ވިޔަފާރި

އެޗްޑީއެފްސީން 1000ރ. އަށް ޞުކޫކް ވިއްކަނީ

  • އެޗްޑީއެފްސީން ޞުކޫކް ވިއްކާ ދެވަނަފަަހަރު
  • ވިއްކަނީ 150 މިލިއަން ރުފިޔާ ހޯދަން
  • ފުރަތަމަ ޞުކޫކެއް ވިއްކީ ވެސް އެޗްޑީއެފްސީ

ހައުސިން ޑިވްލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި 1،000 ރުފިޔާގެ މަގުން ޞުކޫކް ވިއްކުން ތައާރަފު ކުރާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގައި އެންމެ ފުޅާކޮށް އިންވެސްޓްކޮށްފައިވާ އެޗްޑީއެފްސީގެ އޮފިޝަލަކު "އަވަސް" އަށް ވިދާޅުވީ ބުރާސްފަތި ދުވަހު ފަށާ ފައިނޭންޝަލް އެކްސްޕޯގައި އެ ކުންފުނީގެ ދެވަނަ މުޟާރަބާ ޞުކޫކް (އިސްލާމިކް ބޮންޑު) ނުވަތަ ހިއްސާ، އިޝޫކުރާނެ އެވެ.

"މި ޞުކޫކް އިޝޫކުރުމަށް ފަހު އެއް މަސް ފަހުން ވިއްކަން ހުޅުވާލާނެ. މިއީ އެޗްޑީއެފްސީގެ ދެވަނަ ސްކޫކް. ފުރަތަމަ ސްކޫކަށް ވެސް އެކަށީގެންވާ ތަރުހީބެއް ލިބުނު،" އޮފިޝަލް ވިދާޅުވި އެވެ.

މި ފަހަރު އެޗްޑީއެފްސީ އން ޞުކޫކް ވިއްކަކީ 150 މިލިއަން ރުފިޔާ ހޯދާށެވެ. މިގޮތުން 10 އަހަރަށް އިންވެސްޓް ކުރުމަށް ހުޅުވާލާ މި ފުރުސަތުގައި އާންމުންނާއި ކުންފުނި ތަކަށް ވެސް ޞުކޫކް ގަތުމުގެ ފުރުސަތު ލިބޭނެ އެވެ. މިގޮތުން ޞުކޫކް ގަންނަ ނިސްބަތަކުން 65 ޕަސެންޓް ފައިދާ ގަންނަ ފަރާތަކަށް ލިބޭނެ އެވެ. އަދި ބާކީ އޮތް 35 ޕަސެންޓް ހިމަނާނީ "އެޗްޑީއެފްސީ އަމްނާ" އިން ގެދޮރު މަޝްރޫއު ތަކުން ލިބޭ ފައިދާއިންނެވެ. އެޗްޑީއެފްސީ އަމްނާއަކީ އިސްލާމިކް ޝަރީއާ ހުއްދަ ކުރާ އުސޫލުން ގެދޮރު ހެދުމަށް އުފައްދާފައިވާ ބައެކެވެ.

އެޗްޑީއެފްސީ އިން ފުރަތަމަ ޞުކޫކް ވިއްކާފައިވަނީ 2013 ވަނަ އަހަރު އެވެ. މިއީ ރާއްޖޭގައި ވިއްކި ފުރަތަމަ ޞުކޫކް އެވެ. މިގޮތުން އެ ކުންފުނިން 500ރ. ގެ މަގުން ޞުކޫކް ވިއްކަން އެ ފަހަރު ހުޅުވައިލީ 50 މިލިއަން ރުފިޔާ ހޯދުމަށެވެ. އެ ފަހަރު ސްކޫކް ގަނެފައިވަނީ 467 ފަރާތަކުންނެވެ. އަދި އެ ފަހަރު ލިބުނީ 22 މިލިއަން ރުފިޔާ އެވެ.

އެ ކުންފުނީގެ އޮފިޝަލް ވިދާޅުވީ ފުރަތަމަ ފަހަރަށް ވުރެ މި ފަހަރު ލިބޭ ތަރުހީބު ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ފުރަތަމަ ޞުކޫކް ވިއްކުން ވީ ރާއްޖެ އަށް އާ ކަމަށް. އެހެންވެ އެ ފަހަރު ލިބުނު ތަރުހީބު ކުޑައީ. އަނެއް ކަމަކީ އެ ދުވަސްވަރަކީ ގިނަ އިންތިހާބު ތަކެއް ވެސް އޮތް ދުވަސްވަރެއް. އެހެންވުމުން މީހުން އެކަމާ އުޅުނީ. ނަމަވެސް މި ފަހަރު ތަފާތުވާނެ ކަމަށް ބެލެވޭ،" އޮފިޝަލް ވިދާޅުވި އެވެ.

ޞުކޫކް ގަންނަ ފަރާތްތަކަށް އަހަރަކަށް ޖެހޭ ވަރުގެ ފައިދާ ކޮންމެ ހަ މަހަކުން ދޫކުރާނެ އެވެ. ޞުކޫކްގެ ފައިދާ ދޫކުރާނީ ރާއްޖޭގެ ހިއްސާގެ ބާޒާރުގެ މުއާމަލާތްތައް ބަލަހައްޓަން އުފައްދާފައިވާ ކުންފުނި، މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ އިންނެވެ.

އެޗްޑީއެފްސީއަކީ ދިވެހި ސަރުކާރުގެ 49 ޕަސެންޓް ހިއްސާ އާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) ގެ 18 ޕަސެންޓު ހިއްސާ އަދި އޭޝިއަން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އޭޑީބީ) ގެ 18 ޕަސެންޓް ހިއްސާ އާއި އެޗްޑީއެފްސީ އިންވެސްޓްމަންޓް އިންޑިޔާގެ 15 ޕަސެންޓްވާ ކުންފުންޏެކެވެ.

އެޗްޑީއެފްސީ އަމްނާއިން ދެވަނަ ޞުކޫކް އިޝޫކުރާއިރު މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި 10 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވެ އެވެ.