ކުޅިވަރު

ޔޫރަޕްގެ 21 އަހަރުން ދަށުގެ ޗެމްޕިއަންކަން ޖަރުމަނަށް

Jul 1, 2017

ފައިނަލުގައި، މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ސްޕެއިންގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޔޫރަޕްގެ 21 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން، ޖަރުމަން ހޯދައިފި އެވެ.

ޕެލްންޑްގައި ކުރިއަށް ދިޔަ މުބާރާތުގައި، ރޭ ކުޅުނު ފައިނަލު މެޗު ފަށައިގެން ރަނގަޅަށް ކުޅެމުން ދިޔައީ ސްޕެއިން އެވެ. ސްޕެއިންގެ ހަމަލާ ތަކުގައި ލީޑް ކުރަމުން ދިޔައީ ޗެމްޕިއަންސް ލީގްގައި ފާހަގަ ކުރެވުނު ތަރަިން ކަމަށްވާ، އެތުލެޓިކޯ މެޑްރިޑްގެ ސައުލް ނިގޯޒް އާއި ރެއާލް މެޑްރިޑްގެ މާކޯ އެސެންސިއޯގެ އިތުރުން، އިއްޔަ، ބާސާ އަށް އަލުން ބަދަލުވީ ޖަރާޑް ޑެލޯއުފޫގެ އިތުރުން އާސެނަލްގެ ހެކްޓާ ބެލްރިން އެވެ.

ނަމަވެސް، ޖަރުމަނުން ކައުންޓާ އެޓޭކްގައި ސްޕެއިންގެ ގޯލަށް މާ ނުރައްކާތެރި ބޯޅަތަކެއް ފުރުތަމަ ހާފުގައި ފޮޮނުވާލި އެވެ. ޖަރުމަންގެ ލަނޑު މެޗގެ 40 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ހާތާ ބާލިންގެ ޑިފެންޑަރު މިކްޗަލް ވައިޒާ ބޮލުން ކާމިޔާބު ކުރި ލަންޑުން ނެވެ. އޭނާ ލަނޑު ޖެހީ، ޖެރުމީ ޓޮލްޔާން ތަނަވަސް ކޮށްދިން ފުރުސަތެއްގަ އެވެ.

ދެ ވަނަ ހާފުގައި، އަލުން ސްޕެއިންގެ ހަމަލާތައް ވަރުގަދަ ކުރި ނަމަވެސް، އެ ޓީމަށް ޖަރުމަންގެ ގޯލް ފޫއަޅުވާ ނުލެވުނެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސްޕެއިންގެ ޑެނީ ސަބާޔޮސް އެވެ. މިހާރު ކުރިއަށްދާ ޓްރާންސްފާ މާކެޓްގައި އޭނާގެ އަޑުވެސް ގަދަ އެވެ. ރެއާލް ބެޓިސްގެ މިޑްފީލްޑަރު ގެންދިއުމަށް އެންމެ ބޮޑަށް ވާދަ ކުރަމުން ދަނީ، ރެއާލް އާއި ބާސާ އިން ނެވެ. މުބާރާޓުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ސައުލް އެވެ. އޭނާ ވަނީ ފަސް ގޯލް ޖަހާފަ އެވެ.

މިއީ ޖަރުމަން މި މުބާރާތް ކާމިޔާބު ކުރި ދެ ވަނަ ފަހަރެވެ. މުބާރާތުގެ ތާރީހްގައި އެންމެ ކާމިޔާބު ޓީމަކީ، އިޓަލީ އެވެ. އެޓީމުން ވަނީ ފަސް ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ސްޕެއިންއަށް ކާމިޔާބު ކުރެވުނީ ހަތަރު ފަހަރު އެވެ.