ހަބަރު

ޑރ. ޝަހީދު ތައުބާވެ، މާފަށް އެދެން ޕީޕީއެމް އިން ގޮވާލައިފި

އެއްޖިންސުން ކައިވެނިކުރުމަށް ތާއީދުކޮށް އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ޓްވިޓާގައި ހިޔާލުފާޅުކޮށްފައިވާ ކަމަށް ބުނެ، އޭނާ ތައުބާވެ ދިވެހިރައްޔިތުންގެ ކިބައިން މާފަށް އެދުމަށް ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްއިން މިއަދު ގޮވާލައިފި އެވެ.

އެއްޖިންސުން ކައިވެނިކުރުމަށް ޝަހީދު ތާއީދު ކުރާކަން ހާމަކޮށްފައި ވާތީ އެކަން ކުށްވެރިކުރަމުން ޕީޕީއެމް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ޔޫރަޕްގެ ގައުމެއްގައި އެއްޖިންސުން ކައިވެނިކުުރުން ހުއްދަ ކުރުމާ ގުޅިގެން އެކަމަށް ތާއީދުކޮށް ޑރ. ޝަހީދު އިއްޔެ ކުރައްވާފައިވާ ޓްވީޓްތަކުން އެއްޖިންސުން ކައިވެނިކުރުމަކީ އިންސާނީ ހައްގެއްގެ ގޮތުގައި އޭނާ ގަބޫލު ކުރާކަން ދޭހަވާ ކަމެއް ކަމަށެވެ. އަދި އެކަންތައްތައް ރާއްޖޭގައި ހުއްދަ ކުރުމަށް ދިވެހިންގެ ތެރެއިން މަދު ބަޔަކު މަސައްކަތް ކުރަމުން އަންނަކަން ފާހަގަ ކުރަމުން ޕީޕީއެމް އިން ބުނެފައި ވަނީ، މުސްލިމެއްގެ ގޮތުގެ ހުރެގެން ﷲ ނަހީކުރައްވާފައިވާ ކަމެއް ކުރުމަށް ހިތްވަރު ދިނުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"... މާތްﷲގެ ހުކުމްފުޅުތަކާ ހިލާފަށް އެހެން ބަޔަކު ރުއްސުމުގެ ގޮތުން އެއްޖިންސުން ކައިވެނިކުރުން އެއީ މާތާހިރުކަމެއް ކަމަށް ދެއްކުމަށް އެމްޑީޕީ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ޑރ. ޝަހީދު ޓްވިޓާގައި ދައްކާފައިވާ ވާހަކަފުޅުތައް ޕީޕީއެމް އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިފަދަ ހަޑިމުޑުދާރު އަމަލުތައް ވަގުތުންވަގުތަށް ހުއްޓާލައްވައި ދިވެހިރައްޔިތުންގެ ކިބައިން މާފަށް އެދި، މާތްﷲގެ ހަޒްރަތަށް ތައުބާވުމަށް ޑރ. ޝަހީދަށް ގޮވާލަމެވެ. އަދި ޑރ. ޝަހީދު ދީނާ ހިލާފަށް ހިންގާފައިވާ ދަށު ދަރަޖައިގެ މި އަމަލު ކުށްވެރިކުރައްވައި އަޑުއުފުއްލުމަށް ދިވެހި ގައުމުދެކެ ލޯބިވާ ހުރިހާ ފަރާތްތަކަށް ވެސް މި ޕާޓީ އިން ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.

ޕީޕީއެމް އިން އަދި ބުނީ، ޝަހީދުގެ މި އަމަލުން ދޭހަކޮށްދެނީ އިސްލާމްދީނާ ހިލާފު ކަންކަން ފަތުރައި އެކަންކަމަކީ މާރީތި ކަންކަން ކަމަށް ދެއްކުމަށް އެމްޑީޕީ އިން ކުރާ މަސައްކަތް ކަމަށެވެ. އަދި އެ މަސައްކަތުގައި ޝަހީދުވެސް ފުރިހަމަޔަށް ބައިވެރިވާކަން ދޭހަކޮށްދޭ ކަމަށް ވެސް ބަޔުާނުގައިވެ އެވެ.