ހަބަރު

އިދިކޮޅު މެންބަރަކަށް ޓީވީއެމުން ފުރުސަތު ދީފި

އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފައިވާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތަށް ޕީއެސްއެމްގެ ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުން ފުރުސަތު ދޭން ނިންމައިފި އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމްތަކުން ސިޔާސީ އިދިކޮޅު ފަރާތްތަކަށް ފުރުސަތު ނުދޭތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. އަދި މިދިޔަ ރޯދަ މަހުގެ ތެރޭގައި އެމްޑީޕީގެ ލީޑާޝިޕުން ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ޕީއެސްއެމްގެ އިސްވެރިންނާ ބައްދަލުކޮށްފަ އެވެ. އޭރު ޕީއެސްއެމުން ބުނެފައި ވަނީ ތަފާތު ފިކުރުތަކަށް ޓީވީއެމުން ޖާގަ ދިނުމަކީ ހުއްޓާލާފައިވާ ކަމެއް ނޫން ކަމަށެވެ.

އަމީތު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ޕީޕީއެމްގެ މަޖިލީސް މެންބަރުތަކަކާއެކު ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެން މިރޭ އިންޓަވިއު ދެއްވާނެ ކަމަށެވެ. މިރޭ މައުލޫއަކީ ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހެވެ.

ސިޔާސީ މަސްރަހުގައި މިހާރު އެންމެ ބޮޑު ކަމެއް ގޮތުގައި އޮތީ އިދިކޮޅު ފަރާތްތަކުން 45 މެންބަރުންގެ ސޮޔާއެކު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލަ ހުށަހެޅި މައްސަލަ އެވެ. އޭގެ އިތުރުން މަސީހުގެ އިތުބާރު ނެތް މައްސަލާގައި އިދިކޮޅު ފަރާތްތަކުން ރިޝްވަތު ދޭ ކަމަށް ފުލުހުން ތުހުމަތު ކުރާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

ރާއްޖެ މިއަދު ޓީވީއެމް އިން ދައްކާނީ މިރޭ 9:00 ހާއިރު އެވެ. މި ބަދަލާ ގުޅިގެން ޕީއެސްމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލްގެ ބަހެއް ނުލިބެ އެވެ.