ރިޕޯޓް

އާމިނަތުގެ ރޯދަމަހާއި އީދު ނަމާދު ބޮޑު ޗައިނާގައި!

Jul 3, 2017
2

އަހަންނާއި ޕާކިސްތާނުގެ ރަހުމަތްތެރިޔާ ޒަމީރު އައްސާދީ ދުނިޔޭގެ އެންމެ ބޮޑު އާބާދީ، 1.4 ބިލިއަން މީހުންގެތެރޭގައި ހިމެނިގެން އުޅޭތާ ހަތަރު މަސް ދުވަސްވީ އެވެ. މި ގައުމުގައި މުސްލިމުންނާމެދު ހަރުކަށި ފިޔަވަޅުތައް އަޅާކަމަށް ހުޅަނގުން ތުހުމަތުކުރާ ގިނަ ދިމާތަކަށް އަހަނަށް ދަތުރު ކުރެވިއްޖެ އެވެ. މި ގައުމުގެ މުސްލިމުންނާއެކު ރޯދައަށް ހަނދުބަލައި ރޯދައިގެ އަޅުކަމާއެކު 30 ރޯދަ ފުރިހަމަކޮށް މިގައުމުގެ މުސްލިމުންނާއެކު ސަލާމްކޮށް ހީ ސަމާސާކޮށް ހަދިޔާ ބަދަލުކޮށް އީދު ނަމާދެއް ކޮށް އީދުގެ އުފާ ފާހަގަކޮށްފީމެވެ. އަލްހަމްދުލިﷲ! ހުޅަނގުން ސިފަ ކުރާ ފަދަ އެއްވެސް މަންޒަރެއް އަހަރެން ވެސް އަދި ޕާކިސްތާނުގެ ރަހުމަތްތެރިޔާ ޒަމީރު އައްސާދީއަކަށް ވެސް ނުފެނެ އެވެ. އަހަރެމެން ދުށީ ރަމަޒާން މުބާރިކް ކިޔަމުން ދިޔަ އުފާވެރި މޫނު ތަކާއި އީދު އައުމުން އީދު މުބާރިކު ކިޔައިދީ ހިނިތުންވެފައިވާ މޫނު ތަކެވެ. ރޯދައިގެ އަޅުކަމުގައި މަސްއޫލުވެގެން އުޅުނު ތާހިރު ދިރިއުޅުމެއް އުޅުނު މުސްލިމުންތަކެކެވެ.

ބެއިޖިންގެ ޔާބޯލޫ އޭރިއާގެ ޔާބޯލޫ މިސްކިތުގެ ޖާގައިގެ ގޮތުން ތަނަވަސް ހޯލު ފުރާލައި ފަޅުފިލުވާފައިވަނީ ކުލަކުލައިން އަތްކަން އަޅައި ޖަރީކޮށްފައިވާ ނަމާދު ދޮޅިތަކުގައި ނަމާދު ފުރިހަމަކުރަމުންދިޔަ އެތައް ސަތޭކަ އަންހެނުންނެކެވެ. ގެތިފައިވާ ސީދާ ސަފުތަކަކަށް ފަތުރާލާފައިވާ އެކި ކުލަކުލައިގެ މަހުމާ މުސައްލާތަކުގެ މަތީގައި ނިމިގެން ދިޔަ ރޯދަ މަހުގެ ހުރިހާ ނަމާދެއް އެ މީހުން ފުރިހަމަ ކުރި އެވެ. އަންހެނުންނަށް ހާއްސަކޮށްފައިވާ ބައިގައި އެމީހުން ނަމާދުކުރަނީ އަޑުގަދަ ކުރާއިން އިއްވާ ފިރިހެނުންގެ ޖަމާއަތުގައި އިމާމުގެ ކިޔެވެއްޔަށެވެ.

ނަމާދުކޮށް ނިމުމުން މިސްކިތުގެ ގޯތިތެރޭގައި ދެ ޖިންސުގެ މީހުންނަށް ވަކިން ކާއެއްޗިހި އަތުރާފައިވާ މޭޒުތަކަށް އެންމެން ޖަމާވެ އެވެ. ޗައިނާއާއި ޗައިނާގެ މުސްލިމުންނާ ބެހޭގޮތުން އިވިފައިވާ ގިނަ ވާހަކަތަކާއެކު ހައިރާންކަން ލިބުނު ނަމަވެސް އެއީ މި ގައުމުގައި ހޭދަކުރި ހަތަރު ވަރަކަށް މަސްދުވަހުގެ ތެރޭގައި އެންމެ އުފާވެރި އިހުސާސެއް ކުރުވި އެއް ދުވަހެވެ.

