ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންއާ ދެކޮޅަށް ހެކި ލިބިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. ފުލުހުން ފާރިސްއަށް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން މެންބަރުންނަށް ރިޝްވަތު ދެއްވުމުގައި އިސްކޮށް އުޅުވުމުގެ ތުހުމަތެވެ.
އިސްކަންދަރު ކޮށީގައި މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މުއައްސަސާގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ފުލުހުންނަށް އެކި ފަރާތްތަކުން މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ ފާރިސް މައުމޫން ރިޝްވަތު ދެއްވަން އުޅުނު މައްސަލަ ކަމަށް ޝިފާން ވިދާޅުވި އެވެ.
ޝިފާން ވިދާޅުވީ، މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން ނުވަތަ ވަކި ގޮތަކަށް މައްސަލަ ކުރިއަށް ގެންދިޔުމަށް ރިޝްވަތު ދެއްވަން އުޅުނު ކަމުގެ ހެއްކާއި ގަރީނާ މިހާރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އަދި މިފަދަ މައްސަލައެއްގައި ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަރިސްބޭފުޅެއް ކަމަށްވާ އަހުމަދު ސޮފްވާން ބޭރުގައި ފިލައިގެން އުޅޭ ކަމަށް ޝިފާން ވިދާޅުވި އެވެ. ފުލުހަށް ހާޒިރުވެފައިނުވާތީ އޭނާގެ މައްޗަށް ވަނީ ދައުވާކުރަން ފޮނުވާފަ އެވެ.
ރިޝްވަތު ދިނުމުގެ ބޮޑެތި މައްސަލަތަކެއް ފުލުހަށް ހުށަހެޅިފައިވާއިރު، އެފަދަ މައްސަލަތައް ތަހުގީގުކޮށް އެކަމުގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރި މައްޗަށް ގެނައުމުގައި ފުލުހުން ސާބިތުވެ ތިބޭނެ ކަމަށް ޝިފާން ވިދާޅުވި އެވެ. ރިޝްވަތުގެ މައްސަލަތައް ތަހުގީގުކުރުމުގައި އެއްވެސް އިސްތިސްނާއެއް އެއްވެސް މީހަކަށް ނޯންނާނެ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.
މަސީހުގެ މައްސަލައާ ގުޅިގެން ރިޝްވަތު ދެއްވަން އުޅުނު ކަމުގެ ތުހުމަތުކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ވަނީ ދައުވާކޮށް ޝަރީއަތް ފަށާފަ އެވެ.