ހަބަރު

މަޖިލީހުގެ މެޖޯރިޓީ ގެއްލޭ ވާހަކަ އަކީ ދައްކާލާ ދަޅައެއް: ހަލީލް

ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އަދިވެސް އޮތީ ސަރުކާރާއި އެއްކޮޅުގައި ކަމަށާއި އިދިކޮޅު ފަރާތްތަކުން ދައްކަމުން އެދަނީ ދަޅައެއް ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްކަންވެސް ކުރައްވާ ހަލީލް، ޗެނަލް 13 ގެ ނިއުސް ޓޯކް ގައި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އަބަދުވެސް ކުރާ ވަކާލާތަކީ މަޖިލީހުގެ މެޖޯރިޓީ އޮތީ އެމީހުން އަތުގައި ކަމަށް ބުނުން ކަމަށާއި އެކަމަކު ހަގީގީ މަންޒަރެއް އެކަމުގައި ނުފެންނަ ކަމަށެވެ. ނަމަވެސް މި ފެންނަނީ މަޖިލިސް ބަންދުވާ އިރަށް މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް ލިބި މަޖިލިސް ހުޅުވުމުން މެޖޯރިޓީ ރައީސް އަބުދުﷲ ޔާމީންް އާއި އެކުވާ ތަން ކަމަށް ހަލީލް ވިދާޅުވި އެވެ. އަދި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ދަޅަދައްކައިގެން ރައްޔިތުން ހިތްހަމަ ޖައްސައި ދޭން ކަމަށާއި މަޖިލީހުގެ މެޖޯރިޓީ އެބޭފުޅުންނަށް ލިބުނު ކަމުގެ ވާހަކަ އެ ދައްކަނީ އެންމެ މެންބަރަކު ވެސް އިތުރު ނުވެގެން އިތުރު ކުރުމަށް ކަމަށް ހަލީލް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ މަސީހުގެ އިތުބާރު ނެތް މައްސަލަ ހުށަހަޅައިފި ނަމަ ކުރިންވެސް ފެއިލް ކޮށްލި ގޮތަށް އެއަށްވުރެ ވަރުގަދަކޮށް އެމީހުންގެ ފަޅިން ވޯޓް ހޯދައިގެން ފެއިލް ކޮށްލާނެ ކަމަށެވެ. އަދި ރާއްޖޭގެ ތާރިހުގައި އެންމެ ގިނަ ބިލް ފާސް ކުރި މަޖިލީހަކީ 18 ވަނަ މަޖިލީހުން ކަމަށާއި އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ މަޖިލިސް ހަލަބޮލި ކޮށްލައި ގައުމު ހަލަބޮލި ކޮށްލުމަށް ކަމަށް ހަލީލް ވިދާޅުވި އެވެ.

"އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ދަޅަދައްކައިގެން ރައްޔިތުން ހިތްހަމަ ޖައްސައި ދެވޭތޯ. މިހާރު އެ ވިދާޅުވާ މަޖިލިސް ހުޅުވުމުން އުފާވެރި ހަބަރެއް ލިބިގެންދާނެ ކަމަށް. އެއީ މަޖިލީހުގެ މެޖޯރިޓީ އެބޭފުޅުންނަށް ލިބުނު ކަމުގެ ވާހަކަ. އެކަމު އެބޭފުޅުން އެގޮތަށް އެވާހަކަ އެ ދައްކަނީ އެންމެ މެންބަރަކު ވެސް އިތުރު ނުވެގެން އިތުރު ވޭތޯ ދައްކަމުންދާ ވާހަކައެއް. ދަޅަދެއްކުމަކީ އެމީހުންގެ އާދައެއް." ހަލީލް ވިދާޅުވި އެވެ.

އެ ޕްރޮގްރާމުގައި އެންވާރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ލިބުނު ކަމަށް ދައްކަމުންދާ ވާހަކައަކީ ގައުމު ހަލަބޮލި ކުރުމަށް ކުރާ މަސައްކަތެއް ކަމަށާއި އިދިކޮޅު ފަރާތްތަކުން އަޑުގަދަ ކުރަނީ މެޖޯރިޓީ އަދިވެސް ލިބިފަ ނެތީމާ ކަމަށެވެ.

"މަސީހުގެ އިތުބާރު ނެތް މައްސަލަ ލާންވީ ނޫންތޯ މެންބަރުން ހަމަވެފައި ވާނަމަ. ހަމަ ނުވެގެން އެއުޅެނީ. ކުރިން ދެއްކި ވާހަކަ ދެކޮޅު ޖައްސަންވެގެން ދައްކާ ވާހަކަ ތަކެއް އެއީ." މިނިސްޓަރު ވިދާޅުވި އެވެ.