ދުނިޔެ

އުތުރުކޮރެއާ ބެހޭގޮތުން ޖަޕާނާއި ޗައިނާއާ އެކު ޓްރަމްޕް މަޝްވަރާކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ޖަޕާނުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭއާއި ޗައިނާގެ ރައީސް ޝީޖިންޕިން އާ އާދީއްތަ ދުވަހު ފޯނުން ގުޅުއްވައި ، އުތުރުކޮރެއާއާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

ޝީއާއި ޓްރަމްޕް ދެއްކެވި ވާހަކަފުޅާ ބެހޭ ގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސް އިން ބުނީ އުތުރުކޮރެއާއިން ނިއުކްލިއަ ބާރު ކަނޑުވައިލަން ގުޅިގެން މަސައްކަތް ކުރަން ދެގައުމުން ވެފައިވާ ވައުދު އެ ދެބޭފުޅުން އާ ކުރެއްވި ކަމަށެވެ. އަދި ބުނީ އެމެރިކާގެ ވިޔަފާރީގެ ބައިވެރިންނާއި އެގައުމާ ދެމެދު އޮންނަ ގުޅުން ހަމަހަމަކޮށް ގެންދަވަން މަސައްކަތް ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވާ ވިދާޅުވުން ޝީއާ ދެއްކެވި ވާހަކަފުޅުގައި ތަކުރާރުކުރެއްވި ކަމަށެވެ.

ޗައިނާގެ ރައީސާ ޓްރަމްޕް ވާހަކަފުޅު ދެއްކެވި ނަމަވެސް އުތުރުކޮރެއާގެ ނިއުކްލިއަ މަަސައްކަތްތައް ހުއްޓުވުމުގައި ޗައިނާ ނާކިޔާބު ވަމުން ދާތީ އެކަމުގެ ހިތް ހަމަ ނުޖެހުން އެމެރިކާއިން ދަނީ ވަރަށް ބޮޑަށް ފާޅުކުރަމުންނެވެ. ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމާ މެދު ޗައިނާއިން ކުރާ ދައުވާއަށް ގޮން ޖެހުން އެމެރިކާއިން އިތުރުކޮށްފައި ވަނީ އެހެންވެ ކަމަށް ބެލެވެ އެވެ.

ޖަޕާނުގެ ބޮޑުވަޒީރު އަބޭއާއި ޓްރަމްޕް ދެއްކެވި ވާހަކަފުޅުގައި ދެބޭފުޅުން ވެސް ތަކުރާރުކޮށްފައި ވަނީ އުތުރުކޮރެއާއިން ކުރިމަތިކުރާ ނުރައްކަލާ ކުރިމަތިލުމަށް ތައްޔާރަށް ތިބުމުގެ ވައުދެވެ.