ހަބަރު

ސުއޫދާއި ޝައިނީއާ ދެމެދު ބަހުގެ ހަމަލާތަކެއް

ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ދައުވާ ކުރެވޭނެ ކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ޓްވީޓް ކުރެއްވުމާ ގުޅިގެން މިނިސްޓަރު ޝައިނީ ރައްދު ދެއްވައިފި އެވެ.

ސުއޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ދައުވާ މިނިސްޓަރު ޝައިނީގެ މައްޗަށް އުފުލިދާނެ ކަމަށެވެ. ދައުވާ ސާބިތުވެއްޖެނަމަ 11 އަހަރާއި އަށް މަސް ދުވަހުގެ އަދަބެއް އަންނާނެ ކަމަށެވެ.

އެކަމާ ގުޅިގެން ސުއޫދަށް ރައްދު ދެއްވައި ޝައިނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "މިދާ ގޮތަށް ގޮސް" ހުއްޓާލާނީ 2018 ގައި ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ހޯދަވައިދެއްވުމަށްފަހު ކަމަށެވެ. ބިރެއް ނުގަންނަ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގައި ހުރީ ގައުމީ ލޭ ކަމަށާއި ހުންނެވީ ގައުމީ ހިދުމަތުގައި ކަމަށް ވެސް ސުއޫދަށް ރައްދު ދެއްވަމުން ޝައިނީ ވިދާޅުވި އެވެ.

ޝައިނީގެ ރައްދާ ގުޅިގެން ސުއޫދު ވަނީ ޝައިނީއަށް ބޮޑު ތުހުމަތެއް ކުރައްވާފަ އެވެ. ވިދާޅުވެފައިވަނީ، "އަދީބުގެ އަތުން ލިބުނު ވަގު ފައިސާއިން ގައުމީ ލޭ އުފެދޭތޯ" އެވެ.

ސަރުކާރުގެ ގިނަ ސިޔާސަތުތަކަށް ސުއޫދު އަބަދު ވެސް ފާޑު ވިދާޅުވެ އެވެ. މިނިސްޓަރު ޝައިނީއަކީ މި ސަރުކާރުގެ ދިފާއުގައި އެންމެ ބޮޑަށް މަސައްކަތް ކުރައްވަމުންދާ އެއް ވަޒީރެވެ.