ވަރަށް ގިނަ ރަށްރަށުގައި މި އަހަރުގެ އީދު ފާހަގަކޮށް، އެ މަޖާގަނޑުގެ ފޮޓޯތައް ސޯޝަލް މީޑިއާ ދޫކޮށްލި އެވެ. ގުނާ އަދަދު ނުކުރެވޭހާ ގިނަ ކުޅިވަރުތަކާއި މަޖަލުގެ ފޮޓޯ އެވެ. އެ ފޮޓޯތަކުގެ ތެރެއިން އެންމެ ބޮޑަށް ލޮލުގައި އަޅައިގަތް ފޮޓޯތަކަކީ މިއީ އެވެ. ހދ. އަތޮޅުގެ ކުޑަ ރަށެއް ކަމަށްވާ ކުރިނބީގެ މަގުމަތީގެ ފޮޓޯތަކެވެ.
އެ ފޮޓޯތަކަކީ އީދު ދުވަހުގެ ފުރަތަމަ ދުވަހުގެ ފޮޓޯތަކެކެވެ. ފޮޓޯތަކުން ފެންނަނީ ކުރިނބީގެ މަގު މައްޗަށެވެ. މަގުމަތީގައި ވަނީ ވަރަށް ރީއްޗަށް ކުރަހާފަ އެވެ. ދޮންވެލިންނެވެ. ތަފާތު އެއްޗެހި ކުރަހާފައި ހުއްޓެވެ. މަޖާ ވާހަކަތައް ލިޔެފައި ވެސް ހުއްޓެވެ. ނަމަވެސް ވާނުވާއެއް ފޮޓޯތަކަކުން މުޅީން އޮޅުމެއް ނުފިލަ އެވެ.
ވާނުވާ ފިލުވައި ދިނީ އެ ރަށުގެ ޒުވާނެއް ކަމަށްވާ އަދި ކުރިން ކައުންސިލްގެ ރައީސްކަން ވެސް ކުރައްވާފައިވާ އަހުމަދު މުޖުތަބާ (މުޖޭ) އެވެ. އޭނާ ކިޔައިދިން ގޮތުގައި، އެއީ އެ ރަށުގައި ކޮންމެ ފިތުރު އީދަކާ ދިމާކޮށް ވެސް ވަރަށް އިހު ޒަމާނުންސުރެ ކުރަމުން އަންނަ ކަމެކެވެ. އެ ކަމަށް އެ ރަށު މީހުން ކިޔާ އުޅެނީ "އީދު ނައު" އެވެ.
މިކަން އިހު ޒަމާނުގައި އެ ރަށުގައި ކޮށް އުޅުނު ގޮތަކީ، ރަށުގެ ގޮނޑުދޮށުން ދޮންވެލި ނެގުމަށްފަހު އެކި ސަރަހައްދުތަކުގައި ފޮރުވާފައި ބަހައްޓަނީ އެވެ. އެކަން ކުރަނީ ރޯދަ މަހުގެ ތެރޭގަ އެވެ. ދޮންވެލިން މަގުމަތީ ކުރަހަނީ ވަރަށް ސިއްރުންނެވެ. އީދު ވިލޭރޭގެ ދަންވަރު އެވެ. ރަށުގެ ބޮޑު މަގުގައި އެ ކުރަހާ އެއްޗެއް ކުރަހަނީ ބައިބަޔަށް ބަހައިގެންނެވެ. ކުރަހައި ލިޔެފައި ހުންނަނީ އޭރަކު ރަށު ތެރޭގައި އެންމެ ބޮޑަށް ދެކެވޭ ވާހަކަ އެވެ. އެއިން ދައްކުވައިދެނީ ނަވެވެ. ދެން އޮންނާނީ ނާގެ ނަގިލި ލުމެވެ.
