ބޭރު ކުޅިވަރު

ރޮނާލްޑޯ ނެތިވެސް ޕޯޗްގަލްއަށް މޮޅު ވެވޭނެ

Jul 2, 2017

ފީފާ ކޮންފެޑްރޭޝަން ކަޕްގެ ތިން ވަނަ ހޮވާ މެޗުގައި، މިއަދު މެކްސިކޯއާ ދެކޮޅަށް ކުޅޭ މެޗުގައި، ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނެތިވެސް، ޕޯޗްގަލްއަށް ކާމިޔާބު ހޯދޭނެ ކަމަށް، ޓީމުގެ ޑިފެންޑަރު ސެޑްރިކް ސޮއަރޭސް ބުނެފި އެވެ.

ސައުތުހެމްޓަންއަށް ކުޅޭމުންދާ ސެޑްރިކް ބުނީ، ރޮނާލްޑޯ ނެތި ކުޅެން ޖެހުމަކީ، އޭނާ ނުލައިވެސް ޕޯޗްގަލްއަށް ކާމިޔާބު ހޯދޭނެ ކަން ސާބިތުކޮށް ދޭން ބޭނުންވާ ކަމެއް ކަމަށެވެ.

ސެމީފައިނަލުގައި، ޕެނަލްޓީ ޖަހައިގެން، ޗިލީ އަތުން ކުރިމަތިވި ނާކާމިޔާބަށް ފަހު، ޕޯޗްގަލްގެ ފުޓްބޯޅަ ފެޑްރޭޝަންގެ ހުއްދައާ އެކު، ރޮނާލްޑޯ ވަނީ ޓީމު ދޫކޮށް ގޮސްފަ އެވެ. އޭނާ ދިޔައީ، ކައިވެނިން ބޭރުން، ދާދި ފަހުން އޭނާ އަށް ލިބުނު އެއްމާބަނޑު ދެ ދެރިންނާ ބައްދަލު ކުރުމަށެވެ.

އަަހެރެމެންނާއެކު، ކްރިސްޓިއާނޯ ހުރެއްޖެނަމަ ސާފްކޮށް އެނގޭނެ އަހަރެމެން ވަރުގަދަ ކަން،" ސެޑްރިކް ބުންޏެވެ. "އެކަމަކު އަހަރެމެންގެ އެބަތިބި އެފެންވަރުގައި ކުޅެވޭ ކުޅުންތެރިން، އަދި އަހަރެމެން މަސައްކަތް ކުރާނަން އަހަރެމެންގެ ހުރި އެއްޗެއް ބޭނުން ކޮށްގެން މެކްސިކޯއާ ދެކޮޅަށް ޑޮމިނޭޓް ކުރާނަން."

ސެޑްރިކް ބުނީ، ރޮނާލްޑޯ ޓީމުގެ ކޭމްޕް ދޫކޮށްލުމުގެ ކުރިން، ހުރިހާ ކުޅުންތެރިންނާ ބައްދަލު ކޮށް ކުޅުންތެރިންނަށް ހައްގުވާ ތައުރީފް ކުރި ކަމަށާއި އަދި އޭނާ ކޭމްޕް ދޫކޮށް ދާން ބޭނުންވާ ސަބަބު ކުޅުންތެރިންނަށް ހާމަ ކޮށްދިން ކަމަށެވެ.

ރޮނާލްޑޯގެ އިތުރުން، މެޗުގައި ނުކުޅެވޭނެކަން ޔަގީން ވެފައިވާ އަނެއް ކުޅުންތެރިޔަކީ، ބުރޫޝިއާ ޑޯޓަމަންޑްގެ ރަފޭލް ގުއެރޭރޯ އެވެ. އޭނާގެ ކަނާތު ފަޔަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދަން އޭނާ މިހާރު ވަނީ ޕޯޗްގަލްއަށް އެނބުރި ގޮސްފަ އެވެ.

މޮނަކޯގައި ހޭދަ ކުރުމަށްފަހު، އަންނަ ސީޒަނަށް، މެންޗެސްޓާ ސިޓީއަށް ބަދަލުވެފައިވާ، ބެނާޑޯ ސިލްވާ އަށް ވެސް މިއަދު ކުޅޭ މެޗުގައި ކުލެވޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. އެންމެ ފަހުން ކުރިއަށް ގެންދިޔަ ފަރިތަކުރުން ތަކުގައި އޭނާ ބައިވެރިވެފައެއް ނުވެ އެވެ.

ފައިނަލަށް ނުދެވުމުން، ޕޯޗްގަލްގެ މިހާރުގެ ޓީމަށް ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ. ނަމަވެސް، ސެޑްރިކް ބުނީ މިހާރު އޮތް ޕޯޗްގަލްގެ ސްކޮޑަށް ފާޑު ކިޔުން އަމާޒު ވާއިރު، ޕޯޗްގަލްގެ ފުޓްބޯޅަ ހަޔަތުގައި ހޯދި އެންމެ ބޮޑު ކާމިޔާބު ވެސް ހޯދާފައި ވަނީ މިހާރު އޮތް ސްކޮޑުންކަން ފާހަގަ ކުރަން ޖެހޭ ކަމަށެވެ.