ހަބަރު

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހުތަކެއް ގެންނާނަން: އޭޖީ

މިއަދު އަމަލުކުރަން ފެށި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަން ފެންނަ ކަމަށް މުއައްސަސާތަކުން ފާހަގަކޮށްފައިވާ އިސްލާހުތައް އެކުލަވާލުމަށް އެޓާނީ ޖެނަރަލް އޮފީހުން މަސައްކަތް ކުރަމުންދާ ކަމަށް އެޓާނީ ޖެނަރަލް މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެނައުމަށް މިދިޔަ މަސް ތެރޭގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅި އެވެ. ނަމަވެސް އެ އިސްލާހުތަކާ ގުޅިގެން ގިނަ މެންބަރުންތަކެއް ކަންބޮޑުވުން ހުރުމުން ބިލް ވަނީ އަނބުރާ ގެންގޮސްފަ އެވެ.

އިސްލާހުތަކާ ނުލައި، މިއަދު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ވަނީ ފަށާފަ އެވެ. އެކަމާ ގުޅިގެން އޭޖީ އަނިލް މިއަދު ނެރެއްވި ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ މިހާތަނަށް ރާއްޖޭގައި ފާސްކުރެވުނު އެންމެ ޒަމާނީ ވިސްނުމަކާއެކު ތައްޔާރުކުރެވިފައިވާ ގާނޫނެއް ކަމަށެވެ. ބޮޑު ބަދަލެއް އަންނާނެ މި ގާނޫނަކީ ދިގު މުއްދަތަކަށް ދިރާސާކުރުމަށްފަހު އެކުލަވާލި ގާނޫނެއް ވެސް ކަމަށެވެ.

"ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި މަސައްކަތް ކުރެވިފައިވާ ގާނޫނަކަށްވާތީ، ކަމާބެހޭ އިދާރާތަކުން މި ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް އެކުލަވާލުމުގެ މަސައްކަތްތައް މި އޮފީހުން ކުރިއަށް ގެންދާނަން،" އޭޖީ ވިދާޅުވި އެވެ.

މީގެކުރިން ޕީޖީ އައިޝަތު ބިޝާމް ވެސް ވަނީ އެ އޮފީހުން މި ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެންނަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ އިސްލާހުތައް ވަނީ އޭޖީ އޮފީހާ ހިއްސާވެސް ކޮށްފަ އެވެ.

ބަޔާނުގައި އޭޖީ އިތުރަށް ވިދާޅުވެފައިވަނީ، މިހާރު އަމަލުކުރަމުންދާ ގާނޫނުލް އުގޫބާތާއި އަމަލުކުރަން ފެށި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ސަބަބުން ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް އަންނާނެއިރު މި އަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލް ވެސް އަވަހަށް ފާސްވުމަކީ އުއްމީދު ކުރައްވާ ކަމެއް ކަމަށެވެ. ހެއްކާ ބެހޭ ބިލަކީ ވެސް ބޮޑެތި އިންގިލާބުތަކެއް އަންނާނެ ގޮތަށް ފަރުވާކޮށްފައިވާ ބިލެކެވެ.

ހެއްކާ ބެހޭ ބިލަކީ މަދަނީ އަދި ޖިނާއީ މައްސަލަތަކުގެ ހެކިބަސް ނެގުމާއި ހުށަހެޅުމާއި ބަލައިގަތުމުގެ އިތުރުން ހެކި ވަޒަން ކުރުމުގެ އުސޫލުތައް ބަޔާންކޮށްފައިވާ ބިލެކެވެ. އަދި ސަރުކާރު ފަރާތުން އެ ބިލު ހުށަހެޅީ އިންސާފުވެރި ޝަރިއްޔަތްތައް ކަށަވަރު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުންނެވެ. އެގޮތުން ހެކި ރައްކާތެރިކޮށްދިނުމާއި ހެކި ދޭ ފަރާތްތަކަށް ކަށަވަރުކޮށްދޭން ޖެހޭ ސަލާމަތީ ކަންކަން ވެސް މި ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ. އަދި ވަކިން ހެކިބަސް ނެގުމާއި ހެކިބަސް ދިނުމުގެ ފުރުސަތު ވެސް މި ބިލުގައި ވެއެވެ.