އެއް ގައުމު އަނެއް ގައުމަށް އެތެރެކޮށް އަދި ބޭރުކުރާ މުދަލުން ޑަބަލް ޓެކްސް ނެގުން ހުއްޓާލުމުގެ މަޝްވަރާތައް ރާއްޖެއާއި ބަންގްލަދޭޝްއިން މިއަދު ފަށައިފި އެވެ.
ރާއްޖޭގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި ބަންގްލަދޭޝްގެ ޓެކްސް އިދާރާއާ ދެމެދު "ޑަބަލް ޓެކްސް އެވޮއިޑަންސް" އެއްބަސްވުމެއް ގާއިމް ކުރުމުގެ މަޝްވަރާތައް މިއަދު ފައްޓަވައި ދެއްވަމުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން، ޔަޒީދު މުހައްމަދު ވިދާޅުވީ މިފަދަ އެއްބަސްވުމެއް ދެ ގައުމަށް ވެސް މުހިންމުކަން ބޮޑު ކަމަށެވެ.
މި ރަސްމިއްޔާތުގައި ބަންގްލަދޭޝަންއިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެޑްމިރަލް އަޚްތަރު ޙަބީބު އާއި ނޭޝަނަލް ބޯޑް އޮފް ރެވެނިއުގެ ޗެއާމަން ނަޖީބުއް ރަހުމާން ވެސް ބައިވެރި ވަޑައި ގަތެވެ. މި މަޝްވަރާތައް މިމަހުގެ ހަވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ.
ބަންގްލަދޭޝަން އާއި ރާއްޖެއާ ދެމެދު ފެށި މަޝްވަރާތަކާ ބެހޭ ގޮތުން، މީރާގެ ޕްރިންސިޕަލް އޮފިސަރު އިންޓަނޭޝަނަލް މަރިޔަމް ހިންމަތު ވިދާޅުވީ ރާއްޖެއާއި ބަންގްލަދޭޝަންއާ ދެމެދު ކުރިއަށްދާ ވާހަކަތަކުގެ މަގުސަދަކީ ދެ ގައުމުގެ ވިޔަފާރިވެރިންނަށް ލުއިތަކެއް ގެނެސްދިނުން ކަމަށެވެ.
"މި އެގްރީމެންޓުގެ މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގައި އެއް އާމްދަނީއަކުން ދެ ފަހަރަށް ޓެކްސް ކުރުން ހުއްޓުވުން. އަދި ޓެކުހާ ބެހޭ މައުލޫމާތު ހިއްސާ ކުރުން،" ހިންމަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެ އާއި ބަންގްލަދޭޝަންއާ ދެމެދު އެއްބަސްވުމަކަށް އާދެވޭނެ ދުވަހެއް އެނގޭނީ ވާހަކަތައް ކުރިއަށް ދާ ގޮތަކުން ކަމަށެވެ.
"އާއްމު ގޮތެއްގައި ޑަބަލްޓެކްސް އެވޮއިޑެންސް އެގްރީމެންޓް ތަކަކީ މަޝްވަރާތަކަށް ބިނާކޮށް ކުރިއަށްދާނީ،" ހިންމަތު ވިދާޅުވި އެވެ.
ރާއްޖޭން ދަނީ އެހެން ގައުމުތަކާ ދެމެދު ވެސް ޑަބަލްޓެކްސް އެގްރީމެންޓް ގާއިމް ކުރަން މަޝްވަރާ ކުރަމުންނެވެ. މިގޮތުން މިހާރު މެލޭޝިޔާ އާއި ޔޫއޭއީއާ ދެމެދުވެސް ވަނީ މަޝްވަރާ ކުރަމުންނެވެ.