ބަރަކާތްތެރި ރޯދަމަހުގެ ތިރީސް ރޯދަ ހަމަކުރުމަށްފަހު އުފާވެރި ފިތުރު އީދަށް ޗައިނާގެ މުސްލިމުން ވެސް ކީ ހޫނު މަރުހަބާއެކެވެ. ހެނދުނު ހެނދުނާ ހޭލައިގެން ގައުމުގެ އެކި ހިސާބުތަކުގައި މިސްކިތްތަކަށް އީދު ނަމާދަށް ދިޔަ އެކި ނަސްލުގެ ދެ ޖިންސުގެ އެކި އުމުރުފުރައިގެ މުސްލިމުންގެ ހަބަރު ގައުމުގެ ނޫސްތަކަށް ވެސް އެރިއެވެ. މިސްކިތްތައް ފުރިގެން ނަމާދު ފުރިހަމަކުރަން އެތައް ބަޔަކަށް ކޮޅަށް ތިބެންވެސް ޖެހުނެވެ.

ޔާބޯލޫ މިސްކިތުގެ މާހައުލުވެސް ވަކި ތަފާތެއް ނޫނެވެ. އަށެއްކަ ސަތޭކައާ ގާތްކުރާ އަދަދަކަށް މީހުން ނަމާދުކުރަން އެ މިސްކިތަށް ދިޔައިރު ފިރިހެނުންނާ އެއްވަރަކަށް އަންހެނުންވެސް ނަމާދުގައި ބައިވެރިވާން ދިޔަ އެވެ. ޗައިނާއަށް ނިސްބަތްވާ މުސްލިމުންނާއި ޗައިނާގައި ދިރިއުޅޭ އެކި ގައުމުތަކުގެ މުސްލިމުންވެސް ގިނަ އަދަދަކަށް ތިބި އެ މިސްކިތުގައި ނަމާދު ކުރަމުންދިޔަ މީހުންނަށް ފަސޭހަކުރުމަށް މިސްކިތް ހުރި މަގުގެ ދެކޮޅުގައި ޓްރެފިކް ބަލަހައްޓާ ފުލުހުން ދިޔައީ ހަރަކާތްތެރިވަމުންނެވެ. މުސްލިމުންނާމެދު ހަރުކަށި ފިޔަވަޅުތަކެއް އަޅާކަމަށް ތުހުމަތުކުރާ ޗައިނާގެ ވެރިކަންކުރާ ސަހަރުން ފެންނަމުންދިޔަ އެ މަންޒަރު ފެނި، އަހަންނާއެކު އެ މިސްކިތަށް ދިޔަ ޕާކިސްތާނުގެ ނޫސްވެރިޔާއަށް ލިބުނީ ކަންކަން އޮތްގޮތް އޮޅުންފިލުވުމަށް އާ ހިއްވަރެކެވެ. އިސްލާމީ ގިޔާދަތެއްގެ މައްޗަށް ބިނާވެފައިވާ ޕާކިސްތާނުންވެސް ނުފެންނަ މަންޒަރެއް ޗައިނާއިން ފެނުމުން އޭނާ ހުރީ އާޝޯހުވެފަ އެވެ. މިސްކިތްތަކުގައި އަންހެނުން ނަމާދުކުރާ މަންޒަރަކީ ޕާކިސްތާނުން ނުފެންނަ މަންޒަރަކަށް ވާތީއެވެ. އަދި އެހެންވެސް ދުނިޔޭގެ ގައުމުތަކުންވެސް މަދުން ނޫނީ ނުފެންނަ މަންޒަރަކަށް ވާތީއެވެ.

"ޗައިނާގެ އަންހެނުންނަށް ހާއްސަކޮށްފައިވާ މިސްކިތްތަކަކީ ޗައިނާގެ އިސްލާމްދީން ރަމްޒުކޮށްދޭ އެންމެ ތަފާތު އެއް ހެކި. މި މިސްކިތްތަކަކީ އަންހެނުންނަށް ކުރަންޖެހޭ ގަދަރު ރަމްޒުކޮށްދޭ ބިނާތަކެއް،" ނަމާދުކުރުމާއި ދީނުގެ އަޅުކަންތަކުގައި ހާއްސަކޮށް ރޯދަމަހު އަންހެނުން ފުރި ބާރުވެފައި އޮންނަ ބެއިޖިންގް ގައި ހުންނަ އަންހެނުންނަށް ހާއްސަ މަޝްހޫރު ނިއުޖީ މިސްކިތުގެ އިމާމް ގްލޯބަލް ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ. އަންހެނުންނަށް ހާއްސަ މިފަދަ މިސްކިތްތަކުގެ ސީދާ އަދަދެއް ރަސްމީ އާންމު ލިޔެކިޔުންތަކުން ފެންނަން ނެތް ނަމަވެސް ޗައިނާގެ އަންހުއި، ހަނާން، ހުބެއި، ޝަންޒީ އަދި ޝިންޖިއާ ފަދަ ޕްރޮވިންސްތަކުގައި މިފަދަ މިސްކިތްތައް ބިނާކޮށްފައިވާކަމަށް ހަނާންގެ ސޯޝަލް ސައިންސް އެކަޑެމީގެ ޕްރޮފެސަރު ޝުއި ޖިންގްޖުން ޗައިނާގެ މުސްލިމުންނާ ބެހޭގޮތުން ލިޔުއްވި ފޮތެއްގައި ބުނެފައިވެ އެވެ.

