ބޭރު ކުޅިވަރު

Jul 4, 2017

އެފްރިކާގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށްވާ ޖޯޖް ވެއާގެ ދަރި ތިމޮތީ ވެއާ ފްރާންސްގެ ޕީއެސްޖީއާއެކު ޕްރޮފެޝަނަލް ކޮންޓުރެކްޓެއްގައި ސޮއިކޮށްފި އެވެ.

ލައިބީރިއާއަށް ނިސްބަތްވާ ވެއާއަކީ އެފްރިކާ ފުޓްބޯޅައިގެ ލެޖެންޑެކެވެ. ފީފާގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ބެލޮންޑޯ އެވޯޑް މިހާތަނަށް ހޯދި އެފްރިކާގެ ހަމައެކަނި ކުޅުންތެރިޔަކީ ވެއާ އެވެ. މި ދެ އެވޯޑް ވެސް ވެއާ ހޯދީ 1995 ވަނަ އަހަރެވެ.

ގޯލާ ރައްޓެހި ފޯވަޑެއްގެ ގޮތުގައި ފާހަގަކުރެވުނު ވެއާ ވެސް ވަނީ ކުރިން ޕީއެސްޖީ އަށް ކުޅެފަ އެވެ. ޕީއެސްޖީ އަށް 1992 އިން 1995 އަށް ވެއާ ކުޅުނުއިރު، ވެއާ ވަނީ ވިދާލައިފަ އެވެ.

ބައްޕަގެ ފިޔަވަޅުމަތިން، ޕީއެސްޖީގެ އެކެޑަމީގައި ކުޅެމުންދާ ތިމޮތީ ވެސް މިހާރު ވަނީ ޕީއެސްޖީ އަށް ޕްރޮފެޝަނަލް ކޮންޓުރެކްޓެއްގައި ސޮއިކޮށްފަ އެވެ. ތިމޮތީ ،17، ވަނީ ޕީއެސްޖީއާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދައިފަ އެވެ.

އެމެރިކާގެ ނިއު ޔޯކަށް އުފަން ތިމޮތީ އެންމެ ފުރަތަމަ ކުޅުނީ ނިއުޔޯކް ރެޑްބުލްސްއަށެވެ. އެކަމަކު 2014 ވަނަ އަހަރުން ފެށިގެން ތިމޮތީ ކުޅެމުންދަނީ ޕީއެސްޖީގެ އެކެޑަމީ ޓީމަށެވެ.

ޔުއޭފާ ޔޫތު ލީގުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބަލްގޭރިއާގެ ލުޑޮގޮރެޓްސް އަތުން 8-1 އިން ޕީއެސްޖީ މޮޅުވި މެޗުގައި ތިމޮތީ ވަނީ ހެޓްރިކެއް ހަދައިފަ އެވެ.

ތިމޮތީގެ ބައްޕަ، ވެއާ ވަނީ އޭނާގެ ކެރިއަރުގައި ޕީއެސްޖީ އަށް ފަހު އޭސީ މިލާނާއި ޗެލްސީ އަދި މެންޗެސްޓާ ސިޓީ އަށް ކުޅެފަ އެވެ.