ބޭރު ކުޅިވަރު

ޗިލީ ބަލިކޮށް ޖަރުމަންގެ "ޒުވާން" ޓީމު ކޮންފެޑަރޭޝަންސް ކަޕް ކާމިޔާބުކޮށްފި

Jul 3, 2017

ފައިނަލްގައި ޗިލީ އަތުން 1-0 އިން މޮޅުވެ، ފީފާ ކޮންފެޑަރޭޝަންސް ކަޕްގެ ޗެމްޕިއަންކަން ޖަރުމަނުން ރޭ ހޯދައިފި އެވެ. މިއީ ފީފާ ކޮންފެޑަރޭޝަންސް ކަޕްގެ ޗެމްޕިއަންކަން ޖަރުމަނުން ހޯދި ފުރަތަމަ ފަހަރެވެ.

ދުނިޔޭގެ ޗެމްޕިއަން ޖަރުމަނާއި ދެކުނު އެމެރިކާގެ ޗެމްޕިއަން ޗިލީގެ ކުރިމަތިލުމުގެ ހަމައެކަނި ލަނޑު މެޗުގެ 20 ވަނަ މިނިޓުގައި ޖެހީ ޖަރުމަންގެ ލާސް ސްޓިންޑަލް ޖެހި ލަނޑުންނެވެ. މިއީ ޗިލީގެ މާސެލޯ ޑިއާޒް ހެދި މިސްޓޭކެއްގެ ފައިދާ ނަގައި، ޖަރުމަނުން ތަނަވަސްކުރި ފުރުސަތެއްގައި ސްޓިންޑަލް ޖެހި ލަނޑެކެވެ.

ޗިލީގެ އަޓޫރޯ ވިޑާލް އާއި އެންޖެލޯ ސަގާލް އަށް ދެވަނަ ހާފުގައި ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، ފުރުސަތުގެ ބޭނުން ނުހިފުނެވެ.

ޖަރުމަނުން ފުރަތަމަ ފަހަރަށް ކޮންފެޑަރޭޝަންްސް ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު، މިއީ އެ ގައުމުގެ ފުޓްބޯޅައިގެ ތާރީހުގައި ހާއްސަގޮތަކަށް ފާހަގަކުރެވޭނެ ކާމިޔާބެކެވެ. އޭގެ ސަބަބަކީ މި އަހަރުގެ ކޮންފެޑަރޭޝަންސް ކަޕަށް ޖަރުމަނުން ފޮނުވި ޓީމުގައި ޖަރުމަންގެ ސީނިއާ ގިނަ ކުޅުންތެރިންތަކެއް ނެތުމެެވެ. މި މުބާރާތުގައި ނުކުޅޭ ސީނިއާ ކުޅުންތެރިންގެ ތެރޭގައި ގޯލްކީޕަރު މެނުއެލް ނޯޔާ އާއި މެސުތު އޮޒިލް އާއި ޓޯނީ ކްރޫސް އަދި ތޯމަސް މުލާ ހިމެނެ އެވެ.

މި މުބާރާތުގައި ޖަރުމަންގެ ޒުވާން ޓީމުން ދެއްކި ކުޅުމާމެދު، ޖަރުމަން ފުޓްބޯޅައިގެ ކުރިމަގު އުޖާލާކަން ވަނީ ސާބިތުކޮށްދީފަ އެވެ. މިކަމަށް ބާރު ލިބޭ އަނެއް ސަބަބަކީ 21 އަހަރުން ދަށުގެ ޔޫރޯ މުބާރާތް ވެސް ދާދި ފަހުން ޖަރުމަނުން ކާމިޔާބުކުރުމެވެ.