ދުނިޔެ

މޯދީ އިޒްރޭލަށް! ފަލަސްތީނު މީހުންނަކާ ބައްދަލެެެއް ނުކުރައްވާނެ

Jul 3, 2017
1

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އިޒްރޭލަށް މާދަމާ ކުރައްވާ ދަތުރުފުޅުގައި ފަލަސްތީނު މީހުންގެ ސަރަހައްދަށް ވަޑައި ނުގަންނަވާނެ ކަަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

ގިނަ ގައުމުތަކުގެ ވެރިން އިޒްރޭލަށް ކުރައްވާ ދަތުރުފުޅުތަކުގައި އިޒްރޭލުން އަޅުވެތިކޮށްފައިވާ ފަލަސްތީނުގެ ސަރަހައްދުތަކަށް ވަޑައިގެން އެމީހުންގެ ލީޑަރުންނާ ބައްދަލުކުރައްވައެވެ. އިންޑިއާގެ ބައެއް އިސްވެރިން ވެސް ކުރިން އަމަލުކުރައްވާފައި ވަނީ އެގޮތަށެވެ. އެގޮތުން އިންޑިއާގެ ރައީސް ޕްރަނާބް މުކަރުޖީއާއި ކުރީގެ އެކްސްޓާނަލް މިނިސްޓަރުން ކަމަށްވާ ޖަޝްވަންތު ސިން( 2000) އާއި އެސްއެމް ކްރިޝްނާ( 2012) ވެސް އަމަލުކުރެއްވީ އެގޮތަށެވެ. އަދި އެގައުމުގެ މިހާރުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް ވެސް މެއެވެ.

މޯދީގެ ދަތުރުފުޅުގައި ފަލަސްތީނުގެ ލީޑަރުންނާ ބަދަލުނުކުރައްވާ ސަބަބާ ބެހޭ ގޮތުންް އޭނާގެ ޑިޕްލޮމެޓިކް އެޑްވައިޒަރު ޑރ. މަޖުދީ އަލް ޚަލްދީ ދަ ހިންދޫ ނޫހަށް ވިދާޅުވެފައި ވަނީ ފަލަސްތީނުމީހުންނާ ގުޅުން ބަދަހިކުރަން އިންޑިއާއިން ބޭނުންވާ ކަމަށެވެ. ނަމަވެސް އެކަމުގައި އިސްރާއީލާ އޮންނަ ވަރުގަދަ ގުޅުމަކީ ފަލަސްތީނާ އޮންނަ ގުޅުމަށް އެކަމުން އަސަރުކުރުވާ ކަމަކަށް ވާން ބޭނުން ނުވާ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ސަރަހައްދުގައިން އިންޑިއާގެ ސިޔާސަތު ހަމަހަމަ ވާން ޖެހޭ ކަމަށެވެ. އެގޮތުން މޯދީގެ މިދަތުރުފުޅުގައި ފަލަސްތީނުގެ ލީޑަރުންނާ ބައްދަލު ކުރެއްވުމުގެ ބަދަލުގައި އިންޑިއާއިން ވަަނީ މިދިޔަ މޭ މަހު ފަލަސްތީނުގެ ރައީސް މަޙުމޫދު ޢައްބާސްއާ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބައްދަލުކުރައްވާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އަލް ޚަލްދީ ވިދާޅުވެފައި ވަނީ މާދަމާއިން ފެށިގެން މޯދީ އިޒްރޭލަށް ކުރައްވާ ދަތުރުފުޅުގައި އުޅުއްވާނީ ތެލްއަވީވާއި ގުދުސްގައި ކަމަށެވެ. ތެލް އަވީވަކީ އިޒްރޭލުގެ ވިޔަފާރީގެ މަރުކަޒީ ރަށެވެ. އަދި ގުދުސަކީ ބައިނަލް އަގުވާމީ ހުރިހާ ގާނޫނަކާ ޚިލާފަށް އިޒްރޭލުން ވެރިރަށް ކަމަށް އަނޑައިގެން އުޅޭ ރަށެވެ.