ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތަށް ޖުމްހޫރީ ޕާޓީގެ އާންމު މެންބަރަކު ރޭ ހައްޔަރުކޮށްފި އެވެ. ހައްޔަރުކޮށްފައިވަނީ ލ. ފޮނަދޫ، ސްވީޓްފްލާވާ، އަހުމަދު ޝާފިއު އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މުއައްސަސާގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ފުލުހުންނަށް އެކި ފަރާތްތަކުން މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ރޭ ވެސް އެފަދަ މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
ޝިފާން ވިދާޅުވީ، ރޭ ހުށަހެޅުނު މައްސަލާއާ ގުޅިގެން ރިޝްވަތު ދިނުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހާ ކަމަށް ތުހުމަތު ކުރެވެނީ އަހުމަދު ޝާފިއު ކަމަށާއި އޭނާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
އަދި މިފަދަ މައްސަލައެއްގައި ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަރިސްބޭފުޅެއް ކަމަށްވާ އަހުމަދު ސޮފްވާން ބޭރުގައި ފިލައިގެން އުޅޭ ކަމަށް ޝިފާން ވިދާޅުވި އެވެ. ފުލުހަށް ހާޒިރުވެފައިނުވާތީ އޭނާގެ މައްޗަށް ވަނީ ދައުވާކުރަން ފޮނުވާފަ އެވެ.
ރިޝްވަތު ދިނުމުގެ ބޮޑެތި މައްސަލަތަކެއް ފުލުހަށް ހުށަހެޅިފައިވާއިރު، އެފަދަ މައްސަލަތައް ތަހުގީގުކޮށް އެކަމުގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރި މައްޗަށް ގެނައުމުގައި ފުލުހުން ސާބިތުވެ ތިބޭނެ ކަމަށް ޝިފާން ވިދާޅުވި އެވެ. ރިޝްވަތުގެ މައްސަލަތައް ތަހުގީގުކުރުމުގައި އެއްވެސް އިސްތިސްނާއެއް އެއްވެސް މީހަކަށް ނޯންނާނެ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.
މަސީހުގެ މައްސަލައާ ގުޅިގެން ރިޝްވަތު ދެއްވަން އުޅުނު ކަމުގެ ތުހުމަތުކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ވަނީ ދައުވާކޮށް ޝަރީއަތް ފަށާފަ އެވެ. އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނަށް އެކަމުގައި އިސްކޮށް އުޅުއްވި ކަމުގެ ތުހުމަތު ކުރެ އެވެ. އެކަމާ ގުޅޭ ހެކި ލިބިފައިވާ ކަމަށް މިއަދު ފުލުހުން ވަނީ ބުނެފަ އެވެ.