މިއުޒިކް

މުހިންމު މެސެޖަކާއެކު ލިއޮވިލްގެ "ޒަހަމް"

ރުކުމާ އާއިލާއިން އުފަންވެގެން އައިސް ހުރި ޒުވާން ލަވަކިޔުންތެރިޔާ މުހައްމަދު ސާދިން (ޑިންބެ) އިސްވެ އުފައްދާފައި އޮތް ލިއޮވިލް ބޭންޑްގެ ލަވަތަކަކީ މިއަދު އެންމެ ކަމުދާ އެންމެ ހިނގާ އެއް ލަވަތަކެވެ. މިހާތަނަށް 10 ލަވަ އެ ބޭންޑުން ހެދިއިރުވެސް ލަވަތައް މަގުބޫލެވެ. ހާއްސަކޮށް ޒުވާނުންގެ މެދުގައި ލިއޮވިލް އަކީ މަގުބޫލު ނަމެކެވެ.

އެ ބޭންޑުގެ ފުރަތަމަ ވީޑިއޯ ލަވަ މިހާރު ރިލީޒްކޮށްފައިވާއިރު އެލަވަ ވަނީ ގިނަ ބަޔަކަށް ކަމުގޮސްފަ އެވެ. "ޒަހަމް" ނަމުގައި ހަދާފައިވާ އެލަވަ އަކީ ފުރައްސާރަ ކުރުމާއި ދެކޮޅަށް ހަދާފައިވާ އަސަރުގަދަ ވީޑިއޯ ލަވައެކެވެ. ކުޑައިރުން ފެށިގެން ފުރައްސާރަކުރުމާއި ކުރިމަތިވެފައިވާ ކުއްޖަކުގެ ނަޒަރުން ހަދާފައިވާ ލަވަ އެކެވެ. ލަވައިން ފެނިގެންދަނީ ފުރައްސާރަކޮސް ހަނގާކުރުމުގެ ސަބަބުން މާޔޫސްވެ ދުނިޔެމަތިން ފޫހިވެ އެކަނިވެރިކަން އިހުސާސް ކުރެވެމުންދާ އަންހެން ކުއްޖެކެވެ. މުހިންމު މެސެޖެއް ފޯރުކޮށްދޭ ލަވަ އެކެވެ. އެލަވައިން ފެނިގެންދާ އަންހެން ކުއްޖަކީ ނިކްލަތު އަލީ އެވެ.

އެލަވަ ލިޔެފައިވަނީވެސް އަދި އެލަވަ ކިޔާފައިވަނީ ސާދިން އެވެ. ލަވައިގެ ކޮޔާ ކިޔާފައިވަނީ ދައު އަދި ނާއްޕެ އެވެ. އަމިއްލަ ރާގުގެ އެލަވައިގެ ރާގުވެސް ހަދާފައިވަނީ ސާދިން އެވެ. "ޒަހަމް"ގެ ވީޑިއޯ ހަދާފައިވަނީ ކުއަންޓަމް ސްކޮޔާ އިންނެވެ.

ލިއޮވިލް އިން މީގެކުރިން ގެނެސްދީފައިވާ ރީތި ލަވަތަކުގެ ތެރޭގައި، ބިނދެލަން އާއި ޒަވިކަން އަދި ނޭވާ ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން ލާލު އާއި ހަންހޫނު ފަދަ ލަވަތަކަކީ ވެސް އޭގެ ހިތްގައިމު މިއުޒިކަށާއި ޅެންވެރިކަމަށް ފާހަގަކޮށްލެވޭ ލަވަތަކެވެ.

ސާދިން އާއި ލިއޮވިލް އިން ޒުވާން ލަވަކިޔުންތެރިޔާ ބަތޫލްއާ އެކު ރިކޯޑްކޮށްފައިވާ ލަވަ "ސޫރަތިޔޭ" އަކީ ވެސް އެހުންތެރިންގެ މެދުގައި ނިކަން ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ލަވައެކެވެ.

ލިއޮވިލް އިން މީގެކުރިން ވަނީ ކަވާ ލަވަވެސް ނެރެފަ އެވެ. އެ ބޭންޑު ވުޖޫދަށް އައިސްފައިވަނީ މީގެ ދެ އަހަރު ކުރިންނެެވެ. ލިއޮވިލްގެ ރީތި އާ ލަވަތަކެއް ނިކަން އަވަހަށް އިވިގެންދާނެ އެވެ.