ދުނިޔެ

ގަލްފު ގައުމުތަކުން ގަތަރަށް ދިން މުހުލަތު 48 ގަޑި އިރަށް އިތުރުކޮށްފި

ސައުދީ އަރަބިއްޔާއާއި އަރަބި އެހެން ތިން ގައުމަކުން ގަތަރަށް ހުށަހެޅި ކަންތައްތައް ކުރަން ދިން މުހުލަތު ހަމަ ވަނިކޮށް، އެ މުހުލަަތަށް 48 ގަޑި އިރު އިތުރުކޮށްފި އެވެ.

މަޝްހޫރު ޓީވީ ޗެނަލް އަލްޖަޒީރާ ބަންދުކުރުމާއި ތުރުކީގެ އަސްކަރީ މަރުކަޒު ބަންދުކުރުން ހިމެނޭ ގޮތުން އެ ގައުމުތަކުން ހުށަހެޅި 13 ކަންތައް ފުރިހަމަ ކުރަން ފުރަތަމަ ދިން 10 ދުވަހުގެ މުހުލަތު ހަމަވީ އިއްޔެ އެވެ.

ގަތަރުން މިއަދު ބުނީ ގައުމުތަކުން ހުށަހެޅި ކަންތައްތަކަށް ގަތަރުންދޭ ރަސްމީ ޖަވާބު، ކުވައިތަށް ފޮނުވާ ޒަރިއްޔާއިން މިއަދު ދޭނެ ކަމަށެވެ. ހައްދު ފަހަނަ އަޅައި ދިއުމާއި ޓެރަރިޒަމަށް ގަތަރުން ފައިސާ ހަރަދުކުރާ ކަމަށް ސައުދީ އަރަބިއްޔާއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް( ޔޫއޭއީ) އާއި ބަހުރައިނާއި މިސްރުން ކުރާ ތުހުމަތަށް އެގައުމުން އިންކާރު ކުރެ އެވެ.

އެ ތިން ގައުމާއި ގަތަރާއި ދެމެދު އުފެދިފައިވާ އަރައިރުން ހުއްޓުވަން މެދުވެރިއަކަށް ވެެގެން އުޅެނީ ކުވައިތެވެ. ގަތަރުން ދޭ ޖަވާބު ހިމަނުއްވައިގެން ގަތަރު އަމީރު ލިއުއްވާފައިވާ ސިޓީފުޅު ކުވައިތުގެ އަމީިރަށް ރައްދުކޮށްދެއްވާނީ ގަތަރުގެ ފޮރިން މިނިސްޓަރު މިއަދު ކުރައްވާ ދަތުރުފުޅެއްގަ އެވެ.

ގަތަރުގެ ފޮރިން މިނިސްޓަރު މުޙައްމަދު ބިން ޢަބުދުއް ރަޙުމާން ބިން ޖާސިމްް އައް ސާނީ އިއްޔެ ވިދާޅުވެފައި ވަނީ އެގައުމާ ގުޅުން ކަނޑާލައިގެން އުޅޭ 13 ކަންތަކުގެ ތެރެއިން އެއްވެސް ކަމެއް ގަތަރުން ގަބޫލުނުކުރާނެ ކަމަށެވެ. ނަމަވެސް ރަނގަޅު ޝަރުތުތަކަކާ އެކު މަޝްވަރާ ކުރަން އެގައުުމުން ތައްޔާރަށް އޮތް ކަމަށް ވެސް އޭނާ އިއްޔެ ވިދާޅުވި އެވެ.

އިޓަލީގެ ވެރިރަށް ރޯމްގައި ބޭއްވެވި ނޫސްކޮންފަރެންސެއްގައި އޭނާ ވިދާޅުވީ ޝަރުތައް ހުށަހެޅި އިރުވެސް އެގައުމުތަކުގެ ބޭނުމަކީ ގަތަރުން އެކަމަށް އިންކާރު ކުރުން ކަމަށެވެ. އެންމެ 10 ދުވަހުގެ މުހުލަތެއް ދިނީވެސް އެހެންވެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެންމެނަށް ވެސް އިނގޭ މިއީ ގަތަރުގެ ދައުލަތުގެ ސިޔާދަތާ ބެހެން އަމާޒުކޮށްފައިވާ ހުށަހެޅުންތަކެއް ކަން. ވާހަކަ ދެއްކުމުގެ މިނިވަންކަން ނަގައިލުމަށާއި (ގަތަރު) އޮޑިޓް ކުރުމުގެ މެކޭނިޒަމެއް ގާއިމްކުރަން ކަން ވެސް،" މުޙައްމަދު ވިދާޅުވި ކަމަށް އަލް ޖަޒީރާގެ ހަބަރުގައި ވެއެވެ.

މުޙައްމަދު ވިދާޅުވެފައި ވަނީ ހުށަހެޅުންތަކަށް ބޯ ނުލަނބައިގެން އަސްކަރީ ފިޔަވަޅު އަޅާފާނެތީ ގަތަރުން ބިރު ނުގަންނަ ކަމަށެވެ.

ޓެރަރިޒަމަށް ވާގިދޭ ކަމަށް ބުނެ އަރަބި ގައުމުތަކުން ގަތަރާ ގުޅުން ކަނޑައިލީ މިދިޔަ ޖޫން މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެއަށް ފަހު އެގައުމުތަކުން ވަނީ 13 ކަމެއް ކުރަން ގަތަރަށް ހުށަހަޅާފައެވެ. އީރާނާ ސިޔާސީ ގުޅުން ކަނޑައިލުމާއި ގަތަރުގައިވާ ތުރުކީގެ އަސްކަރީ މަރުކަޒުތައް ބަންދުކުރުމާއި އަލް ޖަޒީރާ ބަންދުކުރުން އޭގެ ތެރޭގައި ހިމެެނެ އެވެ.