ރަށްރަށުގެ އިންޖީނުގެ ތަކުގެ ސަލާމަތީ ކަންކަން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ މިންގަނޑަށް ފެތޭ ގޮތަށް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ފުރިހަމަކޮށް ނިންމާނެ ކަމަށް ފެނަކައިން ބުނެފި އެވެ.
ފެނަކަ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ޝަރީފް އާދަމް ވިދާޅުވީ، އެއީ އެ ކުންފުނިން ސީީރިއަސްކޮށް ނަގައި ކުރިއަށް ގެންދާ މަސައްކަތެއް ކަމަށާއި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އާއި ގުޅިގެން މިންގަނޑުތަކަށް ފެތޭގޮތަށް ފެނަކައިގެ ހުރިހާ އިންޖީނު ގެތަށް ތަރައްގީ ކުރާނެ ކަމަށެވެ. އަދި މީގެ ކުރިން އެކަމަށް ބީލަމަށް ލީ ނަމަވެސް މިންގަނޑަށް ނުފެތޭ ބައެއްް ކަންކަން ހުރުމުގެ ސަބަބުން އެ ބީލަންތައް ބާތިލް ކޮށް ގެންނަން ޖެހޭ އިސްލާހުތަށް ގެނެސް އަލުން ރީ ބިޑިން އަށް ހުޅުވާލެވިފައިވާނެ ކަމަށެވެ.
"ހުރިހާ އިންޖީނު ގެއެއްގައި ވެސް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނުގައި ހުންނަން ޖެހޭނެ ސަލާމަތީ ކަންކަމާއި އަލިފާން ނިއްވުމުގެ ވަސީލަތްތައް ގާއިމް ކޮށް ތިން މަސް ދުވަސް ނުވަތަ އެއަށް ވުރެ ކުރިން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ކަނޑައަޅާފައިވާ މިންގަނޑަށް ގާއިމް ކުރެވޭނެ" ޝަރީފް ވިދާޅުވި އެވެ.
އިންޖީނުގެތަކުގައި ސަލާމަތީ ކަންކަން އެދެވިގެންވާ ފެންވަރެއްގައި ނެތުމުގެ ސަބަބުން ގިނަ ހާދިސާތަކެއް ހިނގާފައި ވެއެވެ. މިއަހަރުގެ އޭޕްރީލް މަހު ގދ. ފިޔޯރީ އިންޖީނު ގޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެތަނުގެ މުއައްޒަފަކު ވެސް ވަނީ މަރުވެފަ އެވެ.