ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަވަހާރަކޮށްލަން ރާވަމުންދާ ކަމަށް މައުލޫމާތު ލިބޭ ކަމަށް ބުނެ އޭނާގެ ވަކީލުން ފުލުހަށް މައްސަލަ ހުށަހަޅައިފި އެވެ.
އަދީބުގެ ގާނޫނީ ޓީމުން ފުލުހަށް ހުށަހެޅި ސިޓީގައި ބުނެފައިވަނީ އަދީބު ދޫނިދޫ ގޮޅީގައި އޮތްވާ އޭނާ މަރާލުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަން ތަހުގީގުކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި އެކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް ވެސް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފަށް އެޑްރެސް ކުރައްވާ ފޮނުވި ސިޓީގައި އެދިފައިވެ އެވެ.
މިފަދަ ސިޓީއެއް ފުލުހަށް ހުށަހަޅާފައިމިވަނީ ދޫނިދޫ ގޮޅީގައި އަދީބު އޮންނަވާ ހާލު ކަމަށް ވިދާޅުވެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް މިއަދު ފޮޓޯއެއް އާންމު ކުރައްވާފައިވަނިކޮށެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި ކުޑަކުޑަ ގޮޅިއެއްގައި ހުންނަ އެދެއްގައި އަދީބު އޮށޯވެ އޮވެ އެވެ.
އަދީބަށް ބޮޑެތި ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް ވަކީލުން މީގެކުރިން ބުނެފައިވެ އެވެ. އެގޮތުން އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް ވަކީލު ބުނެފައިވެ އެވެ. އަދި ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލޮކޮމާ" އަދީބަށް ޖެހިފައިވާކަން މާލެއިން ހެދި ޓެސްޓްތަކުން ކަށަވަރުވެފައިވާ ކަމަށެވެ.
ނަމަވެސް އަދީބުގެ ބޭސްފަރުވާގެ ކަންކަން އަދި ހަމަޖެހިފައެއް ނުވެ އެވެ. ސަރުކާރުން ބުނެފައިވަނީ އަދީބު ބޭރަށް ބޭސްފަރުވާއަށް ފޮނުވައިފިނަމަ ފިލައިދާނެ ކަމަށެވެ. އެކަމަށް ސިޔާސީ ބޭފުޅުން ގެންދަވަނީ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.