ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 45 މެންބަރުންގެ ސޮޔާއެކު ހުށަހެޅި ނަމަވެސް، ވޯޓު ކާމިޔާބު ކުރާނީ އެއަށްވުރެ ބޮޑު އަގުލަބިއްޔަތަކާއެކު ކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕާޓީތަކުން މިއަދު ޖުމްހޫރީ ޕާޓީގެ އޮފީސް ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ ވިދާޅުވީ، މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި 45 މެންބަރުން ސޮއިކޮށްފައިވީ ނަމަވެސް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން މަސައްކަތް ކުރައްވާނެ ވަރަށް ގިނަ މެންބަރުން އެބަ ތިއްބެވި ކަމަށެވެ. އެގޮތުން މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކުރާނީ ވަރަށް ބޮޑު އަގުލަބިއްޔަތަކުން ކަމަށެވެ.
"އަޅުގަނޑުމެންނާއެކު 45 އެއް ނޫން މިއަދު ތިއްބެވީ، މިއަދު ވޯޓު ނެގި ނަމަވެސް އަޅުގަނޑުމެންނަށް މަޖިލީހުގެ ތިން ބައިކޮށްފަ ދެ ބަޔަށްވުރެ ގިނަ ވޯޓު ލިބޭނެ، ވަރަށް ޔަގީންކަމާއެކު އަޅުގަނޑުމެން މިތިބީ އެކަމަކު ހުރަސްތައް އަންނާނެ،" އިބޫ ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވި ނަމަވެސް، ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން . މަނިކު ވިދާޅުވީ، އެ މައްސަލައިގައި ސޮއި ކުރި ހުރިހާ މެންބަރުން މަސީހުގެ އިތުބާރުނެތް ކަމަށް ވޯޓްލާނެ ކަމަށް އަދި ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ބައެއް މެންބަރުންގެ ސޮއި އޮޅުވާލައިގެން ވަގަށް ކޮށްފައިވާ ކަމަށް ނިހާން ވަނީ ތުހުމަތު ކުރައްވައިފަ އެވެ. އެހެން ކަމުން މައްސަލަ ސައްހަ ނުވާނެ ކަމަށް ވެސް ޕީޕީއެމް އިން އަންނަނީ ބުނަމުން އެވެ.
އިބޫ ވިދާޅުވީ، އިދިކޮޅު ފަރާތްތައް ތިބީ ހުރަސްތަކާ ކުރިމަތިލައިގެން ކުރިއަށް ދިޔުމަށް ކަމަށާއި މެންބަރުންތަކެއް ނުހައްގުން ބަންދުކުރިޔަސް މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރެވޭ މިންވަރަށް ވޯޓު ލިބޭނެ ކަމަށެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައަކީ ބޮޑު މަސައްކަތަކެއް ކަމަށާއި ކުރިއަށް ވެސް އެފަދަ ބޮޑެތި މަސައްކަތްތަކެއް އެބަހުރި ކަމަށް އިބޫ ވިދާޅުވި އެވެ. ނަމަވެސް އެކަންކަމުގެ ތަފްސީލެއް ނުދެއްވަ އެވެ. ވިދާޅުވީ، ރައްޔިތުން އެދޭ އިސްލާހީ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އެކަން ކާމިޔާބު ވެސް ވާނެ ކަމަށެވެ.
"އަޅުގަނޑުމެން މިއަދު މި ގޮވާލަނީ އެންމެހާ ފަރާތްތަކަށް މި ކަމުގައި އަމަލީ ގޮތުން ބައިވެރިވުމަށް، އަޅުގަނޑުމެންނާއެކު ކުރިއަށް ވަޑައިގަތުމަށް،" އިބޫ ވިދާޅުވި އެވެ.
މަސީހުގެ މައްސަލައަށްފަހު މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދާނެތޯ ސުވާލު ކުރުމުން އިބޫ ވިދާޅުވީ، ފުރަތަމަ އަމާޒަކީ މަސީހު ވަކިކުރުން ކަމަށާއި ދެން ހުރި މަސައްކަތްތައް ކުރިއަށް ގެންދާނީ އޭގެ ފަހުން ކަމަށެވެ. މަޖިލީހުގެ ނައިބު ރައީސް މޫސާއަށް ވެސް ގޮވާލައްވަނީ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން އިސްލާހީ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށް އިބޫ ވިދާޅުވި އެވެ.
"މިއީ ސިޔާސީ މަސައްކަތެއް ނޫން، އަޅުގަނޑުމެން މިކުރަނީ ގައުމީ މަަސައްކަތެއް، ނައިބު ރައީސްއަށް ވެސް އެބަ އޮތް އެ ފުރުސަތު، ނައިބު ރައީސް ވެސް އަދި ދެން ތިއްބެވި މެންބަރުން ވެސް އަޅުގަނޑުމެންނާ ބައިވެރިވަޑައިގެން ގެންނަން އުޅޭ ބަދަލުތައް ގެނައުމުގައި އެއްބާރުލުން ދެއްވާ ކުރިއަށް ވަޑައިގަންނަވާ،" އިބޫ ވިދާޅުވި އެވެ.
ޕީޕީއެމް ވަކިކޮށްފައިވާ މަޖިލިސް މެންބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވީ، ރައްޔިތުންގެ ފަޅިއަކީ އިދިކޮޅު ފަޅި ކަމަށާއި ޕީޕީއެމްގެ ގިނަ މެންބަރުން ވެސް އެ ފަޅިއަށް ވަޑައިގަތުމަށް ބޭނުންވާ ކަމަށެވެ. މިހާރު ސަރުކާރާއެކު އެއްކޮޅަށް ޕީޕީއެމްއިން ނެރޭ ވިޕްލައިންއާ އެއްގޮތަށް ވޯޓު ދެއްވާނެ މިހާރު ތިއްބެވީ ވަރަށް މަދު މެންބަރުން ކަމަށް ފާރިސް ވިދާޅުވި އެވެ.
ގައުމު އިސްލާހުކުރެވެން އޮތީ، ރައްޔިތުންގެ މަޖިލިސް މިނިވަންވެގެން ކަމަށާއި މަސީހު މަގާމުން ދުރުކުރުމުން އެކަން ހާސިލުވެގެން ދާނެ ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ. ފާރިސް ވިދާޅުވީ، އެ މަގުސަދު ހާސިލުކުރުމަށްޓަކައި ސިޔާސީ ބޭފުޅުން އެއްބާރުލުން ދެއްވި ފަދައިން ކުރިއަށް ހުރި މަސައްކަތްތަކުގައި ވެސް އެ އެއްބާރުލުން ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވީ، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވި ޕީޕީއެމް މެންބަރުން ނެންގެވީ ވަރަށް ބޮޑު ރިސްކެއް ކަމަށާއި އެކަމަށްޓަކައި އެ މެންބަރުންނަށް ސެލިއުޓް ކުރައްވާ ކަމަށެވެ. ސިޔާސީ މީހުންނަށް ނުހައްގުން އެކި ކަހަލަ އަދަބުތަކާއި ބިރު ދެއްކުންތައް ކުރިއަށްދާ ވަގުތެއްގައި އެ މެންބަރުން ދެއްކެވި ހިތްވަރަށް ސާބަސް ދޭން ޖެހޭ ކަމަށެވެ.
ރިޔާޒު ވަނީ ސޮއިކުރެއްވި މެންބަރުންނާއި އިދިކޮޅު އެހެން މެންބަރުންނަށް ވެސް ޖެއްސުން ކުރުމުގެ އަމަލުތައް ސަރުކާރުން ނުކުރުމަށް ގޮވާލައްވާފަ އެވެ.