ދުނިޔެ

އެމެރިކާއިން މަނަވަރެއް ފޮނުވައިގެން ޗައިނާ ރުޅިއަރުވައިފި

ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ކޮންޓްރޯލް ކުރާ ސަރަހައްދެއްގައި އެމެރިކާގެ މަނަވަރަކުން ހަރަކާތްތަކެއް ހިންގައިފިއެވެ.

އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ބުނީ އެ ހަރަކާތަކީ އެ ސަރަހައްދުގެ މިލްކުވެރިކަމަށް ދައުވާ ކުރާ ޗައިނާއާއި ޓައިވާނާއި ވިއެޓްނާމަށް ވެސް ގޮން ޖަހަން ހިންގި ހަރަކާތެއް ކަމަށެވެ.

އެމެރިކާއިން ހިންގި ހަރަކާތުގައި އެގައުމުގެ މަނަވަރު ޔޫއެސްއެސް ސްޓިތީމް ވަނީ ދެކުނު ޗައިނާ ކަނޑުގައިވާ ޕަރަސެލް އައިލެންޑްސް ނަމަކަށް ކިޔާ އަތޮޅުގައިވާ ޓްރިޓޯން އައިލެންޑް ނަމަކަށް ކިޔާ ރަށާ 12 ނޯޓިކަލް މޭލަށް ކައިރިވެފައެވެ. ޔޫއެސްއެސް ސްޓިތީމް އަކީ ގައިޑެޑް މިސައިލް ޑެސްޓްރޯޔާ އެކެވެ.

އެމެރިކާގެ އެހަރަކާތާ ބެހޭ ގޮތުން ޗައިނާގެ ފޮރިންް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމެރިކާގެ މަނަވަރެއް ހުއްދަނެތި ޗައިނާގެ ސަރަހައްދަކަށް ވަދެފައިވާ ކަމަށެވެ.

" އެ އޮޕަރޭޝަނަކީ ސިޔާސީ އަދި އަސްކަރީ ސީރިއަސް ރުޅިއެރުވުމެއް،" ޗައިިނާއިން ރޭ ނެެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލޫކާން އާ ހަވާލާދީ ރޮއިޓާސް ބުނީ އެމެރިކާގެ މަނަވަރަށް އިންްޒާރުދިނުމަށް ޗައިނާއިން މަނަވަރުތަކާއި ހަނގުރާމަމަތީ މަތިންދާބޯޓްތައް ފޮނުވި ކަމަށެވެ. އެފަދަ ރުޅި އެރުވުމުގެ އަމަލުތައް ހުއްޓައިލުމަށް ލޫ އެމެރިކާއަށް ގޮވައިލެއްވިއެވެ.

" ޗައިނާގެ ސިޔާދަތަށް ގެއްލުންވާ، އަދި ސަލާމަތަށް ނުރައްކާވާ، ރުޅި އެރުވުމުގެ މިފަދަ އަމަލުތައް ހުއްޓައިލަން ޗައިނާއިންް އެމެރިކާއަށް ވަރުގަދައަށް ގޮވާލަން. އަމިއްލަ ނަފުސުގެ ދިފާއުގައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް ޗައިނާއިން އަޅާނަން،" ލޫ ވިދާޅުވި ކަމަށް ރޮއިޓާސްގެ ހަބަރުގައި ވެއެވެ.

އެމެެރިކާގެ އެ އަމަލުތަކުގެ ސަބަބުން ދެކުނު ޗައިނާ ކަނޑުގައި މިހާރު އޮތް ހާލަތު ބަދަލުނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.