ބުރަ ދުވަސްތަކަކަށް ފަހު ލުޔެއް ހޯދައިދީ މީހާ އިތުރަށް ކަންނެއް ކުރުވީ ރޯދަމަހުގެ ލުއި ދިރިއުޅުމެވެ. ފަތިސް ނަމާދަށްފަހު ގިނަ އިރު ނިދާލާފައި އޮފީހަށް ގޮސް ހަތަރު ވަރަކަށް ގަޑިއިރު މަސައްކަތް ކޮށްލާފައި ގެއަށް އައުމުން އެ ދުވަހުގެ ވަޒީފާ އަދާކުރެވުނީ އެވެ. އޮފީހުގައިވެސް ކުރާނެ މާބޮޑު މަސައްކަތްތަކެއް ނެތެވެ. ހަވީރު ފިންޏަށް ރައްޓެހިންނާ އެކީ ސައިކަލު ދުއްވާލާ ތާސްގަނޑެއް ޖަހާލުމަށްފަހު ރޯދާ ވީއްލަނީ އެވެ. އެއަށްފަހު އިޝާ ނަމާދުކޮށް ތަރާވީސް އަށް ރަކުއަތް ކޮށްލާފައި ގެއަށް އައިސް އެނދަށް އަރާ ނިދި މީހުން ވަރަށް ގިނަ އެވެ.
ނުވަތަ ރޭގަނޑުގެ ބޮޑުބައެއް ފިލްމު ބެލުމާއި ވަގުތު ނުވެގެން ނުބެލި ހުރި ސީރީޒްތައް ބެލުމުގައި ވަގުތު ހޭދަ ކުރީ އެވެ. ވަރަށް ފަސޭހަ ވަރަށް ލުއި ދިރިއުޅުމެކެވެ. އަންހެނުންވެސް ދުވާލު ބުރަ ނަމަވެސް ރޭގަނޑު އެއްކޮށް ހުސް ވުމުން އެކަހަލަ ކޮންމެވެސް ކަމެއްގައި ވަގުތު ހޭދަކުރީ އެވެ. ވަޒީފާގެ މަސްއޫލިއްޔަތުތައް ކުޑަކޮށް ދުރުވުމުން އެންމެންވެސް ތިބީ ހިންހަމަ ޖެހި ސިކުނޑި ރިލެކްސް ވެފަ އެވެ.
އިތުރު ލުޔެއް ލިބުނީ އީދު ބަންދަށް ނުވަ ދުވަހުގެ ޗުއްޓީއެއް ލިބުނީމަ އެވެ. ފޮށިތަންމަތި ތައްޔާރުކޮށްގެން އެ މީހަކަށް ދެވުނު ހިސާބަކަށް ނައްޓާލީ އެވެ. އަތޮޅު ތެރެއަށާއި ރާއްޖޭން ބޭރަށެވެ. ރިސޯޓުތަކަށް ދިޔަ ދިވެހިންވެސް އެހާ ގިނަ އެވެ. ކޮންމެ ތަނަކަށް ދިޔަ ނަމަވެސް ވަރަށް އަރާމު ޗުއްޓީ އެކެވެ. ހިންހަމަ ޖެހެ ވަރަށް ނިދާލާ އާއިލާ އާ ރައްޓެހިންނާ އެކުގައި ވަގުތު ހޭދަކޮށްލާ މީހާ ހަމަޖެހިލި އެވެ. އެއްވެސް ތަނަކަށް ނުގޮސް މާލޭގައިވެސް ބައެއް މީހުން ތިއްބެވެ. އެކިއެކި ސަބަބު ތަކާ ހުރެ އެވެ.
ޗުއްޓީއަށް ދިޔަ މީހުންނާ ޗުއްޓީއަށް ނުދާ މީހުންގެ ކިބައިން އީދު ނިމުނު އިރު ފާހަގަވި އެއް ކަމެއް އެބަ އޮތެވެ. ކަންނެއް ކަމެވެ. ހަފްތާއެއް ވަންދެން ގެއިން ނުނުކުމެ ގޭގައި ހުރުމުންވެސް އިތުރަށް ކަންނެއް ވީ އެވެ. ލުއިލުއިކޮށް އުޅުމަށްފަހު ކުރީގެ ބުރަ ދިރިއުޅުމަށް މަރުހަބާ އެވެ.
މިއަދު އޮފީހަށް ދާން ޖެހޭކަން ހަނދާން ހުރި ނަމަވެސް ރޭވެސް ނިދުނީ އެހާ ލަހުންނެވެ. އާދަވެފައި ހުރީމަ އެވެ. ގަޑި ނުޖެހި އޮފީހަށް އާދެވުނީ ކިރިޔާ އެވެ. އަދިވެސް ނިދި ނުފިލަ އެވެ. ނިންޖަށްވުރެ ބޮޑަށް ކަންނެއްކަން މީހާ ވަށާލާފަ އެވެ. އަދިވެސް މަސައްކަތުގެ ތެރެއަށް ރަނގަޅަށް ނުވަދެވެ އެވެ.
އެކަމަކު ކަންނެއްކަން ފިލުވަން އެބަޖެހެ އެވެ. ކުރިއެކޭ އެއްގޮތަށް ފޯނު އެލާމް ކުރާށެވެ. ކަންނެއްކަން އިތުރުވެފައި ހުރުމުން ތަންކޮޅެއް ފަތިހާ ތެދުވާށެވެ. ތެދުވެ ކަސްރަތުކޮށްލާ ސައިބޯލައިގެން މީހާ ދުވަހަށް ތައްޔާރުވެގެން އޮފީހަށް ދާށެވެ. ތަންކޮޅެއް ކުރިން ގެއިން ނުކުންނަންވާނެ އެވެ. ޓްރެފިކްގައި ޖެހި ދާހިއްލާ ފޯވެ ގަޑިއަށް ބަލަމުން ރުޅިގަދަވުމުން ސަލާމަތްވާށެވެ. ރޭގަނޑު އަވަހަށް ނިދަންވެސްވާނެ އެވެ. އަދި ނިންޖާ ދުރުނުވާނޭހެން ކެއުމުގެ ކަންތައްތައް ބަހައްޓާ އާންމު ލައިފްސްޓައިލް ބައްޓަމް ކުރާށެވެ. އެގޮތުން ނިދަން އޮށޯތުމުގެ ގަޑިއެއްހާއިރު ކުރިން ސްމާޓް ފޯނާއި، ލެޕްޓޮޕާއި އައިޕެޑް ފަދަ އެއްޗެއްސާވެސް ދުުރުވާށެވެ. އެއީ ނިންޖަށް ހުރަސް އަޅާނެ އެއްޗެއްސެވެ.