ކުޅިވަރު

ޗެމްޕިއަނާއެކު ޗިލީ ދުނިޔޭގެ އެއް ވަނަ އަށް

Jul 2, 2017

ފީފާ ކޮންފެޑްރޭޝަން ކަޕްގެ ފައިނަލުގައި، ޖަރުމަން ބަލިކޮށް، ޗިލީ ޗެމްޕިއަންކަން ހޯދައިފިނަމަ، ޗިލީ ވެގެންދާނީ ނުރަސްމީ ގޮތުން ދުނިޔޭގެ އެއް ވަނަ ޓީމަށް ކަމަށް، ޗިލީގެ މިޑްފީލްޑާ އަރުތޫރޯ ވިޑާލް ބުނެފި އެވެ.

ވާދަވެރި މެޗެއްގައި، މިހާތަނަށް ޗިލީއަށް ޖަރުމަން ބަލި ކުރެވިފައެއް ނުވެ އެވެ. ބަޔާން މިޔުނިކަށް ކުލެމުންދާ ވިޑާލް ހުރީ، އޭނާގެ ޓީމު މޭޓުން ކުޅެމުންދާ ޖަރުމަން ބަލި ކުރުމުގެ އުންމީދުގަ އެވެ. ވޯލްޑްކަޕް ކާމިޔާބު ކުރި ޓީމާ ހިލާފަށް ކޮންފެޑްރޭޝަން ކަޕަށް ޖަރުމަނުން ގެނައީ ތަޖުރިބާ މަދު ޒުވާން ޓީމެކެވެ. އެއާ ހިލާފަށް، ޗިލީގައި އޮތީ އެގައުމުގެ ފުޓްބޯޅަ ހަޔާތުގައި އުފެދުނު އެންމެ ތަޖުރިބާކާރު ޓީމެވެ.

ކުޅިވަރު ޚަބަރުތައް ގެނެސްދޭ މަޝްހޫރު އީއެސްޕީއެންގައި، ނިކް އަމީސް ބުނެފައި ވަނީ، ޖަރުމަންގެ ޒުވާން ޓީމު ބަލި ކުރުމުގައި ޗިލީއަށް އެންމެ ބޮޑު އެހީއަކަށް ވާނީ، ޗިލީގެ ޓީމުގައި އޮތް ތަޖުރިބާ ކަމަށެވެ.

ކޮންފެޑްރޭޝަން ކަޕް ކާމިޔާބު ކޮށްފިނަމަ، ޗިލީ ފުޓްބޯޅައިގެ ރަން ޖީލަށް ޖެހިޖެހިގެން ތިން އަހަރު ތެރޭ ބައިނަލްއަގްވާމީ ތިން މުބްރާތް ކާމިޔާބު ކުރެވުނީ އެވެ. އެ ޓީމު ވަނީ 2015 ވަނަ އަހަރު ބޭއްވި ކޮޕާ އެމެރިކާ އާއި އަދި ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރަތަށް 100 އަހަރު ފުރިގެން މިދިޔަ އަހަރު ބޭއްވި ހާއްސަ މުބާރާތުގެ ޗެމްޕިއަންކަންވެސް ހޯދާފަ އެވެ.

"އަހަރެމެން ވަނީ އަހަރެމެންގެ ހުރި ވެލިއު ދަނޑު މަތީގައި ސާބިތު ކޮށްދީފަ، އަހަރެމެން އާޖެންޓީނާ ބަލި ކުރިން، އެއީ ދުނިޔޭގެ އެންމެ މޮޅު ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމެއް، ދެތިން ދުވަސް ކުރިން އަހަރެމެން މި ބަލި ކުރީ ޕޯޗްގަލް ޔޫރަޕްގެ ޗެމްޕިއަން، ވިޑާލް ބުންޏެވެ. އެހެންވީމަ (މިއަދު) އަހަރެމެން ދުނިޔޭގެ އެއް ވަނަ ޓީމު ޖަރުމަން ބަލިކޮށް ފިނަމަ އަހަރެމެން ވާނީ ދުނިޔޭގެ އެއް ވަނަ އަށް."

ޖަރުމަންގެ ކޯޗް ޖޯކިމް ލޯ ބުނީ، ޗިލީ އަކީ ދަނޑު މަތީގައި ފެންވަރު ވަޒަން ކުރަން އުނދަގޫ ޓީމެއް ކަމަށެވެ. ޖަރުމަންގެ ޒުވާން ކުޅުންތެރިން، މުބާރަތް ކާމިޔާބު ކޮށްފިނަމަ، އަންނަ އަހަރުގެ ވޯލްޑްކަޕް ސްކޮޑުގައި ހިމެނުމުގެ ފުރުސަތު ހުޅުވިގެންދާނެ އެވެ. ހުކުރު ދުވަހުގެ ރޭ، ސްޕެއިން ބަލިކޮށް، ޖަރުމަން ޔޫރަޕްގެ 21 އަހަރުން ދަށުގެ މުބާރާތް ކާމިޔާބު ކުރުމުން އެ ކުޅުންތެރިންނަށްވެސް ވޯލްޑްކަޕްގެ ސްކޮޑުގައި ހިމެނުމުގެ ފުރުސަތު ހުޅުވިފައި ވުމުން ޖަރުމަންގެ ކުޅުންތެރިންގެ ވާދަ ވެރިކަން ވަނީ ބޮޑުވެފަ އެވެ.