ހަބަރު

ޕީއެސްއެމްގެ ވެރިން ކޮޅު ބަދަލުކޮށްފި! އިދިކޮޅަށް ފުރުސަތު

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އިދިކޮޅު އެމްޑީޕީއަށް ދައުލަތުގެ މީޑިއާ، ޓީވީއެމްއިން އެއްވެސް ފުރުސަތެއް ނުދިނުމަށްފަހު އިންތިހާބަށްފަހު ފުރުސަތު ދޭން ފަށައިފި އެވެ. ޓީވީއެމްގެ ރާގު ވަނީ މުޅިންހެން ބަދަލުވެފަ އެވެ.

އެމްޑީޕީއިން މިއަދު ބުނި ގޮތުގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު މިރޭ ޓީވީއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. މިއީ ޓީވީއެމްގެ ޕްރޮގްރާމެއްގައި އިދިކޮޅަށް ނިސްބަތްވާ ބޭފުޅަކު އެތައް ދުވަހެއް ފަހުން ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ހަސަން ލަތީފަށް ޓީވީއެމްއިން ފުރުސަތު ދީފައިވާއިރު، އިއްޔެ އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމާއި ގުޅިފައިވާ ޕާޓީތަކުގެ ނޫސްވެރިންގެ ބައްދަލުވުން އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ އުފާ ފާޅުކުރަން އާޓިފިޝަލް ބީޗްގައި ބޭއްވި ރެލީ ވަނީ ޓީވީއެމްއިން ގެނެސްދީފަ އެވެ. އޭގެއިތުރުން މިއަދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުން ވެސް ވަގުތުން ދެއްކި އެވެ.

ޕީއެސްއެމްއިން ހިންގާ، ޓީވީއެމްއިން ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު އެމްޑީޕީއާ ދެކޮޅު ގިނަ ހަބަރުތަކެއް ގެނެސްދީފަ އެވެ. އަދި އިންތިހާބީ ރައީސް، އިބޫގެ ކެމްޕޭންގެ އެއްވެސް ހަރަކާތެއް ޓީވީއެމްއިން ގެނެސް ނުދެ އެވެ. އިބޫއާ ގުޅޭ ސާބިތު ނުހިފޭ އެތައް ވާހަކައެއް އިބޫގެ ބަސްހިމެނުމެއް ނެތި، ހަބަރުތަކުގެ ގޮތުގައި ޓީވީއެމްއިން ގެނެސްދީފައިވެ އެވެ. އަދި އިބޫގެ އެއްވެސް އިންޓަވިއުއެއް ވެސް، ކެމްޕެއިން ހަރަކާތެއް ވެސް ޓީވީއެމްއިން ގެެނެސްދީފައެއް ނުވެ އެވެ.

އިދިކޮޅު ފަރާތްތަކުން ރިޔާސީ ކެމްޕޭން ނިންމާލީ، ޓީވީއެމްގެ އޮންއެއާގެ އެއްވެސް ވަގުތެއް ބޭނުން ނުކޮށެވެ.

މީގެ އިތުރަށް އެ ސްޓޭޝަން ހިންގުމުގެ ކަންކަމުގައި އުޅުއްވާ ޑެޕިއުޓީ އެމްޑީ، މުހައްމަދު އިކުރާމް ވަނީ ޕީޕީއެމްގެ ކެމްޕޭންގެ ތެރެއިން ބޭއްވި، "ސައިޒް ދައްކާ ޖަލްސާ" ހުށަހަޅުއްވައިދެއްވައިފަ އެވެ. އަދި އެ ޖަލްސާގައި އޭނާ ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ރައީސް ޔާމީންއަށް ތައުރީފް ކުރައްވައިފަ އެވެ. މީގެ އިތުރުން، އޭގެ ކުރިން ބޭއްވި ޕީޕީއެމްގެ ގިނަ ޖަލްސާތައް ވެސް އޭނާ ހުށަހަޅުއްވައިދެއްވި އެވެ. އަދި ޓީވީއެމްގެ އޮންއެއާއަށް އަރުއްވައި ރައީސް ޔާމީންއަށް ތައުރީފް ކުރައްވަ އެވެ. މީގެ އިތުރުން އެމްޑީއަކަށް ހުންނެވި އިބްރާހިމް ހަލީލް ވެސް ޕީޕީއެމްގެ ބައެއް ކެމްޕޭން ޖަލްސާތަކުގައި ބައިވެރިވެފައިވެ އެވެ.

އިންތިހާބަށް ވަރަށް ބޮޑަށް ކުޑަތަންވެފައި ވަނިކޮށް ޕީއެސްއެމްގެ ގާނޫނަށް ބަދަލު ގެނެސް، އެތަނުގެ ޗެއާމަންއަކަށް ހުންނެވި އިބްރާހިމް އުމަރު މަނިކު އާއި ޑެޕިއުޓީ އެމްޑީ އަކަށް ހުންނެވި، ޝާޔަން ޝާހިދު ޕީއެސްއެމްގެ ބޯޑުން ވަކިކޮށް، ހަލީލާއި އިކުރާމްއަށް ހިންގުން ހަވާލުކޮށް އެތަނުގެ ބޯޑް އަލުން އެކުލަވާލި އެވެ. މި ހުރިހާ ސަބަބުތަކަކާ ހުރެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރީ، ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލަން ޕީއެސްއެމް އިން މަސައްކަތް ކުރި ކަމަށެވެ. އެކަމާ ގުޅިގެން ޕީއެސްއެމް އިން ވަނީ އެ ވާހަކަތައް ދޮގުކޮށް އެ ވާހަކަތައް ފެތުރި މީޑިއާތަކަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.

މި ހުރިހާ ކަމަކަށް ފަހު ވެސް، ރިޔާސީ އިންތިހާބު އިބޫ ކާމިޔާބު ކުރެއްވުމާ އެކު ޕީއެސްއެމްގެ ރާގު އެހާ ބޮޑަށް ބަދަލުވި ސަބަބާ ގުޅޭ ގޮތުން ބަހެއް ހޯދުމަށް ޕީއެސްއެމްގެ އެމްޑީ ހަލީލްއާ ގުޅި ނަމަވެސް އޭނާ ފޯނަށް ޖަވާބެއް ނުދެއްވި އެވެ.

ރިޔާސީ އިންތިހާބުގައި އިބޫ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން ބަލި ކުރައްވާފައިވަނީ 58
ޕަސެންޓް ވޯޓު ހޯއްދަވައިގެންނެވެ.