ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅި ޕެޓިޝަނުގައި ޕީޕީއެމް މެންބަރުންގެ ސައްހަ ނޫން ސޮއި އޮޅުވާލައިގެން ކޮށްފައިވާ ކަމަށް ޕީޕީއެމްއިން ބުނަނީ އިތުރަށް ބުނާނެ އެއްޗެއް ނެތި އެކަމާ ދެރަވެގެން ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓާ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާޒު ވިދާޅުވީ، ސަރުކާރު ފަޅީގައި ތިއްބެވި މެންބަރުން މިވަގުތު ތިއްބަވާނީ ވަރަށް ދެރަވެފައި ކަމަށާއި އެފަދަ ވާހަކައެއް އެ ބޭފުޅުން ދައްކަވަފާނެ ކަމަށެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕެޓިޝަނުގައި އެ ބޭފުޅެއްގެ ނަން އެ ބޭފުޅަކު ލިޔުއްވާފައިވަނީ ވެސް އަމިއްލައަށް، އެފަދަ ވާހަކަތައް އެ ދައްކަވަނީ ދެރަ ނުވާންވެގެން،" ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ އެފަދަ މައްސަލައެއް އުޅޭނަމަ ފުލުހުންނަށް އެކަން ހުށަހަޅައިގެން ކުރިއަަށް ގެންދިޔުމަށް ވެސް އެދިވަޑައިގަންނަވާ ކަމަށެވެ.
މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވާ ޕެޓިޝަނުގައި އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަަޝީދު ސޮއި ހިމަނާފައިވަނީ ފޯޖް ކޮށްގެން ކަމަށް އެ މެންބަރު ވަނީ ވިދާޅުވެފަ އެވެ. އަދި އެ މައްސަލަ ބަަލައިދިނުމަށް މަޖިލީހަށް ވެސް ވަނީ ހުށަހަޅާފަ އެވެ.
ޕީޕީއެމްގެ ލީޑަޝިޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އަހުމަދު ރަޝީދުގެ ސޮއި ނޫނަސް ބައެއް މެންބަރުންގެ ސޮއި ފޯޖް ކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެ މެންބަރުންގެ ނަމެއް އަދި ހާމައެއް ނުކުރެ އެވެ. ޕީޕީއެމް ޕީޖީ ގުރޫޕްގެ ލީޑަރު ވިދާޅުވީ، ސައްހަ ނޫން ސޮއި ހިމެނޭތީ އެ މައްސަލައަކީ ބާތިލު މައްސަލައެއް ކަމަށެވެ.
މަސީހުގެ އިތުބާރު ނެތްކަމަށް މިއަދު ހުށަހެޅި މައްސަލައިގައި 45 މެމްބަރަކު ސޮއިކުރައްވާފައިވާއިރު އޭގެ ތެރޭގައި ޕީޕީއެމްގެ 10 މެމްބަރަކު ހިމެނިވަޑައިގަންނަވައެވެ.