މިއުޒިކް

ހަމްދާން އެއް ނުގެއްލޭ، އާ ބޭންޑަކާއެކު އަންނަނީ

މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަންގެ އޮޑިޝަނުން ފެށިގެން އެންމެ ގިނަ ފޭނުން ލިބުނު އެއް ބައިވެރިޔަކީ މުހައްމަދު ހަމްދާން އެވެ. ގާލާ ރައުންޑުގެ ފުރަތަމަ ބުުރުން ހަމްދާން ވަކިވިޔަސް ހިތްތަކުން ހަމްދާން ވަތްކެއް ނުވެ އެވެ. ހަމްދާންގެ ސަޕޯޓަރުން އަދިވެސް ވަރަށް ގިނަ އެވެ. ހަމްދާން ގެއްލިގެން ބައެއް މީހުން ހޯދަން ފަށައިފި އެވެ.

ހަމްދާން އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ ހުކުރު ދުވަހުގެ ރޭ ކ. ހިންމަފުށީގައި 1438 އިން ދިން އީދު ޝޯގަ އެވެ. ހަމްދާން އޭނާގެ ގްރޫޕް "ހަވާސް" ބޮޑުބެރު ދޫކޮށްލީކީ ނޫނެވެ. ހަމްދާން ގުޅުނީ 1438 އިން އުފައްދާ ބޭންޑަކާ އެވެ. އެ ބޭންޑު ހަފްތާއެއް ނުވަތަ ދެ ހަފްތާގެ ތެރޭގައި ލޯންޗުކުރާނެ އެވެ.

"ހަމްދާން 1438 އާ އަނެއްހެން ގުޅުނީކީ ނޫން. އެމީހުންގެ ބޭންޑަކާ މި ގުޅެނީ. އެހެންވީމަ އަދިވެސް ހަމްދާން ފެނިދާނެ 1438 ގެ ޝޯ ތަކުން،" އަވަސް އަށް ފޯނުން ދިން އިންޓަވިއުއެއްގައި ހަމްދާން ބުންޏެވެ.

ހަމްދާންގެ ފޭނުން މިހާރު އެންމެ ޝަކުވާ ކުރަނީ ހަމްދާންގެ އަޑުން ލަވައެއް އަޑުއަހާލަން ނުލިބިގެންނެވެ. ހަމްދާންގެ އަމިއްލަ ލަވައެއް ނުވަތަ ކަވާ ލަވައެއްގެ އަޑުވެސް ނީވޭތީ އެވެ. ހަމްދާންގެ އަޑު އަހާލަން ވެއްޖެނަމަ އަދިވެސް އަޑުއަހަން ޖެހެނީ އައިޑޮލްގައި ހަމްދާން ކިޔާފައިވާ ލަވަތަކެވެ. އެ ފޭނުންނަށް ހަމްދާންގެ ފަރާތުން އުފާވެރި ހަބަރެއް އެބަ އޮތެވެ.

"މަހެއްހާ ދުވަސް ފަހުން އިވޭނެ ހަމްދާންގެ ލަވައެއް. ކަވާ ސޯންގެއް ފުރަތަމަ މި ނެރެނީ. ތަންކޮޅެއް ފަހުން އަމިއްލަ ލަވައެއްގެ މަސައްކަތް ފަށާނަން،" ހަމްދާން ބުންޏެވެ.

ހަމްދާންގެ އަޑު މާ ގަދަނުވެގެން މިއުޅެނީ އެއް ގޮތަކަށްވެސް ހަމްދާން ދާއިރާ އާ ދުރުވެގެނެއް ނޫނެވެ. ގިޓާ ކުޅެންވެސް މިހާރު އެބަ ދަސްކުރެ އެވެ. ހަމްދާން މިދުވަސްކޮޅު ވަޒީފާގައި ތަންކޮޅެއް ބިޒީ ވީ އެވެ. އޭނާ މިހާރު މަސައްކަތް ކުރަނީ ލިޓަސް މޯލްޑިވްސް ގައި ޕްރޮޑަކްޓް އޮފިސަރަކަށެވެ. އެހެން ކަމުން ހަމްދާންގެ ޝެޑިއުލް ވަރަށް ބިޒީ އެވެ.

"ހެނދުނު ހޭލައިގެން 8:30 އަށް އޮފީހަށް ދަނީ. ވަރަށް ބިޒީ. އޮފީސް ނިންމާފައި އާންމުކޮށް ގެއަށް އާދެވޭނީ ހަތެއް ޖަހާކަށް ހާއިރު."

ހަމްދާންގެ އަޑު މާގަދައަށް ނީވިގެން އުޅެނީ އެހެންވެ އެވެ. އޮފީސް ނިންމާފައި ރޭގަނޑު ގިޓާ ކުޅެން ދަސްކުރަނީ އެވެ. އެކަމަކުވެސް ހަމްދާން ހުރީ މިއުޒިކީ ދާއިރާއިން ކުރިއަށް ދާން އަތުކުރި އޮޅާލައިގެންނެވެ. ހުނަރުވެރި ލަވަކިޔުންތެރިންގެ ފަރާތުން ލިބުނު ހިތްވަރާއި ނަސޭހަތުގައި ހިފައިގެން ކުރިއަށް ދިއުމަށް ތައްޔާރުވެ އެވެ.