ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ސިފައިންގެ ޓްރެއިނިން ރަށް ގިރިފުށީގައި ބެހެއްޓި މައްސަލައިގައި ސިފައިންގެ ކުރީގެ މާލޭ އޭރިޔާގެ ކޮމާންޑަރު އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް ދީދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.
ހަމަ މި މައްސަލާގައި މީގެކުރިން ވެސް މެންބަރު ދީދީގެ މައްޗަށް ދައުވާކުރި އެވެ. ނަމަވެސް އެ ދައުވާއަށް އިންކާރު ކުރައްވާފައިވަނިކޮށް ވަނީ ޕީޖީ އޮފީހުން ދައުވާ އަނބުރާ ގެންގޮސްފަ އެވެ. ދައުވާ އަނބުރާ ގެންދިޔައީ އެ މައްސަލަ މިހާރުގެ ޑިފެންސް މިނިސްޓަރު އަދި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ވެސް ސާބިތުވެފައި ނުވާތީ އެކަމަށް ރިއާޔަތް ކޮށްފައި ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
ނަމަވެސް ހަމަ އެ މައްސަލާގައި ދީދީގެ މައްޗަށް އަލުން ދައުވާކޮށް، މައްސަލަ މިދިޔަ މެއި މަހުގެ ތެރޭގައި ކުރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށް މިއަދު ޕީޖީ އޮފީހުން ބުންޏެވެ. މައްސަލަ އަދި އެ ކޯޓުގައި ތާވަލެއް ނުކުރެ އެވެ.
އެ މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް ސާބިތުވެ އެދެބޭފުޅުން ގެންދަވަނީ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ.