ރާއްޖެ ކުޅިވަރު

ޓަވަރޭސް ވަކިކުރީ ކީއްވެ؟

Jul 1, 2017
1

އާ މެނޭޖްމަންޓަކާއެކު، ވަރުގަދަ ސްކޮޑަކާއެކު ނިއު ރޭޑިއަންޓް މި ސީޒަނަށް ކުރިމަތިލިއިރު، ޓީމު ބައްޓަން ކުރުމުގެ ޒިންމާ އެ ކްލަބުން ހަވާލުކުރީ ޕޯޗުގަލްގެ ތަޖުރިބާކާރެއް ކަމަށްވާ ބެނާޑޯ ޓަވަރޭސްއަށެެވެ. ނިއު އިން އޭރު ބުނީ ޓަވަރޭސް އަކީ ނިއު އިން ގަބޫލްކުރާ ފެންވަރުގެ ކޯޗެއް ކަމަށާއި އެ ކްލަބުން ބޭނުންވާ ކާމިޔާބީތައް ޓަވަރޭސް އަށް ހޯދައިދެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ. ޓަވަރޭސްއާއެކު، އޭނާ އިތުބާރު ކުރާ ފިޓްނަސް ޓްރެއިނަރެއް ވެސް ނިއު އަށް ގެނައި އެވެ. އެކަމަކު ސަބަބުތަކަކާހެދި، ސީޒަންގެ މެދުތެރެއިން ނިއު އިން ވަނީ ޓަވަރޭސް މަގާމުން ދުރުކޮށް، އާ ކޯޗެއް ހޯދައިފަ އެވެ. ޓަވަރޭސް ވަކިކުރިއިރު، ނިއު އިން އެކަމާ ގުޅޭގޮތުން މާބޮޑު އެއްޗެއް ނުބުނެ އެވެ. އަދި ޓަވަރޭސް ވެސް މީޑިއާގައި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ޓަވަރޭސް ވަކިކުރުމަށް ފަހު، ނިއު އިން ބުނީ ޓަވަރޭސްގެ އިރުޝާދުގެ ދަށުން ނިއުގެ މެނޭޖްމަންޓް އިން އުންމީދުކުރި ފެންވަރުގެ ނަތީޖާތަކެއް ނުނެރެވޭ ކަމަށެވެ. އެހެންވެ ނިއުގެ މެނޭޖްމަންޓަށް ފެނުނީ ޓަވަރޭސްގެ މަގާމުން ވަކިކޮށް، އާ ކޯޗަކާއެކު ސީޒަންގެ ބާކީ އޮތް ބައިގައި ކުރިއަށް ދިއުމަށެވެ. ޓަވަރޭސް ވަކިކުރިކަން މީޑިއާގައި ފެތުރުނުތާ ދެ ވަނަ އަށް ވީ ދުވަހު، ނިއުގެ އާ ކޯޗު މާލެ އަތުވެއްޖެ އެވެ. އެހެންކަމުން ނިއުގެ ކޯޗުކަން ސްޕެއިންގެ އޮސްކާ ބްރުޒޮން އަށް ހަވާލުކުރުމަކީ ކުރިން ވެސް ނިންމާފައި އޮތް ކަމެއްގެ ގޮތުގައި ބެލެވެ އެވެ.

"ނިއު އޮތީ ލީގަށް ވާދަކުރެވޭ ހިސާބެއްގައި. އަނެއްކާ އެންމެ މުބާރާތެއް ނުނިމެނީސް ނޭނގޭނެ ބުނާކަށް އޭނާ އަށް އުންމީދުކުރި ފެންވަރުގެ ނަތީޖާއެއް ނުނެރެވޭ. ނިއު ވަަރަށް ދަށްނަމަ، އެހެން ގޮތެއް ނެތް ކޯޗު ބަދަލުކުރުން ނޫނީ. އެކަމަކު ނިއުއާ އެންމެ ވާދަވެރި ޓީމު ދަށްވި ވަގުތު، ނިއު އިން ވެސް ކޯޗު ބަދަލުކޮށްގެން އާ ފެށުމަކުން ފަށަން މި ޖެހުނީ،" ފުރަތަމަ ޑިވިޝަންގެ ތަޖުރިބާކާރު ކޯޗެއް ބުންޏެވެ.

ނިއުގެ މެނޭޖްމަންޓް އިން އުންމީދުކުރި ވަރުގެ ކާމިޔާބެއް ޓަވަރޭސްގެ އިރުޝާދުގެ ދަށުން ނުނެރެވޭ ކަމަށް ނިއުގެ މެނޭޖްމަންޓް އިން ބުނާއިރު، މި ސީޒަންގެ އެންމެ މުބާރާތެއް ވެސް އަދި ނުނިމެ އެވެ. މިހާރު ކުރިއަށްދާ އެސްޓީއޯ މާލޭ ލީގުގައި ނިއު އޮތީ ޗެމްޕިއަންކަމާ ވާދަކުރެވޭ ހިސާބެއްގަ އެވެ. ނިއު އާއި ތާވަލްގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެމެދު އޮތީ ތިން ޕޮއިންޓްގެ ތަފާތެވެ.

