ލައިފްސްޓައިލް

ބައްޕަ އާއި ދަރިފުޅުގެ ހިތްގައިމު ތަސްވީރެއް!

ބައްޕަ އާއި އަންހެން ދަރިފުޅާ ދެމެދު އޮންނަ ގުޅުމަކީ އާދައިގެ ގުޅުމެއް ނޫނެވެ. ވަރަށް ހާއްސަ އަދި ވަރަށް ލޮބުވެތި ގުޅުމެކެވެ. އެ ދަރިފުޅު އުފަންވާ ދުވަހުން ފެށިގެން އޭނާގެ އުމުރުން ކިތަންމެ ބޮޑު ވިޔަސް "ހީރޯ" އަކީ އަބަދުވެސް ބައްޕަ އެވެ. ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް ދަރިންނަށް ވަގުތު ހުސްކުރަން ޖެހެނީ އެހެންވެ އެވެ.

އެފަދަ ރީތި މިސާލެއް ދާދިފަހުން މިވަނީ ފެނިފަ އެވެ. ރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހްމަދު ސަރީރުގެ ވަރަށް އަސަރުގަދަ އަދި ވަރަށް ލޯބި ފޮޓޯ އެކެވެ. ސަފީރު ހުންނަވަނީ ޕޯޑިއަމެއްގެ ކައިރީގައި ބަޔަކާއި މުހާތަބްކޮށް މުހިންމު ވާހަކައެއް ދައްކަވާށެވެ. ހާއްސަ ކަމަކީ އެވަގުތު ސަފީރުގެ ކައިރީގައި އެބޭފުޅާގެ ހަގު އަންހެން ދަރިފުޅު ހުރެ އެވެ. ސަފީރުގެ އަތުގައި ހިފާ ޕޯޑިއަމްގައި ބޯ އަޅާލައިގެންނެވެ.

ބައްޕަ އާއި އަންހެން ދަރިފުޅާއި ދެމެދު އޮންނަ މާތް ގުޅުމުގެ ރީތި މިސާލެއް ނޫން ހެއްޔެވެ؟ އެ ފޮޓޯ އިން އެނގިގެން ދަނީ މަސައްކަތާއި އެއްވަރަށް ދަރިފުޅުގެ މުހިންމު ކަމެވެ. ދަރިފުޅަށް ވަގުތު ދިނުމުގެ މުހިންމު ކަމެވެ. ގިނަ ބަޔަކު ދަނީ އެ ފޮޓޯއަށް އަދި ސަފީރަށް ތައުރީފްކޮށް ސޯޝަލް މީޑީއާގައި ފޮޓޯ ޝެއާ ކުރަމުންނެވެ.

ބައިނަލް އަގްވާމީ ދުނިޔޭގައި މަޝްހޫރު އަދި މަގުބޫލު އެ ބޭފުޅާއަށް ދަރިފުޅަށް ވަގުތު ދިނުމަށްވުރެ މުހިންމު އެހެން ކަމެއް ނެތެވެ. އާންމުކޮށް ދަރިން ނުވަތަ އާއިލާގެ މީހުން މަސައްކަތުގެ މާހައުލަށް ގެނެސް ދުނިޔޭގެ ކުރިމައްޗަށް ނެރުމަކީ ބަޔަކު ލަދުގަންނަ ކަމެކެވެ. ނުވަތަ ބޭނުންވާ ކަމެއް ނޫނެވެ.

އެކަހަލަ އެހެން މިސާލެއްވެސް ދާދިފަހުން ފެނިގެން ދިޔަ އެވެ. ދެކުނު ކޮރެއާގެ ޕޮލިޓިކަލް ސައިންސްގެ ޕްރޮފެސަރެއް ކަމަށްވާ ރޮބާޓް އީ ކެލީ ސްކައިޕް މެދުވެރިކޮށް ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ކުޑަ އަންހެން ދަރިފުޅު ކޮޓަރިތެރެއަށް ވަދެގެން އައިސް ކައިރީގައި މަޑުކޮށްލަ އެވެ. އަދި ފަހަތުން އެއަށްވުރެ ކުޑަ ކުއްޖަކު ކޮއްޓެއްގައި ދުއްވަމުން އައިސް ކޮޓަރިއަށް ވަދެ އެވެ. އަންހެން ކުއްޖާ އައިސް ކައިރީގައި މަޑުކޮށްލަމުން ރޮބާޓް ވަނީ ހިނިތުންވުމަކާއެކު ކުއްޖާ ފަހަތަށް ޖައްސާލާފަ އެވެ. އާއިލާ އާ އެކު ރޮބާޓް ވަނީ އިތުރު އިންޓަވިއު އެއްވެސް ބީބީސީ އަށް ދީފަ އެވެ.