ވޭމަންޑޫ

ވޭމަންޑޫގައި އަވަހަށް އިންޖީނުގެއެއް އަޅާނަން: ފެނަކަ

ތ. އަތޮޅު ވޭމަންޑޫގައި އާ އިންޖީނުގެއެއް ވަރަށް އަވަހަށް އަޅަން ފަށާނެ ކަމަށް ފެނަަކައިން ބުނެފި އެވެ.

މިދިޔަ ބުދަ ދުވަހު ވޭމަންޑޫގެ އިންޖީނުގޭގައި އަލިފާން ރޯވެ އިންޖީނުތަކާއެކު ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައި ހުލި ވެގެން ގޮސްފަ އެވެ.

ޔުޓިލިޓީ ކުންފުނި ފެނަކައިން މިއަދު ނޫސް ބަޔާނެއް މެދުވެރިކޮށް ބުނީ ވޭމަންޑޫގައި ހިނގި ފަދަ ހާދިސާއެއް ކުރިޔަށް އޮތް ތަނުގައި މެދުވެރިވިޔަ ނުދީ، އެފަދަ ހާދިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރަން މަސައްކަތް ކުރަމުން ގެންދާނެ ކަަމަށެވެ. އަދި ވޭމަންޑޫއަށް ހިދުމަތް ފޯރު ކޮށްދެވޭ ކަން ކަށަވަރު ކުރުމާއެކު އާ އިންޖީނުގެއެއް ޢިމާރާތް ކުރުމުގެ މަސައްކަތް، ފަސް ކުރުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ.

"... ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއި އިތުބާރާއެކު ހިދުމަތް ފޯރުކޮށްދެވޭކަން ކަށަވަރުކޮށް، އާ އިންޖީނުގެއެއް އިމާރާތް ކުރުމުގެ މަސައްކަތް، ފަސްކުރުމެއް ނެތި މި ކުންފުނިން ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން މި ފުރުސަތުގައި ވޭމަންޑޫގެ ލޮބުވެތި ރައްޔިތުންނަށް އަރުވަން." އެ ބަޔާނުގައި ވެއެވެ.

އަލިފާނުގެ ހާދިސާއަށް ފަހު ތ. އަތޮޅު ގުރައިދޫން 360 ކިލޯ ވޯޓުގެ ޖެންސެޓެއް ގެންގޮސް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ކަރަންޓު ދީފަ އެވެ.