ރާއްޖެއަށް މިހާރު އެންމެ ރަނގަޅު ގޮތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކުގައި މަސައްކަތް ކުރެއްވުން ކަމަށް އެމަނިކުފާނާ ސިޔާސީ ގޮތުން ފިކުރު ތަފާތު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
އަމިއްލަ ޕާޓީގެ ފޯޑިއަމްގައި ނޫން އެހެން ޕޯޑިއަމެއްގައި ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، މާޒީގައި ކަން ހިނގާފައިވާ ގޮތް މިހާރު ބަލަން ނުޖެހޭ ކަމަށެވެ. ބަލަންވީ ކުރިމަގަށް ކަމަށާއި ކުރިއަށް ދާންވީ އެގޮތުގެ މަތިން ކަމަށެވެ. މާޒީގައި ރައީސް ނަޝީދަށް ވެސް އެމަނިކުފާނަށް އެންމެ ރަނގަޅަށް ނޫން ގޮތަކަށް އަމަލު ކުރެވިފައި ހުރެދާނެ ކަމަށާއި ނަމަވެސް އެކަމަށް ނުބަލާ މިހާރު ކުރިއަށް ދާންވީ ގައުމުގެ ހެވާއި ލާބަޔަށްޓަކައި އެކުގައި ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. ގައުމަށް އެންމެ ފައިދާ ބޮޑީ އެގޮތް ކަމަށް ވިދާޅުވި އެވެ.
"ވަަރަށް ގިނަ މީހުން ސުވާލު ކުރޭ، ރައީސް މުހައްމަދު ނަޝީދު ވަނީ މިވެނި ގޮތަކަށް ކަންތައްތައް ކުރައްވާފަ، މިހާރު ކީއްވެގެންތޯ މައުމޫން މުހައްމަދު ނަޝީދާއެކު މަސައްކަތް ކުރައްވަނީ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑަށް މުހައްމަދު ނަޝީދާ ދޭތެރޭ އެންމެ ރަނގަޅަށް ނޫން ގޮތަކަށް ކަންތައް ކުރެވިފައި އޮވެދާނޭ. އެމަނިކުފާނަށް ވެސް އަޅުގަނޑާ ދޭތެރޭ އެފަދަ ގޮތަކަށް ކަންތައް ކުރެވިފަ އޮވެދާނޭ، އެކަމަކު އެކަން އެ އޮތީ މާޒީވެގެން ގޮސްފަ، މިހާރު ބަލަންވީ ޒާތީ ކުރިއެރުމަކަށް ނޫން، ފަރުދީ ކުރިއެރުމަކަށް ނޫން، ގައުމުގެ ކުރި އެރުމަށް، އަޅުގަނޑު ދެކޭ ގޮތުގައި ގައުމަށް އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑާއި ނަޝީދު އެކުގައި މަސައްކަތް ކުރުން،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ، މިއަދަކީ ހަމައެކަނި ރައީސް މައުމޫނާއި ރައީސް ނަޝީދު ދުވަހެއް ނޫން ކަމަށެވެ. ދެ ރައީސުންގެ ދެމެދުގައި ހިނގާ މައްސަލަތަކުގެ ދުވަހެއް ވެސް ނޫން ކަމަށެވެ. މިއަދު އިސްކަން ދޭން ޖެހޭނީ ގައުމަށް ކަމަށް މައުމޫން ވިދާޅުވި އެވެ.
