ކުޅިވަރު

އެފްއޭއެމްގެ އެންޓަޓެއިން ޕާޓްނަރަކަށް 1438 ބޮޑުބެރު ގްރޫޕް

އަރަމުން އަންނަ ބޮޑުބެރު ގްރޫޕް 1438 އަކީ ސަގާފަތާއި ދިވެހިންގެ ދިވެހި ވަންތަކަން ދިރުވަން މަސައްކަތް ކުރަމުން އަންނަ ބޮޑުބެރު ގްރޫޕެކެވެ. އެ ގްރޫޕުން މިވަނީ އަނެއްކާވެސް އެއް ފިޔަވަޅު ކުރިއަށް އަރާފަ އެވެ. ދިވެހިންގެ ލޭނާރާ ގުޅިފައިވާ ކުޅިވަރު ކުރިއަރުވަން އެ ގްރޫޕަށް ވެދެވެން އޮތް އެހީތަށް ވެދިނުމަށް ނިންމާފަ އެވެ.

އެގޮތުން ފުޓް ބޯލް އެސޯސިއޭޝަން (އެފްއޭއެމް) ގެ އޮފިޝަލް އެންޓަޓެއިން ޕާޓްނަރަކަށް 1438 ބޮޑުބެރު ގްރޫޕް ހަމަޖެހި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. މިއަދު އެފްއޭއެމްގައި އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ. އަދި 1438 ބޮޑުބެރު ގްރޫޕްގެ ފަރާތުން ސޮއިކުރީ މެނޭޖަރު މުހައްމަދު ސައިފް ޒާހިރު އެވެ.

އެ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް އެއް އަހަރު ދުވަހަށް އެ ގްރޫޕުން އެފްއޭއެމް އާ އެކު މަސައްކަތް ކުރާނެ އެވެ. އެފްއޭއެމްގެ ހުރިހާ އިވެންޓެއްގައި ޕަފޯމް ކުރުމާއި ހާއްސަ ޕްރޮމޯޝަނަލް އިވެންޓްތަކުގައި ޕާފޯމް ކުރަން ވަނީ ނިންމާފަ އެވެ.

"ފުޓުބޯޅަ އަކީ ދިވެހިންގެ ލެޔާއި ގުޅިފައި އޮންނަ ކުޅިވަރެއް. އެފްއޭއެމްއާ އެކު މަސައްކަތް ކުރަން ނިންމީ ދިވެހި ފުޓުބޯޅައަށް މި ގްރޫޕުން ވެދެވެން އޮތް އެހީތެރިކަމެއް ވެ ދިނުމުގެ ބޭނުމުގައި. އަދި މި ގްރޫޕްގެ ވަކިވަކި ކުދިންނަށް ބަލާއިރު ފުޓު ބޯޅާ ކުޅޭ ކުދިން ވަރަށް ގިނަވާނެ،" 1438 ބޮޑުބެރު ގްރޫޕްގެ މީޑީއާ ކޯޑިނޭޓާ އަބްދުﷲ ހާމިމް އިމްތިޔާޒް ވިދާޅުވި އެވެ.

"1438" ގްރޫޕަކީ ޒަމާނީ ބޮޑުބެރުގައި ތަޖުރިބާ ބޮޑު އަދި އެހާމެ ހުނަރުވެރި 23 މެމްބަރުންގެ މައްޗަށް އެކުލެވޭ ބޮޑުބެރު ގްރޫޕެކެވެ. އެތައް ބައެއްގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ މަޝްހޫރު ބޮޑުބެރު ލަވަކިޔުންތެރިޔާ، މުސީ އަކީ މި ގްރޫޕްގެ ލީޑް ވޯކަލިސްޓެވެ. މީގެ އިތުރުން ވެސް ގްރޫޕަށް ނިސްބަތްވަނީ ހައްތަހާ ވެސް އެއްވަރުގެ ހުނަރުވެރިންނެވެ.