ހަބަރު

މުދާ އުފުލާ ދޯންޏެއް ވިލިމާލޭ ތޮއްޓަށް އުރިއްޖެ

މުދާ އުފުލާ ދޯންޏެއް ވިލިމާލޭ ބޭރު ތޮއްޓަށް އުރިއްޖެ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސާ ކެޕްޓަން އިބްރާހިމް އާޒިމް މިރޭ ވިދާޅުވީ ވިލިމާލޭ ބޭރު ތޮއްޓަށް 70 ފޫޓުގެ ދޯންޏެއް އުރިފައިވާކަން ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއޫ ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީ) އަށް ރިޕޯޓް ކުރީ މިރޭ 7:30 އެހާކަންހާއިރު ކަމަށެވެ. އަދި ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ އެ ދޯނީގެ ބުރަފައްޗައް ދިމާވީ މައްސަލައެއްގައި ކުއްލިއަކަށް އިންޖީނު ހުއްޓިގެން ކަމަށެވެ.

"އެމްއެންޑީއެފްގެ ކޯސްޓްގާޑުން ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެ އެ ދޯންޏަށް އެހީތެރިވަމުން،" އާޒިމް ވިދާޅުވި އެވެ.

"ފްރެޝް 6" ނަމަކަށް ކިޔާ މި ދޯނި ވިލިމާލޭ ތޮއްޓަށް އުރުނު އިރު އޭގައި ތިބީ ބަންގަލަދޭޝްގެ ދެ މީހުންނާއި ދިވެއްސެކެވެ. އެއިން މީހަަކަށް އަނިއެއްވި ކަމެއް އަދި އެނގިފައެއް ނުވެއެވެ.