ވޭމަންޑޫ

ވޭމަންޑޫއަށް މިރޭ ކަރަންޓް ދޭނެ: ފެނަކަ

ކަރަންޓްގެ ހުރިހާ ހިދުމަތެއް ކެނޑިފައިވާ ތ. ވޭމަންޑޫއަށް މިރޭ ކަރަންޓް ފޯރު ކޮށްދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުގެ ޔުޓިލިޓީ ކުންފުނި، ފެނަކައިން ބުނެފި އެވެ.

އިއްޔެ ވޭމަންޑޫގެ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި އިންޖީނުތަކާއެކު ބޭނުން ނުކުރެވޭ ވަރަށް ވަނީ އިންޖީނުގެ އަނދައި ހުލިވެގެން ގޮސްފަ އެވެ. އަދި އޭގެ ސަބަބުން އިއްޔެ މެންދުރުން ފެށިގެން އެ ރަށުގައި ދިރިއުޅޭ 12،00 އެއްހާ މީހުންގެ އާބާދީއަށް ވަނީ އާންމު ދިރިއުޅުމުން ނެއްޓި ދައްޗާއެކު ދިރިއުޅެން އުޅެން ޖެހިފަ އެވެ. ރޭ ވެސް ވޭމަންޑޫ އޮތީ ކަނުއަނދީރަ އެވެ.

ވޭމަންޑޫގައި އިންޖީނުގޭގައި ހުޅު ރޯވެ އަނދައިގެން ދިޔައީ އެތަނުގައި މަސައްކަތްތަކެއް ކުރަން އުޅެނިކޮށެވެ. އަލިފާނުގެ އެ ހާދިސާގައި އެރަށުން އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

ފެނަކައިން ބުނީ ވޭމަންޑޫއަށް އަލުން ކަރަންޓުގެ ހިދުމަތް ދިނުމުގެ ގޮތުން އެ އަތޮޅު ގުރައިދޫން 360 ކިލޯ ވޯޓުގެ ޖެންސެޓެއް މިއަދު ހެނދުނުގެ ވަގުތެއްގައި ވޭމަންޑޫއަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ. އަދި މިރޭ ވޭމަންޑޫއަށް ކަރަންޓު ފޯރުކޮށްދެވޭނެކަމުގެ ޔަގީންކަން ވެސް ފެނަކައިން ވަނީ ދީފަ އެވެ.

ވޭމަންޑޫން ކަރަންޓް ކެނޑިފައި އޮތުމުން އެރަށުގެ އާންމު ހާލަތު ދައްކުވައިދޭ ފޮޓޯތައް ލިބިފައިވާ ފަރާތްތަކަށް އަވަސް އޮންލައިންގެ ނިއުސް ޑްރޮޕް މެދުވެރިކޮށް ނޫހާ ފޮޓޯ ހިއްސާ ކުރެވޭނެ އެވެ.