"ވަކި މީހަކަށް ނޫން މިއަދު އިސްކަންދޭންވީ، މި މަސައްކަތް ފެށުނީންސުރެ އަޅުގަނޑު ދަންނަވަމުން އެބަ ގެންދަން މި މަސައްކަތަކީ ޒާތީ މަސައްކަތެއް ނޫނޭ، އަޅުގަނޑުމެން ބޭނުމަކީ ވަކި ބޭފުޅަކާ ދިމާކުރުމެއް ނޫނޭ، ވަކި ބޭފުޅަކު ރައީސް ކަމަށް ގެނައުމެއް ނޫނޭ، އަޅުގަނޑުމެންގެ ބޭނުމަކީ ގައުމަށް ހެޔޮ ގޮތްތައް ހޯދައިދިނުމޭ، ގައުމަށް ބޭނުންވާ ގޮތްތައް ހޯދައިދިނުމޭ، އަޅުގަނޑުމެންގެ ގިނަ މީހުން މިހާރު އުޅެނީ ހިތްހަމަ ނުޖެހުމެއްގެ ތެރޭގަ، ބިރުވެރި ކަމެއްގެ ތެރޭގަ، ނާމާން ކަމެއްގެ ތެރޭގަ،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ، ގާނޫނާ އެއްގޮތަށް އެއްވެސް ކަމެއް ކުރިއަށްދާނެ ކަމުގެ ޔަގީން މިހާރު ނެތް ކަމަށެވެ. އެކަމުގެ ސަބަބުން އެންމެން ވެސް އުޅެން ޖެހިފައިވަނީ ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ޕެޓިޝަނުގައި ސޮއި ކުރުމަށްފަހު ސޮއި ނުކުރައްވާ ކަމަށް މެންބަރަކު ވިދާޅުވެފައިވަނީ ވެސް އެ ބިރުވެރިކަމުގެ ތެރޭގަ ކަމަށެވެ. އެ ބިރުވެރިކަން ދިވެހިން ބޭނުންނުވާ ކަމަށާއި ބޭނުން ވަނީ ރާއްޖެއަކީ އަމާން ސުލްހަވެރި ތަނަކަށްވުން ކަމަށެވެ. މައުމޫން ވިދާޅުވީ، ކޮންމެ ފިކުރެއްގެ މީހެއް ނަމަވެސް އެމީހަކަށް އެއްވެސް ބިރުވެރި ކަމެއް ނެތި އުޅެވެން ޖެހޭނެ ކަމަށާއި އެއްވެސް ކަހަލަ ހުރަސްތަކެއް އޮވެގެން ނުވާނެ ކަމަށެވެ. އެފަދަ ބިރުވެރިކަމެއް މަޖިލީސް މެންބަރުންނާއި އެހެން ވެސް ބޭފުޅުންނަށް އޮތުމަކީ ޑިމޮކްރަޓިކް ސިފައެއް ނޫން ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ، މިއަދު މިއީ އިދިކޮޅު ފަރާތްތަކުން ފެށި އިސްލާހީ މަސައްކަތަށް ނަސްރު ލިބިގެން ދިޔަ ދުވަސް ކަމަށާއި ކުރިމަގުގައި ވެސް އެ ފަރާތްތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. މިހާރު 45 މެންބަރުން ތިއްބެވި ނަމަވެސް އެ އަދަދު އިތުރުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއަށް ވެސް ރައީސް މައުމޫން މިރޭ ވަނީ ތައުރީފް ކުރައްވާފަ އެވެ. ވިދާޅުވީ، ގާސިމަކީ ބިރު ދެއްކުންތަކާއެކު ވެސް ޖެހިލުން ނުވެ ކުރިއަށް ވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. އަދި އިމްރާން އަބްދުﷲ އަކީ އެމަނިކުފާނުގެ ވަރަށް ގާތް، އަބަދުވެސް ކަންކަމުގައި ހިޔާލު ހޯދުމަށް ގުޅުއްވާ ބޭފުޅެއް ކަމަށެވެ. އިމްރާނަކީ ވަރަށް އިހުލާސްތެރި، ހިތްވަރުގަދަ ބޭފުޅެއް ކަމަށެވެ. ރައީސް ނަޝީދާއި ގާސިމްއާއެކު ފޯނުން މިހާރު ވަރަށް ގިނަ މުއާމަލާތްތައް ކުރެވޭ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.