ކުދި ކުށްތައް ކުރާ މީހުންގެ ތެރެއިން ދައުވާނުކޮށް ނަސޭހަތް ދިނުމަށްފަހު ދޫކޮށްލާނެ މީހުން ކަނޑައެޅުމުގައި ޕްރޮސިކިއުޓާ ޖެނަރަލް އޮފީހަށް ލަފާ ދޭނެ އާ ކޮމެޓީއެއް އުފައްދައިފި އެވެ.
މި ކޮމެޓީ އުފައްދާފައިވަނީ މިއަދު އަމަލުކުރަން ފެށި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޕީޖީ އޮފީހަށް ލިބިދޭ ބާރުގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން ދައުވާނުކޮށް ދޫކޮށްލުމުގެ ބާރު ޕީޖީ އޮފީހަށް ލިބިގެންވާއިރު، އެ އޮފީހުން މީގެކުރިން އަމަލުކުރަމުން އައި އިތުރު ފުރުސަތުގެ އުސޫލު މިހާރު ވަނީ އުވިފަ އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޕީޖީ އޮފީހުން އެކުލަވާލައި މިއަދު އާންމުކުރި ގަވައިދުގައިވާ ގޮތުން އާ ކޮމެޓީއަށް ކިޔަނީ ދައުވާކުރުމުގެ
ބަދަލުގައި ނަސޭހަތްދީ ދޫކޮށްލުމުގައި ގޮތެއް ކަނޑައަޅެމުގައި ލަފާދޭ ކޮމިޓީ އެވެ. އެ ކޮމެޓީ އެކުލެވިގެން ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި ގާއިމްކޮށްފައިވާ ޕްރޮސިކިއުޝަނާބެހޭ ޔުނިޓުތަކުގެ އޯވާއޯލް ހެޑުންނާއު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ވިކްޓިމް ސަޕޯޓު ޔުނިޓުގެ
ހެޑުންގެ މައްޗަށެވެ.
ކޮމެޓީގައި މަދުވެގެން ފަސް މެންބަރުން ތިއްބަވަންޖެހޭއިރު ރިޔާސަތު ބަލަހައްޓަވާނީ ކޮންމެ ތިން މަހަކުން އެއް މަހު ބަދަލުވާ ގޮތަށް ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލެކެވެ.
މި ކޮމެޓީގެ ލަފާގެ މަތިން އެމީހެއްގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމާނީ ޕީޖީ އެވެ. ދައުވާނުކުރުމަށް ނިންމައިފިނަމަ އެމީހަކާއި ޕީޖީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަން ޖެހޭނެ އެވެ. އެ އެއްބަސްވުމުގައި ބަޔާންކުރާ ޝަރުތުތަކާ ހިލާފުނުވެއްޖެނަމަ ދައުވާނުކުރާނެ ކަމުގެ ޔަގީންކަން އޮންނާނެއިރު ޝަރުތުތަކާ ހިލާފުވެއްޖެނަމަ ދައުވާކުރުމުގެ ބާރު ޕީޖީއަށް ލިބިގެންވެ އެވެ.