އާންމުކޮށް މީހުން ކުރާ ސޮއިގައި ޖަހާލާފައި އިންނަނީ އެމީހަކަށް އާންމުކޮށް ކިޔާ އުޅޭނަން ކޮންމެވެސް ގޮތަކަށް ލިޔެލާ ރޮނގެއް ދަމާލާފަ އެވެ. ނުވަތަ ނަން ފެށޭ އަކުރު ލިޔެލާފައި ކޮންމެވެސް ގޮތަކަށް ކުރަހާލާ ރޮނގުތަކެއް ދަމާފަ އެވެ. ފުރާވަރަށް އަރައިގެން އަންނަ އިރު ވީހާވެސް މޮޅުކޮށް ސޮއިކުރަން ގަސް، ރުއް ކުރަހާ ކުދިންވެސް އުޅެ އެވެ. އެހެން ނަމަވެސް ބޮޑުވެ ފުރިހަމަ ވިސްނުން ލިބެން ފެށުމުން އެކަހަލަ ސޮއިތައް ނުކޮށް އާދައިގެ ސޮއެއް ކޮށްލާފައި ނިންމާލަ އެވެ.
މިދުވަސްވަރު މި ނޫން ވާހަކައެއް ނެތެވެ. ސޯޝަލް މީޑިއާގައި އެންމެ ވައިރަލް އެއް ފޮޓޯ އަކީ އެއީ އެވެ. ދިވެއްސެއްގެ އައިޑީ ކާޑުގައި ކޮށްފައި އިން ސޮއެކެވެ. ގިނަ ބަޔަކަށް އެކަން ބޮޑު މަޖާގަނޑަކަށް ވެއްޖެ އެވެ. އެހާވެސް އެ ސޮއި ފުރިހަމަ އެވެ. މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ޒިހާން ނަމަކަށް ކިޔާ އެ މީހާގެ ސޮޔަށްވުރެ މަޝްހޫރު އަދި މަގުބޫލު ސޮއެއް ނެތެވެ. ސޮއިގެ ގޮތުގައި އިންނަނީ ފުޓު ބޯޅަ ކުޅެން ހުންނަ ދަނޑި މީހެކެވެ.
ސޯޝަލް މީޑީއާގައި އެކި ކަހަލަ ކަންތައްތަކަށް ފާޑުކިޔާ، އަދި ސޯޝަލް މީޑިއާގައި އާންމުކޮށް މީހުން ހެއްވާލާ ޕޯސްޓުތައް ގެނެސްދޭ މަގުބޫލު ޕޭޖުތަކުގައި ޒިހާންގެ އައިޑީކާޑުގެ ފޮޓޯ ދަނީ ދައުރުކޮށް މީހުން ހެއްވަމުންނެވެ. ގިނަ މީހުންނަށް އެ ސޮއި މަޖަލަކަށްވިއިރު ބައެއް މީހުން ވަނީ އެ ސޮއެ އައިޑީ ކާޑް ޔުނިޓުން އެޕްރޫވް ކުރުމުން އެކަމާ ސުވާލު އުފައްދާފަ އެވެ. އަދި އެއީ އަސްލު ކާޑެއް ކަމަށްވެސް ގިނަ ބަޔަކު ދަނީ ޝައްކު ކުރަމުންނެވެ.
އަނެއް ބަޔަކު އެފަދަ އެހެން ޕޯސްޓުތައް ޝެއާކޮށް މަޖާ ކުރާ އުސޫލުން މަޖާކުރަނީ އެވެ. ކޮންމެ މީހަކުވެސް ޒިހާން ކިޔާ މީހަކު ދަންނަނަމަ އެ ޕޯސްޓުގައި ޓެގުކޮށް ދިމާކުރަނީ އެވެ އަދި އެކަހަލަ ގޮތްގޮތަށް ނުވަތަ ރީތި ސޮއެއް އައިޑީކާޑުގައި ކުރެވިފައި ނެތް މީހުން ޓެގުކޮށް އެމީހުނަށް މަލާމަތްކޮށްލާ ދިމާކޮށްލަނީ އެވެ. ކޮންމެ މީހަކުވެސް އެކަން ހިނިގަނޑަކުން ނިންމާލަނީ އެވެ. ވަރަށްވެސް މަޖަލެވެ. ކޮންމެ އަކަސް މިއީ ދިވެއްސެއްގެ ފަރާތުން ފެނުނު އެންމެ ތަފާތު އެއް ސޮޔެވެ.