ހަބަރު

އެޗްއާރްސީއެމްގެ ނައިބް ރައީސްއަކަށް ޒާހިދު ހޮވަން ހުށަހަޅައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، އެޗްއާރުސީއެމްގެ ނައިބް ރައީސް ކަމަށް މުހައްމަދު ޒާހިދު އައްޔަން ކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން މިއަދު ވަނީ އެޗްއާރްސީއެމްގެ ނައިބް ރައީސް ކަމަށް ޒާހިދު އައްޔަން ކުރުމަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވި ސިޓީފުޅު އިއްވައި އެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް ފޮނުވައިފަ އެވެ.

މަޖިލީހުގެ ރުހުމާއި އެކު ޒާހިދު ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެޗްއާރުއެމްސީގެ މެންބަރު ކަމަށް އައްޔަނު ކޮށްފަ އެވެ. އެޗްއާރްސީއެމްގެ މެންބަރު ކަމަށް ޒާހިދު އައްޔަކޮށްފައިވަނީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޝިިފާގު މުފީދު (ހިސްޓޯ) އިސްތިއުފާ ދެއްވުމުން މެންބަރެއްގެ މަގާމު ހުސްވުމުންނެވެ.

ޒާހިދު މިހާރު ހުންނަވަނީ ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ. ޒާހިދަކީ އެޗްއާރްސީއެމްގެ ފުރަތަމަ ދައުރުގައި ވެސް އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.