މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށާއި އެކަމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ހައްލު ކުރުމަށް އެހީވުމަށް ގާއިމްކޮށްފައިވާ ގްރީން ކްލައިމެޓް ފަންޑުން ރާއްޖެއަށް ފުރަތަމަ ފަހަރަށް ފައިސާގެ އެހީ ދީފިއެވެ.
ގްރީން ކްލައިމެޓް ފަންޑް ( ޖީސީއެފް) އިން ބުނީ ރާއްޖޭގެ ރަށްރަށުގައި ސާފު ބޯފެނުގެ ހިދުމަތް ދިނުމަަށް އެފަންޑުން ދޫކުރަން ހަމަޖެހިފައިވާ 23.6 މިލިޔަން ޑޮލަރުގެ ތެރެއިން ފުރަތަމަ ތިން މިލިޔަން ޑޮލަރު ، އެމަޝްރޫއު ހިންގާ ޔޫއެންޑީޕީއާ އިއްޔެ ހަވާލުކޮށްފައިވާ ކަމަށެވެ. އެފައިސާ އަކީ އިމަޖެންސީކޮށް ފޯރުކޮށްދޭ ފެނަށް ބަރޯސާ ކުރާ 49 ރަށަކަށް ދާއިމީ ކޮށް ފެން ލިބޭނެ މިންވަރަކަށް ފެނުގެ ނިޒާމު ގާއިމް ކުރަން ޔޫއެންޑީޕީން ހިންގާ ފަސް އަހަރު ދުވަހުގެ މަޝްރޫއަކަށް ދިން ފައިސާ ކަމަށެވެ. އެމަޝްރޫއަށް ޖުމްލަ 28.2 މިލިޔަން ޑޮލަރު ހަރަދުވާއިރު، ގްރީން ފަންޑުން ދޭ 23.6 މިލިޔަނަށް ވުރެ އިތުރުވާ ބައި ހަރަދު ކުރާނީ ދިވެހި ސަރުކާރުންނާއި ޔޫއެންޑީޕީންނެވެ.
ގްރީން ކްލައިމެޓް ފަންޑު ތައާރަފް ކުރުމުގެ ބައްދަލުވުން ބޭއްވިތާ ފަސް އަހަރުވެފައިވާ އިރު އެފަންޑުން ފައިސާ ދޫކުރަން ފެށި ،މިއީ ފުރަޔަމަ ފަހަރެވެ. މިފަހަރު ރާއްޖޭގެ އިތުރުން ނެމީބިއާއާއި ވަނައުޓޫއަށް ވެސް ފައިސާ ދޫކުރިއެވެ.
ގްރީން ކްލައިމެޓް ފަންޑަކީ މޫސުމަށް އަންނަ ބަދަަލުތަކާ ބެހޭ މުއާހަދާ 'ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލަައިމެޓް ޗޭންޖް' ގެ ދަށުން ގާއިމްކޮށްފައިވާ ފަންޑެކެވެ. އެފަންޑު ގާއިމް ކުރަން ގައުމުތަކުން އެއްބަސްވީ 2009 ވަނަ އަހަރު މެކްސިކޯގެ ކަންސޫންގައި ބޭއްވި ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް 2009 ގައެވެ. އަދި ފަންޑު ހިންގުމުގެ އިންތިޒާމް ހަމަޖެއްސީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގެ ޑާބަންގައި ބޭއްވި ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަަރެންސް 2010 ގައެވެ.
ގްރީން ކްލައިމެޓް ފަންޑަށް 100 ބިލިޔަން ޑޮލަރު ފޯރުކޮށްދޭން ބޮޑެތި ގައުމުތަކުން ވައުދުވިޔަސް އަދި ފޯރުކޮށްދީފައި ވަނީ މަދު އަދަދެކެވެ.