ޓަވަރޭސްގެ އިރުޝާދުގެ ދަށުން އެސްޓީއޯ މާލޭ ލީގުގައި ނިއު ކުޅުނު 10 މެޗުގެ ތެރެއިން، ހަތް މެޗުން ވަނީ މޮޅުވެފަ އެވެ. ތިން މެޗުން ނިއު ވަނީ ބަލިވެފަ އެވެ. ނިއުގެ 10 މެޗުގައި އެ ޓީމުން ވަނީ 17 ލަނޑު ޖަހައިފަ އެވެ. އެ ޓީމު ކޮޅަށް 12 ލަނޑު ވަނީ ވަދެފަ އެވެ. މި ވަގުތު ގަދަ ހަތަރެއްގައި އޮތް ޓީމުތަކުގެ ތެރެއިން، އެންމެ ގިނަ ލަނޑު ވަދެފައިވަނީ ނިއުކޮޅަށެވެ.

ނިއު އިން ސީޒަން ފެށުނުއިރު ގެނައީ ގާނާގެ ޑިފެންޑަރެކެވެ. ކުރިން ޗެލްސީގެ ޔޫތު ޓީމަށް ކުޅެފައިވާ ޖާނުން ވަރުގަދަ ޑިފެންޑަރެއް ނަމަވެސް، ނިއުގެ ޓްރެއިނިންތަކުގައި ބައިވެރިވުމުން އޭނާ މި ވަގުތު ހުރި ފެންވަރު ސާބިތުވި އެވެ. ފިޓްނަސް ދަށްވެގެން އެ ޑިފެންޑަރު ފޮނުވާލައި، ވަގުތު ކުޑަތަންވެފައި ވަނިކޮށް ނިއު އިން ގެނައީ މޮންޓެނީގްރޯގެ ޑިފެންޑަރެކެވެ. ޓަވަރޭސް ލީގުގައި ޓީމު ބައްޓަންކުރީ މޮންޓެނީގްރޯގެ ޑިފެންޑަރު ސްޓެވާން މަރްކޮވިޗާއެކު އެވެ.

ޓަވަރޭސްގެ އިރުޝާދުގެ ދަށުން ނިއު މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު، ނިއު އަށް މާބޮޑު ތަފާތެއް ދެއްކޭ ގޮތެއްނުވެ އެވެ. ނިއުގައި އޮތް ސްކޮޑާ އަޅާބަލާއިރު، ގިނަ މެޗުތަކުގައި އެ ޓީމުގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެެވެ. ނިއުގެ ބައެއް ކުޅުންތެރިން ބުނިގޮތުގައި ޓަވަރޭސްގެ ޓްރެއިނިންތައް ރަނގަޅު ނަމަވެސް، މެޗުތަކުގައި އޭނާ އަކީ "ރިސްކެއް ނަގަން" ޖެހިލުންވާ ކޯޗެކެެވެ. ފަަހަރެއްގައި އެއީ ނަތީޖާ ނެރުމަށް ނިއުގައި އޭނާ އަށް އޮންނަ ޕްރެޝަރުގެ ސަބަބުން ވެދާނެ ކަމެކެވެ.

ނިއުގެ ސްކޮޑް ވަރުގަދަކޮށް ފެނުނު ނަމަވެސް، ޓީމު ތައްޔާރުކުރުމުގައި ޓަވަރޭސް އަށް ދިމާވި މައްސަލަތަކެއް ވެސް ހުއްޓެވެ. އެ މައްސަލަތައް އޭނާ ވަނީ ނިއު ކޯޗުކަމުން ވަކިކުރުމުގެ ކުރިން މީޑިއާއާ ހިއްސާކޮށްފަ އެވެ.

ޓަވަރޭސް ބުނި ގޮތުގައި ނިއުގައި ތިބީ ދެ ފަންތީގެ ކުޅުންތެރިންނެވެ. އެއީ ރަނގަޅު ފެންވަރުގެ ހަތް ވަރަކަށް ކުޅުންތެރިންނާއި އެއަށްވުރެ ފެންވަރު ދަށް ކުޅުންތެރިންތަކެކެވެ. އެހެންކަމުން މި ދެ ފަންތީގެ ކުޅުންތެރިންނަށް، ތަފާތު ޓްރެއިނިންތަކެއް ކުރިއަށް ގެންދަންޖެހުމަކީ ޓީމު ތައްޔާރުކުރުމަށް ދިމާވި މައްސަލައެއް ކަމަށެވެ.

"ރަނގަޅު ފެންވަރުގެ ކުޅުންތެރިން ނަގާފައި ދެން ތިބި ކުޅުންތެރިންނަށް އެބަޖެހޭ ބޭސިކް ވެސް ކިޔައިދޭން. އެހެންވީމަ ޓްރެއިނިން ކުރިއަށް ގެންދާއިރު ދަތިތަކެއް ހުރޭ،" ޓަވަރޭސް ބުންޏެވެ.