ޗައިނާގައި މުސްލިމުންނަށް މިނިވަންކަމެއް ނެތޭ ބުނާ ބުނުމާމެދު މާގިނަ ބަހުސް ކުރުމުގެ މަގުސަދެއް ނެތެވެ. އެހެން ނަމަވެސް ލޮލުން ފެނި އިހުސާސްކުރި ކަންތައްތައް ކިޔަވަން ދާ ޔުނިވަސިޓީގެ ފުންނާބު އުސް ޕްރޮފެސަރަކާ ހިއްސާކޮށްލައި ވާހަކަ އޮޅުންފިލުވަން ބޭނުންވީ ދުނިޔެއާ މާ ބޮޑު ގުޅުމެއް ނުބާއްވައި އަމިއްލަ މަސައްކަތުގައި އަބަދު ބުރަކޮށް އުޅޭ 1.4 ބިލިއަން މީހުންގެ ސަގާފަތާއި އާދަކާދަ އޮޅުންފިލުވުމުގެ ބޭނުމުގަ އެވެ. އަދި ވަކި ދީނަކަށް ނިސްބަތް ނުވާ ކޮމިއުނިސްޓް ސޯޝަލިސްޓް ދައުލަތެއް ގާއިމް ކުރެވުނުތާ 67 އަހަރުވީއިރު މުސްލިމުންނާބެހޭ ގޮތުން ކޮންމެ އަހަރަކު ހުޅަނގު ދައްކާ ވާހަކަތަކާމެދު އިލްމީ ނަޒަރަކުން ވިސްނާލުމުގެ ބޭނުމުގަ އެވެ.

"ޗައިނާ އަކީ އެންޓި-މުސްލިމް ގައުމެކޭ ތި ބުނަނީ ކިހާވަރެއްގެ ހެއްކެއްގެ މައްޗަށް ބިނާކޮށްގެން ކަމެއް ނޭނގެ. ޗައިނާއަށް އިސްލާމް ދީން އައިތާ 1،400 އަހަރު ވެއްޖެ. ބުދިޒަމަށްފަހު ދެން އައީ އިސްލާމް. ޗައިނާގެ ޝިންޖިއާ ޕްރޮވިސްގެ މެޖޯރިޓީއަކީ މުސްލިމުން. އެމީހުންނާ އެކު "ހަން" ނަސްލުގެ މީހުންވެސް އެ ދިރި އުޅެނީ. އަދި އެހެން ދީންތަކުގެ މީހުންވެސް. އެމީހުން އުޅެނީ އަމާންކަމާއެކު. ބީބީސީ ފަދަ ނޫސްތަކުން ބުނާ ރިޕޯޓްތަކަށް ބުރަވުމަށްވުރެ އަމިއްލަ ލޮލުން މިކަންކަން ދެކިލުން ރަނގަޅު،" ބެއިޖިންގެ ރެންމިން ޔުނިވަސިޓީގައި އިންޓަނޭޝަނަލް ސްޓަޑީސް ކިޔަވައިދެއްވާ ޕްރޮފެސާ އަދި ލިޔުންތެރިޔާ ވާންގޔީވެއި ވިދާޅުވި އެވެ. "މި ބުނަނީ މައްސަލަތަކެއް ނެތޭ އެއް ނޫން. ތަފާތު ދީންތަކުގެ ތަފާތު މީހުން އުޅޭ އިރު މައްސަލަތައް އުފެދޭނެ. އެފަދަ ކަންކަމުން ހުޅަނގުގެ ގައުމުތައް ފައިދާ ނަގަނީ ޗައިނާ އާ ޖައްސާލަން،"

ޗައިނާގައި މިހާތަނަށް ހޭދަކުރެވުނު ހަތަރު މަސްދުވަހުގެ ތެރޭގައި ޗައިނާގެ ހަ ޕްރޮވިންސަކަށް ދަތުރު ކުރެވިއްޖެ އެވެ. އާންމުންނާވެސް ދިމާވެ އެވެ. ޕްރޮވިސްތަކުގެ އިސް ބޭފުޅުންނާ ދިމާވެ ދައްކާ ވާހަކަތަކުގައި "އަޅުގަނޑަކީ މުސްލިމެކޭ" ބުނެލާ އިރަށް ޗައިނާގެ އިސްލާމީ ތާރީހުން އެ މީހުންނަށް އެނގޭ މިންވަރެއް ހިއްސާކޮށްލަނީ ހިނިތުންވުމަކާ އެކުގަ އެވެ. ރޯދަ މަހުގެ ތެރޭގައި ވެސް ކުރި ދަތުރު ތަކުގައި ވީ ވަރަކުން ނަމާދު ގަޑިތަކަށް އަހަރެމެންނަށް ވަގުތު ހުސްކޮށްދީ ހާރު ކެވޭނެ އިންތިޒާމް ވެސް ހަމަޖައްސައިދެނީ އިސްލާމަކަށް ވީތީ ވަކި ތަފާތު ކުރުމެއް ނެތި އެވެ.