މިއަދު އަމަލުކުރަން ފެށި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ސަބަބުން ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑު އިންގިލާބެއް އަންނާނެ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ގާނޫނަށް އަމަލުކުރަން ފަށެމާ ގުޅިގެން ޕީޖީ ބިޝާމް ވިދާޅުވީ، މިއަދަކީ ޖިނާއީ އަދަލުގެ ނިޒާމަށް ތާރީހީ ދުވަހެއް ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމާއި އެ މައްސަލަތަކުގައި ދައުވާކުރުމާއި ޝަރީއަތުން ބެލުމުގައި ޒަމާނުންސުރެ އަމަލުކުރަމުން ދިޔަ އިޖުރާއުތަކަށް އިންގިލާބީ ބަދަލެއް ގެންނާނެ ގާނޫނެއް ކަމަށް ޕީޖީ ވިދާޅުވި އެވެ.
"މުޅި ނިޒާމް އެއްކޮށް ބަދަލުކޮށްލާނެ ގާނޫނެއް، އަޅުގަނޑުމެން ދެކެން ބޭނުންވާ ތަރައްގީ އާއި އިންސާނީ ހައްގު ނެގެހެއްޓުމުގެ ނަޒަރިއްޔާތުން ޖިނާއީ އަދުލުގެ ކަންކަން ތަންޒީމްވުމަށް އަޅުގަނޑުމެން ބޭނުންވާ ބޭނުމަށް މި ގާނޫނުން މަގު ކޮށައިދޭ،" ޕީޖީ ބިޝާމް ވިދާޅުވި އެވެ.
މި ގާނޫނަކީ ގިނަ ދުވަސްތަކެއްގެ މަސައްކަތުގެ ނަތީޖާ ކަމަށްވާތީ، މި ގާނޫނު ވުޖޫދަށް ގެނައުމަށް އެކި މަރުހަލާތަކުގައި މަސައްކަތް ކުރެއްވި ބަންޑާރަ ނައިބުންނަށް ޕީޖީ ވަނީ ޝުކުރު ދަންނަވާފަ އެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ތިބި އެކި އެކި ބައިވެރިންނަށް ވަނީ ހިތްވަރު ދެއްވާފަ އެވެ.
ތަހުގީގު މަރުހަލާގައި އަމަލުކުރާނެ ގާނޫނީ އޮނިގަނޑެއް މި ގާނޫނުގެ ދަށުން އެކުލެވިގެންދާނެއިރު ވަކި މުއްދަތެއްގެ ތެރޭގައި މީހެއްގެ މައްޗަށް ދައުވާކުރުން ޕީޖީގެ މައްޗަށް ލާޒިމުވެގެން ދާނެ އެވެ. އަދި ގާނޫނުގެ ދަށުން ކުދިކުދި ކުށްތަކުގައި ދައުވާނުކޮށް ދޫކޮށްލުމުގެ އިހްތިޔާރު ޕީޖީ އަށް ލިބިގެން ދާނެ އެވެ. އޭގެއިތުރުން ޝަރީއަތް ފެށުމުގެ ކުރިން އިބްތިދާއީ އަޑުއެހުމެއް ބޭއްވުމާއި ޝަރީއަތުގެ އަޑުއެހުންތައް އަވަސްކުރަން ވެސް މި ގާނޫނުގެ ދަށުން ލާޒިމުކުރެ އެވެ. އަޑުއެހުންތައް ނިމުމުން ވަކި މުއްދަތެއްގައި ހުކުމްކޮށް އަދަބު ކަނޑައަޅަން ވެސް ޖެހެ އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެނައުމަށް މިދިޔަ މަސް ތެރޭގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅި އެވެ. ނަމަވެސް އެ އިސްލާހުތަކާ ގުޅިގެން ގިނަ މެންބަރުންތަކެއް ކަންބޮޑުވުން ހުރުމުން ބިލް ވަނީ އަނބުރާ ގެންގޮސްފަ އެވެ.