ނިއު އިން ލީގުގައި މިހާތަނަށް 17 ލަނޑު ޖަހާފައިވާއިރު، މިހާތަނަށް އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވަނީ ސްޕެއިންގެ ފޯވަޑް ގަލާޑޯ ވަލްޑޭސް އެވެ. މިދިޔަ ސީޒަންގެ ރަންބޫޓު ހޯދި އަލީ ފާސިރު (ސެންޓޭ)ގެ ފަރާތުން ލަނޑު ޖެހުމުގެ ފޯމެއް އަދި ނުފެނެ އެވެ. މިހާތަނަށް ކުޅުނު 10 މެޗުން އޭނާ ޖަހާފައިވަނީ ހަތަރު ލަނޑެވެ. ސެންޓޭ އަކީ މި ސީޒަންގައި ނިއުގެ އެޓޭކް އެންމެ ބޮޑަށް ލީޑު ކުރާނެ ކަމަށް ބެލެވުނު ކުޅުންތެރިޔާ އެވެ. މޮޅަށް ކުޅުނު ނަމަވެސް، ސެންޓޭގެ އެންމެ މުހިންމު ޒިންމާ އަކީ ގޯލު ޖެހުމެވެ. ފަހަރެއްގައި އާ ކޯޗަކާއެކު، ސެންޓޭ ގޯލު ޖެހުމުގެ ފޯމު ރަނގަޅުވެދާނެ އެވެ.

ޓަވަރޭސް ނިއު ކޯޗަކަށް ހުރި އެންމެ ފަހު މެޗަކީ ޓީސީ އަތުން 4-3 އިން މި މަހުގެ 23 ވަނަ ދުވަހު މޮޅުވި މެޗެވެ. ޓަވަރޭސް ވަކިކުރިކަން ނިއު އިން ރަސްމީކޮށް ބުނީ އެ މެޗަށް ފަހު އެވެ. އެކަމަކު ޔަގީންވާ ކަމަކީ، އެ މެޗުގެ ކުރިން ވެސް ޓަވަރޭސް ވަކިކުރަން ނިއު އިން އޮތީ ނިންމާފަ އެވެ. އާ ކޯޗުގެ ހުރިހާ ކަމެއް ވެސް އޭރު އޮތީ ހަމަޖެހިފަ އެވެ.

ތަޖުރިބާކާރުން ގަބޫލްކުރާ ގޮތުގައި ނިއުގައި އޮތް ސްކޮޑާ އަޅާބަލާއިރު، ޓަވަރޭސް އަށް ތަފާތެއް ނުދެއްކުނެވެ. އެކަމަކު އޭނާ މަގާމުން ވަކިކުރަން ތަންކޮޅެއް އަވަސް ކަމަށް ގިނަ ތަޖުރިބާކާރުން ބުނެ އެވެ. އަދި ޓީމު ރަނގަޅު ފޯމެއްގައި އޮތްއިރު، އާ ކޯޗެއް ގެނެސް، އާ ޕްލޭނެއްގެ ދަށުން އަލުން މަސައްކަތް ފެށުމަކީ ޓީމަށް ނޭދެވޭ އަސަރުކޮށްފާނެ ކަމެއްގެ ގޮތުގައި ވެސް ބައެއް ތަޖުރިބާކާރުން ދެކެ އެވެ. އެކަމަކު ބަދަލާމެދު ގޮތެއް ކިޔަން އެނގޭނީ އާ ކޯޗުގެ އިރުޝާދުގެ ދަށުން ނިއު އިން މެޗުތަކެއް ކުޅުމުންނެވެ.

ނިއު މި ސީޒަންގެ ދެވަނަ ޓްރާންސްފާގައި އިތުރަށް ވަރުގަދަވާނެ އެވެ. ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި ތަޖުރިބާކާރު މިޑްފީލްޑަރު އިބްރާހިމް ފަޒީލް (އޮއްޕޮ) އަށް ޓްރާންސްފާގައި ނިއު އަށް ކުޅެވޭނެ އެވެ. އަދި ބިދޭސީ ކުޅުންތެރިންނަށް ވެސް ބަދަލުތަކެއް އަތުވެދާނެ ކަމަށް ނިއުގެ އިސް ފަރާތްތަކުން ވަނީ ބުނެފަ އެވެ. އެހެންކަމުން އާ ކޯޗު އޮސްކާ އަށް ޓްރާންސްފާ އަށް ފަހު ލިބޭނީ ކުރިއަށްވުރެ ވަރުގަދަ ސްކޮޑެކެވެ. ކުރިއަށް ވުރެ ވަރުގަދަ ސްކޮޑަކާއެކު، އޮސްކާ އަށް އޮތް ޕްރެޝަރު ވެސް ބޮޑުވާނެ އެވެ.