މުޖޭ ކިޔައިދިން ގޮތުގައި އީދު ނާގެ ނަގިލި ލަނީ ރައްޓެހިވެގެން އުޅޭ ދެ މީހެއްގެ ގެއަށެވެ. ނަގިލި ވެސް ކުރަހަނީ އެވެ. އެއް ނަގިލި ކައިވެނި ކުރުމަށް ތައްޔާރުވަމުންދާ ފިރިހެން ކުއްޖާގެ ގެއަށްލާއިރު އަނެއް ކޮޅުގެ ނަގިލި ލަނީ އަންހެން ކުއްޖާގެ ގެއަށެވެ. މިއީ ސިއްރުން ރައްޓެހިވެގެން އުޅޭ ދެ ލޯބިވެރިން ފަޅާ އަރުވާލުމުގެ ގޮތުން ވެސް ކުރާ ކަމެކެވެ.
މި އަހަރު ވެސް ނަގިލި ލާފައިވަނީ އެފަދަ ދެ ޒުވާނެއްގެ ގެއަށެވެ. އެ ދެ މީހުން ރައްޓެހިވެގެން އުޅޭކަން ގިނަ މީހުން އެނގުނީ އީދު ނާގެ ނަގިލީ ހިސާބުން ކަމަށްވެ އެވެ.
މި އީދާ ދިމާކޮށް ކުރިނބީގެ މަގުމަތިން އީދު ނާ ފެނުނު ނަމަވެސް އެކަން މިފަހުން އޮތީ ހުއްޓިފަ އެވެ. މުޖޭ ބުނި ގޮތުގައި އެކަން ހުއްޓެން ދިމާވި ސަބަބަކީ ރަށުގެ ގޮނޑުދޮށުން ދޮންވެލި ނެގުން މަނާކުރުމާ ގުޅިގެންނެވެ. މިހާރު އެކަން ކުރަން ޖެހެނީ ވެލި ގަނެގެނެވެ.
މިކަން ކުރިނބީގައި ފެށުނު އިރެއް ބުނަން ނޭނގުނު ނަމަވެސް އެ ރަށުގައި މިހާރު ތިބި ޒުވާނުން ހަނދާން ހުންނަން ފެށީންސުރެ ވެސް އެކަން ކުރާތަން ފެންނަ ކަމަށް މުޖޭ ބުންޏެވެ. ރަށުގެ ހަރު މީހުން ބުނާ ގޮތުން ވެސް އެއީ އެ ރަށުގައި އީދު ފާހަގަ ކުރުމުގެ ގޮތުން ވަރަށް އިހު ޒަމާނުންސުރެ ވެސް ކުރަމުން އަންނަ ކަމެކެވެ.
މިކަމުގައި އެންމެ ފޯރި ނަގަނީ ވެސް ދެބައި އުމުރުގެ މީހުން ކަމަށްވެ އެވެ. ނަމަވެސް އެ މީހުންގެ އިރުޝާދުގެ ދަށުން ޒުވާނުން ވެސް އީދު ނައު ކުރެހުމުގައި ބައިވެރިވެ އެވެ. ދަންވަރު ކުރާ މި ފުރިހަމަ މަސައްކަތް ބަލާލުމަށް އިރު އެރުމާއެކު އަންހެން ވެރިންނާއި ކުޑަ ކުދިން ނުކުމެ އެވެ. ކުރަހާފައި ހުންނަ އެއްޗެއްސާއި ލިޔެފައިވާ ލިޔުންތައް ބަލައި ކިޔުން ވަނީ ވަރަށް މަޖާ ކަމަކަށެވެ. އެއީ ރަށާ ވަރަށް ގުޅުން ހުރި ލިޔުންތަކާއި ކުރެހުންތަކަށްވާތީ އެވެ.
ރީތި ޕެޓާނަކަށް ކުރާފައިވާ މި އީދު ނައު ކުރިނބީގެ ބޮޑު މަގުމަތިން ފެނުނުއިރު އެހެން ރަށެއްގައި މިކަން ކުރާ ކަމެއް އަދި އެނގިފައެއް ނެތެވެ. ކޮންމެއަކަސް މި އީދު ނައުއާއެކު ކުރިނބީގެ މަގުމަތި ފެންނަނީ ވަރަށް ޗާލުކޮށެވެ. ތަފާތު މަންޒަރެކެވެ. މިއީ އުވުނަ ނުދީ އެ ރަށު ޒުވާނުން ދަމަހައްޓަންޖެހޭ ސަގާފަތެކެވެ.