ބޮލީވުޑް

ޝާހްރުކްގެ ޑްވާފްގައި ސަލްމާން ފެނިލާނެ

Jul 4, 2017

ފިތުރު އީދާ ދިމާކޮށް ރިލީޒްވި ސުޕަސްޓާ ސަލްމާން ޚާންގެ "ޓިއުބްލައިޓް" އަކީ މި އަހަރުގައި ރިލީޒްވާނެ ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ފިލްމުގެ ގޮތުގައި ބެލެވުނު ފިލްމެވެ. ނަމަވެސް މި ފިލްމަށް ބޮކްސް އޮފީހުގައި ލިބިފައިވަނީ ފިނި ތަރުހީބެކެވެ. މިއީ ފަހަކަށް އައިސް ފިތުރު އީދުގައި ފިލްމު ރިލީޒްކޮށް ބޮކްސް އޮފީހުގައި ރެކޯޑްތައް ހަދަމުން އައި ސަލްމާންގެ ފިލްމަކަށް ލިބުނު އެންމެ ދަށް ތަރުހީބެވެ.

ކަބީރް ޚާން ޑައިރެކްޓް ކޮށްފައިވާ މި ފިލްމަށް ލިބުނު ތަރުހީބު ކުޑަ ނަމަވެސް ފިލްމުގެ ހާއްސަ މަންޒަރަކުން ޝާހްރުކް ޚާން ފެނިގެން ދިއުންވީ މި ފިލްމަށް ލިބުނު އެންމެ ބޮޑު އެއް ދިރުމަށެވެ. ޝާހްރުކް މި ފިލްމުގައި ފެނިގެންދާ މަންޒަރަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނުއިރު، ބައެއް ގައުމުތަކުގައި މި ފިލްމު ވަނީ ޝާހްރުކްް ފިލްމެއްގެ ގޮތުގައި ޕްރޮމޯޓް ވެސް ކޮށްފަ އެވެ.

ޝާހްރުކްގެ ފެނިލުމާއެކު "ޓިއުބްލައިޓް" އަށް ލިބުނު ތަރުހީބު ބޮޑުއިރު، މިފަހަރު ޝާހްރުކްގެ ފިލްމުގެ ހާއްސަ މަންޒަރަކުން ސަލްމާން ވެސް ފެނިގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އަނަންދް އެލް ރާއި ޑައިރެކްޓްކޮށް، ޝާހްރުކް ޑްވާފެއްގެ ރޯލުން ފެނިގެންދާ ފިލްމުގެ ސަލްމާން މެހެމާނެއްގެ ރޯލުން ފެނިގެންދާނެ ކަމަށް ހަބަރުތައް ބުނެ އެވެ. ބުނެވޭ ގޮތުގައި ސަލްމާން މި ފިލްމުގައި ފެނިގެންދާނީ ޝާހްރުކާއެކު ލަވަޔަކުންނެވެ. މި ލަވައިގެ މަންޒަރުތައް ޝާހްރުކާއި ސަލްމާން މިއަދު ޔާޝް ރާޖް ސްޓޫޑިއޯގައި ނަގާނެ ކަމަށްވެ އެވެ.

ސަލްމާން އާއި ޝާހްރުކް ދެމެދުގައި އޮތް ޒަމާންވީ ރުޅިވެރިކަން އެއް ފަރާތް ކުރުމަށްފަހު ދެތަރިން އަލުން ވަނީ ވަރަށް ގާތް އެކުވެރިންނަށް ވެފަ އެވެ. އެކުގައި އެކަކު އަނެކަކުގެ ފިލްމުތައް ޕްރޮމޯޓް ކުރުމާއި ދިފާއުގައި ވާހަކަ ދެއްކުން ގިނަ އެވެ.

އަދި ނަމެއް ދީފައިނުވާ މި ފިލްމުގައި ޝާހްރުކް ޑްވާފެއްގެ ރޯލުން ފެނިގެންދާއިރު، ބަތަލާގެ ރޯލުން ފެނިގެންދާނީ ކެޓްރީނާ ކައިފް އާއި އަނުޝްކާ ޝަރްމާ އެވެ. އަނުޝްކާ މި ފިލްމުގައި ފެނިގެންދާނެ ކަމަށްވަނީ ސިކުނޑީގެ އުނިކަމެއް ހުންނަ އަންހެން ކުއްޖެއްގެ ރޯލުންނެވެ.