންފިލުވާދޭން ޖެހޭ ކަމެއް އެބަ އޮތެވެ. އެއީ ރިޔާސީ އިންތިހާބަށް ކައިރިވެފައިވާއިރު އެކަމަށް ސަމާލު ކަން ނުދީ މަޖިލީހުގެ މެޖޯރިޓީއާ ކޯޅުމުގެ ބޭނުމެވެ. އަނެއް ކަމަކީ އަންނަ ސެޕްޓެމްބަރު މަހުގެ ކުރިން މިނިވަން ވެގެން ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ހާމަ ކުރި އިރު މިނިވަން ކުރައްވާނެ ގޮތަކީ ކޮބައިކަމާއި އެކަމަށް ކުރާ މަސައްކަތަކީ ކޮބައި ކަމެވެ.

ރާއްޖޭގެ ސިޔާސީ މަޝްހަރު ދިރާސާ ކުރައްވާ ބައެއް ބޭފުޅުން ދެކެ ވަޑައިގަންނަވާ ގޮތުގައި މަޖިލީހުގެ މެޖޯރިޓީ ހޯދުމުގައި މައުމޫނާއެކު އެމްޑީޕީ ނުކުމެ އޮތް ބޭނުމަކީ ވެސް ރައީސް ނަޝީދު މިނިވަން ކުރަން ގާނޫނުގައި ހުރި ހުރަސްތައް ނައްތާލުމެވެ. އަދި އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ މެޖޯރިޓީ ހޯދަން އެހާ ބުރަކޮށް މަސައްކަތް ކުރަނީ ރިޔާސީ އިންތިހާބު ގާތްވެފައިވާތީ އޭގެ ކުރިން ރައީސް ނަޝީދު މިނިވަންކޮށް ވޯޓް ކަރުދާހުގައި އޭނާގެ ނަން ޖެހުމަށެވެ.

"އެމްޑީޕީން ބުނަނީ މަޖިލީހުގެ ބާރު ހޯދަނީ ހިފެހެއްޓިފައި ހުރި ހައްގުތައް އަނބުރާ ހޯދަން ކަމަށް. ނަމަވެސް އެ ޕާޓީއަށް މިވަގުތު މުހިންމީ އެ ހައްގުތައްތޯ ނޫނީ ލީޑަރު މިނިވަން ކުރުންތޯ އެބަ ޖެހޭ ސުވާލު ކުރަން. ނޫނީ ބާރު ލިބުމުން ނަޝީދު މިނިވަން ކުރައްވާނެތޯ އެބަ ޖެހޭ ސުވާލު ކުރަން. ސަބަބަކީ މީގެ ކުރިން ވެސް ނަޝީދު މިނިވަން ކުރުމުގެ އުންމީދެއް އޮތުމުން މަޖިލީހުގެ ތެރޭ އެމްޑީޕީއާ ސަރުކާރާ މަސައްކަތް ކުރީ ގުޅިގެން. އޭރު ފާސް ކުރި ބިލުތަކަކީ މިހާރު އެ ބޭފުޅުން އެންމެ ބޮޑަށް ދެކޮޅު ހަދާ ގާނޫނުތައް. ނަމަވެސް ނަޝީދު މިނިވަން ކުރެވޭނެ ކަމަށް ދެކިގެން އެއަށް ވެސް އާނއެކޭ ބުނީ ހަމަ އިދިކޮޅު އެމްޑީޕީ،" ރައްޔިތުން މަޖިލީހުގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ކުރީގެ މެންބަރަކު ވިދާޅުވި އެވެ.

"މީއިން ދޭހަ ވަނީ އިދިކޮޅު ފަރާތްތަކުން ކޮންމެ އެއްޗެއް ކީ ނަމަވެސް އެ ފަރާތްތަކުގެ ފޯކަސް ހަމައެކަނި އޮތީ ނަޝީދު މިނިވަންކޮށް ވެރިކަމާ ދިމާލަށް ދިޔުން. އަދި އެ ޕާޓީން އަބަދުވެސް ނަޝީދު ވަށައި އެނބުރޭކަން. ހައްގުތަކާއި އެހެން ވާހަކަތަކަކީ ނަޝީދު މިނިވަން ކުރުމުގެ ބޭނުމުގައި ރައްޔިތުންނަށް ދައްކާ ދަޅައެއް"

މަސީހު މަގާމުން ދުރުކުރުވަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރައްވަނީ ވެރިކަމުގެ ދަހިވެތިކަމުގައި ކަން ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ވިދާޅުވެފަ އެވެ. އިދިކޮޅު ފަރާތްތަކުން މިހާރު ބުނާ ގޮތުގައި މި ބަންދަށް ފަހު މަޖިލީސް ހުޅުވުމާއެކު ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ އެވެ. އެ ބޭނުންވާ ބަދަލަކީ މައުމޫނު މެދުވެރިކޮށް ނަޝީދު މިނިވަން ކުރަން ބޭނުވާނެ ތަޅުދަނޑިއެއް ހެއްދުމެވެ.