ހަބަރު

ނަސްރަތު އަށް ކުޑަރިކިލުން ކީ ހޫނު މަރުހަބާއެއް

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ކުރިއަށް ގެންދާ އެންމެ އަގު ބޮޑު ގުރުއާން މުބާރާތް، އެންމެ އަލިގަދަ ތަރި މުބާރާތުން ތިން ވަނަ އަށް ދިޔަ ނަސްރަތު އިސްމާއީލް އަށް ބ. ކުޑަރިކިލުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

މުބާރާތް ނިންމާލުމަށްފަހު ފުރަތަމަ ފަހަރަށް ފިރިމީހާގެ ރަށް (ކުޑަރކިލު) އަށް ދިއުމުން އެރަށުގެ ކުދިބޮޑު އެންމެން ވަނީ ބަނދަރުމަތިން ނަސްރަތު އަށް މަރުހަބާ ކިޔާފަ އެވެ. އަދި އެރަށުން ވަނީ ނަސްރަތު އަށް ހަވީރު ސައެއްވެސް ދީފަ އެވެ. އެ ސައިގައި ރަށުގެ ހުރިހާ ރައްޔިތުންވެސް ވަނީ ބައިވެރިވެފަ އެވެ. އަދި ރައްޔިތުންނަށް ވަނީ ނަސްރަތު ގުރުވާން ވެސް ކިޔަވާ ވިދާޅުވެފަ އެވެ.

ކުޑަރިކިލު ކައުންސިލްގެ ރައީސް އަބުދުލް ހަންނާން އައްބާސް ވިދާޅުވީ އެންމެ އަލިގަދަ ތަރި މުބާރާތުން ނަސްރަތު ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް ރަށުގެ ކުދިބޮޑު އެންމެން ބައިވެރިވެފައިވާ ކަމަށާއި އަދި ރަށުގެ ބަނދަރުމަތި ޒީނަތްތެރި ކޮށް ބެނާ ދަމައި މަރުހަބާ ކިޔުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީއެއްގައި ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ގޮސްފައިވާ ކަމަށް ހަންނާނު ވިދާޅުވި އެވެ.

މީގެ އިތުރުން އެރަށު ކައުންސިލުން ނަސްރަތު ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މާދަމާ ހަނދާނީ ފިލައެއް އަރުވަންވެސް ހަމަޖެހިފައި ވެއެވެ.

ޕީއެސްއެމް އިން ކުރިއަށް ގެންދިޔަ ފަސްވަނަ އަލިގަދަ ތަރި މުބާރާތުން ތިންވަނަ ހާސިލުކުރި ނަސްރަތު އިސްމާއީލް ރ. ހުޅުދުއްފާރަށް ނިސްބައިތްވާ ޒުވާނެކެވެ.