ޔުނައިޓަޑް ވިކްޓަރީގެ މައްޗަށް، 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، މާލޭ ލީގްގެ ތާވަލުގެ އެއް ވަނައިގައި މާޒިޔާއާ ޕޮއިންޓާކާ ގާތަށް ނިއުރޭޑިއަންޓް ޖެހިލައިފި އެވެ.
ރޭ ޓީސީ އަތުން އެއްވަރުވުމުން، މާޒިޔާއަށް ވަނީ ނިއުއާ ފަރަގު ބޮޑު ކުރަން ލިބުނު ފުރުސަތު ހަނި ވެފަ އެވެ. މާޒިޔާއަށް ލިބިފައި ވަނީ 25 ޕޮއިންޓެވެ. ޔުނައިޓަޑް ވިކްޓަރީ އަތުން މޮޅުވެ ހޯދި ތިން ޕޮއިންޓާއެކު، ނިއު ވަނީ 24 ޕޮއިންޓް ހަމަ ކޮށްފަ އެވެ.
މިމޮޅާއެކު، ނިއު ވަނީ ދިވެހި ޕްރިމިއާ ލީގް ޖާގަ ކަށަވަރުކުރުމާ ގާތަށް ޖެހިލާފަ އެވެ. ޕްރިމިއާ ލީގާއި އެޓީމާ ދެމެދު މިހާރު އޮތީ އެންމެ ޕޮއިންޓެކެވެ.
މެޗުގެ ކުރިން، ޔުނައިޓަޑް ވިކްޓާރީގެ ކޯޗް މުހައްމަދު ނަޒީހް ދެއްކި އެންމެ މުހިންމު ވާހަކަ އަކީ މެޗުގެ ފުރަތަމަ 15 ނުވަތަ 20 މިނެޓްތެރޭ، ނިއު އަށް ލަނޑު ޖަހަން ފުރުސަތު ނުދީ، ހިފަހައްޓައި ލެވިއްޖެނަމަ ނިއު ޕްރެޝަރަށް ވައްޓައި ލެވޭނެ ކަމަށެވެ. އަދި އޭނާގެ އަމާޒަކީ އަވަހަށް، ލަނޑު ވަނަ ނުދީ ނިއު ޕްރެޝަރަށް ވައްޓާލުން ކަމަށް ނަޒީހް ބުންޏެވެ.
ނަމަވެސް ކަންވީ މުޅި އެއާ ހިލާފަށެވެ. މެޗު ފެށިގެން އަށް ވަނަ މިނެޓް ނިއު އިން ވަނީ ޔޫވީގެ ގޯލް ފޫއަޅުވާލަފަ އެވެ. އަލީ ފާސިރު (ސެންޓޭ) ދިން ފުރުސަތެއްގައި، ނިއު ލަނޑު ކާމިޔާބު ކުރީ، އެޑްރިއަން ގަލާޑޯ އެވެ.
މިއީ ނިއުގެ އާ ކޯޗް ސްޕެއިން އޮސްކާ ބުރުޒޮންގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. އޭނާ ބުނީ، ނިއު ބައްޓަން ކުރަންވީ ގޮތެއް އޭނާ އަށް ދެނެގަނެވޭނީ، މިއަދުގެ މެޗުން ކަމަށެވެ. މެޗުގައި ލަނޑު ޖަހާނެ ބައެއް ފުރުސަތުތައް ލިބުނު ނަމަވެސް، ނިއުގެ ކުޅުތެރިންގެ ފަރާޓުން ފެނުނީ އާދައިގެ ކުޅުމެކެވެ.
ނިއުގެ ދެ ވަނަ ލަނޑަކީ، މެޗުގެ އެންމެ ފަހު ވަގުތުގައި ކޯނަރަކުން ތަނަވަސްވި ބޯޅާއިން އަހްމަދު ސުހައިލް (ބަންޕުޗް) ކާމިޔާބު ކުރި ލަނޑެކެވެ.