ހަބަރު

މަޖިލިސް ރައީސްކަމަށް ގާބިލު ގިނަ މެންބަރުން އެބަތިބި: އިދިކޮޅު

ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުﷲ މަސީހަށްފަހު ރައީސް ކަމަށް ގެންނަން ވަރަށް ގާބިލު މެންބަރުން އިދިކޮޅުގައި އެބަ ތިއްބެވި ކަމަށާއި ނަމަވެސް އެ މަޝްވަރާތައް އަދި ނުކުރައްވާ ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.

އިދިކޮޅު މެންބަރުން މިއަދު ޖުމްހޫރީ ޕާޓީގެ އޮފީސް، ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދާފައިވަނީ ވަރަށް ގިނަ މަސައްކަތްތަކުން ކަމަށެވެ. އަދިވެސް ކުރިއަށް ބޮޑެތި ކަންތައްތަކެއް ހުރި ނަމަވެސް ފުރަތަމަ އަމާޒަކީ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރުން ކަމަށެވެ.

މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި ނަމަވެސް މަސީހަށްފަހު ރައީސްއަކަށް ގެންނާނެ ފަރާތަކާމެދު އަދި މަޝްވަރާ ނުކުރާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މަޖިލީހުގެ ރައީސް ކަމަށް ގާބިލު ބޭފުޅުން ވަރަށް ގިނަ، އަޅުގަނޑުމެންނަށް ވަރަށް އުނދަގޫ ކަމަށްވާނީ މަސީހު ދުރުކުރުމަށްފަހު އެ މަގާމަށް ގެންނާނެ މެންބަރަކު ހޯދުން، އެވަރުގެ ތަޖުރިބާހުރި، ކެރޭ ހިތްވަރުގަދަ ބޭފުޅުން އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި ކަމަށް އެކަށީގެންވާ، އަޅުގަނޑުމެން މަޝްވަރާކޮށްފަ އެކަން ނިންމާނީ،" އިބޫ ވިދާޅުވި އެވެ.

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ގޮތް ނިންމާނީ ސަރުކާރާ ހިލާފަށް މަޝްވަރާކުރުމަށްފަހު ކަމަށެވެ. މަތިން އަންނަ އޯޑަރަކަށް ނޫން ކަމަށެވެ. މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކޮށް، އިދިކޮޅު ހަތަރު ލީޑަރުންގެ ލަފާގެ މަތިން ދެން މަޖިލީހުގެ ރައީސް ކަމަށް ގެންނާނެ ފަރާތަކާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.

"އެ މަޝްވަރާ ކުރެވިފައެއް އަދި ނެތް، މެންބަރުންގެ ތެރޭގައި މަޝްވަރާކޮށް މެންބަރުންގެ އަގުލަބިއްޔަތު އޮތް ގޮތަކަށް އެކަން ނިމިގެން ދާނީ،" ފާރިސް ވިދާޅުވި އެވެ.