ހަބަރު

"މިއީ މަސީހުގެ މައްސަލައެއް ނޫން، މިއީ ދަރަނި ނުދެއްކުމުގެ ބަހަނާއެއް"

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ މަސީހުގެ މައްސަލައެއް އޮވެގެން ނޫން ކަމަށާއި އެއީ މަދު ވިޔަފާރިވެރިންތަކެއްގެ އަމިއްލަ ފައިދާއަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިއަދު ޓްވީޓެއް ކުރައްވާ ވިދާޅުވީ މަސީހުގެ އިތުބާރު ނެއްކަމުގެ މައްސަލަ މަޖީލީހަށް ވައްދާފައިވަނީ މަސީހުގެ މައްސަލައެއް އޮވެގެން ނޫން ކަމަށާއި އެ މައްސަލަ ވައްދާފައިވަނީ މަދު ވިޔަފާރިވެރިންތަކެއް ދައުލަތަކަށް ދައްކަން ޖެހޭ ދަރަނި ނުދެއްކުމުގެ ބަހަނާއެއްގެ ގޮތުގައި ކަމަށެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ވެސް ވަނީ ޓްވީޓް ކުރައްވާ އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވާފަ އެވެ.

ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ 45 މެންބަރުންގެ ސޮޔާކު އިދިކޮޅު ފަރާތްތަކުން ވައްދާފާވާއިރު އެ މައްސަލާގައި ސަރުކާރަށް ނިސްބަތްވާ ޕީޕީއެމްގެ މެންބަރުންތަކެއް ވެސް ސޮއި ކޮށްފައި ވެއެވެ.